ރާއްޖޭގެ މިނިވަންކަމާ އިސްތިގުލާލަށް އުނިކަމެއް އަތުވެދާނެ ފަދަ އެއްވެސް ކަމެއް މި ސަރުކާރުން ނުކުރާނެ: އަޒާން

އިރާދަކުރެއްވިއްޔާ މިސަރުކާރުން ރާއްޖޭގެ މިނިވަންކަމާ އިސްތިގުލާލަށް އުނިކަމެއް އަތުވެދާނެ ފަދަ އެއްވެސް ކަމެއް ނުކުރާނެ ކަމުގައި ހިތަދޫ މެދު ދާއިރާގެ މެންބަރު އަހްމަދު އަޒާން ވިދާޅުވެއްޖެއެވެ. އަޒާން...

10 Oct 2024 | 05:18

އިރާދަކުރެއްވިއްޔާ މިސަރުކާރުން ރާއްޖޭގެ މިނިވަންކަމާ އިސްތިގުލާލަށް އުނިކަމެއް އަތުވެދާނެ ފަދަ އެއްވެސް ކަމެއް ނުކުރާނެ ކަމުގައި ހިތަދޫ މެދު ދާއިރާގެ މެންބަރު އަހްމަދު އަޒާން ވިދާޅުވެއްޖެއެވެ.

އަޒާން މިހެން ވިދާޅުވެފައިމިވަނީ ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ މިހާރު އިންޑިއާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އިންޑިއާއާއި ގުޅުން ބަދަހިކުރާތީ ފާޑުކިޔުންތައް އަމާޒުކުރަމުން އަންނައިރު އެ ފާޑުކިޔުންތަކުގެ ތެރޭގައި އަޒާންގެ ނަންވެސް ގެންނަމުން އަންނަ ދަނޑިވަޅެއްގައި ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައެވެ.

އެ ޕޯސްޓްގައި އަޒާން ވިދާޅުވެފައިވަނީ އެންމެ ބޮޑަށް ދެކޮޅު ހެދިކަމަކީ ރާއްޖޭގައި އެކި ނަންނަމުގައި އިންޑިއާ ސިފައިން ޤާއިމެވެގެން ތިބި ތިބުން ކަމަށާއި ރައީސް ޑރ.މުއިއްޒުވަނީ ވެރިކަމުގެ ހުވާކުރެއްވިތާ މަދު ދުވަސްކޮޅެއްގެ ތެރޭގައި އިންޑިއާ އާއި ވާހަކަ ދައްކައިގެން ސިފައިން ފޮނުވާލާފައި ކަމަށެވެ.

"އެމްޑީޕީ ވެރިކަމުގައި ޤައުމުގެ ހާރޖީ ސިޔާސަތަކަށް ވެފައި އޮތީ "އިންޑިއާ އޮންލީ" އެއާ ހިލާފަށް ރައީސް ޑރ.މުއިއްޒުގެ ސަރުކާރުން ގެންގުޅެނީ "މޯލްޑިވްސް ފަސްޓް" ސިޔާސަތެއް، މާނައަކީ, އެހެން ޤައުމުތަކާއިއެކު ބާއްވާ ގުޅުންތައް ބާއްވަނީ ރާއްޖޭގެ މަސްލަހަތަށް އިސްކަން ދީގެންނޭ" އަޒާން އޭނާގެ ޕޯސްޓްގައި ވިދާޅުވެފައިވެއެވެ.

މިހާރު ރައީސް ޑރ.މުއިއްޒު އިންޑިއާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ރާއްޖޭގެ މިނިވަންކަމާ އިސްތިގުލާލަށް އަސަރުކުރާފަދަ އެއްބަސްވުމެއްގައި ދިވެހި ސަރުކާރުން ސޮއިކޮށްފައިނުވާކަން ފާހަގަކުރަމުން އަޒާން ވިދާޅުވެފައިވަނީ އިންޑިއާއިން އާންމު އުސޫލުން ދިވެހިރާއްޖޭގެ ރައީސަކު އެ ޤައުމަށް ވަޑައިގަތުމުން, އެ މީހުން ބޭނުންވާ ބައެއްކަންކަމާ މެދު މަޝްވަރާކުރި ކަމަށާއި އެކަމަކު ދިވެހި ސަރުކާރުން އެއްވެސް ކަމެއް ކުރަން ނިންމާނީ ރާއްޖެއަށް އެކަމަކުން އެންމެ ފައިދާ ބޮޑު ގޮތެއް ބަލާފައިކަމަށެވެ.

މިއަދު އިންޑިއާ ސިފައިންނޭ ކިޔައިގެން ވާހަކަ މިދައްކާ ބައެއް ފަރާތްތަކަކީ މީގެ ކުރިން އެއީ ރާއްޖޭގައި ނެތް ބައެއް ކަމަށް ބުނި މީހުންކަމަށާއި އަދި އެމީހުން ތިބުމަކީވެސް މައްސަލައެއް ނެތް ކަމަށް ގަބޫލުކުރި މީހުން ކަމަށާއި އަދި ރާއްޖެއިން އިންޑިއާ ސިފައިން ބާލައިފިނަމަ ރާއްޖެ ބަނޑަށް ޖެހިދާނެއޭ ކުރީ ސަރުކާރުގެ ވަޒީރުންނާއި, އެމްޑީޕީން ހިންގާ ނޫސްތަކުން ކުރިން ބުނެފައިވާއިރު މިވާހަކަތައް ހަނދާން ނެތޭހާ ދުވަސް އަދި ނުވާކަމުގައިވެސް އަޒާން ވިދާޅުވެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް