އިންޑިއާގެ ވަރުގަދަ ވިޔަފާރިވެރިޔާ އަދި ޓާޓާ ސަންސް )ޓާޓާ ގްރޫޕް) ގެ ކުރީގެ ވެރިޔާ ރަތަން ޓާޓާ އަވަހާރަވެއްޖެއެވެ.
ރަތަން ޓާޓާ އަވަހާރަވި އިރު އުމުރަކީ 86 އަހަރެވެ.
މުމްބާއީގެ ހޮސްޕިޓަލެއްގައި ފަރުވާދެމުންދަނިކޮށް ރަތަން ޓާޓާ އަވަހާރަވިކަން ޓާޓާ ސަންސްގެ މިހާރުގެ ޗެއާމަން އެން ޗަންދްރަސޭކަރަން ވަނީ އިއުލާނުކުރައްވައިފައެވެ. އެހެންނަމަވެސް އަވަހާރަވި ސަބަބު ހާމަކުރައްވާފައެއް ނުވެއެވެ.
އާލާސްކަންފުޅެއްގައި ރަތަން ޓާޓާ، މުމްބާއީގެ ކޭންޑީ ހޮސްޕިޓަލުގައި އެޑްމިޓްކުރީ މި ހަފްތާގެ ތެރޭގައެވެ. އޭރު ޓާޓާ ސަންސް ގްރޫޕުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެޑްމިޓް ކުރީ މެޑިކަލް ޗެކްއަޕްތަކެއް ހެދުމަށް ކަމަށެވެ.
ޓާޓާ ގްރޫޕަކީ ގާތްގަނޑަކަށް 100 އަށްވުރެ ގިނަ ކުންފުނި އޮޕަރޭޓް ކުރަމުން ބޮޑު ކުންފުންޏެކެވެ. އިންޑިއާގެ އެންމެ ވަރުގަދަ އެއް ކުންފުނި މެއެވެ. އިންޑިއާގައި ވެހިކަލް އުފައްދާ އެންމެ ބޮޑު ކުންފުނި ކަމުގައިވާ ޓާޓާ މޮޓޯސް އާއި ދަގަނޑު އުފައްދާ ޓާޓާ ސްޓީލް އަކީ ޓާޓާ ގްރޫޕްސްގެ ކުންފުނިތަކެވެ. އެކި ކުންފުނިތަކުގައި 350،000 އަށްވުރެ ގިނަ މުވައްޒަފުން ވަޒީފާ އަދާކުރަމުން އަންނަ ޓާޓާ ކުންފުނިން 2008 ވަނަ އަހަރު 2.3 ބިލިޔަން ޑޮލަރަށް ޖަގުއަރ އަދި ލޭންޑް ރޯވާ ބްރޭންޑް، ފޯޑް ކުންފުނިން ގަތުން ވެގެންގޮސްފައިވަނީ ދުނިޔެ ހައިރާންކޮށްލި ވިޔަފާރީގެ ބޮޑު ޑީލަކަށެވެ. އަދި ހަމަ އެހެންމެ އިންޑިއާގެ ސަރުކާރުން ހިންގަމުން ދިޔަ އަދި މިހާރު އަލުން 2021 ވަނަ އަހަރު ޓާޓާ ގްރޫޕުން ގަނެފައިވާ އެއާ އިންޑިއާ ކުންފުންޏަކީ 1932 ވަނަ އަހަރު ޓާޓާ ގްރޫޕުން ފެށި ވިޔަފާރިއެކެވެ.
ރަތަން ޓާޓާ، ޓާޓާ ސަންސްގެ ހިންގުމާއި ހަވާލުވީ އެ ކުންފުނީގެ ކުރީގެ ޗެއާމަން ސައިރަސް މިސްތްރީ އަވަހާރަވުމާއި ގުޅިގެންނެވެ. އެއަށްފަހު ޑިސެމްބަރ 2012 ގައި ރަތަން ޓާޓާ ވަނީ ކުންފުނީގެ ޗެއާމަންކަމުން ރިޓަޔަރ ކުރައްވާފައެވެ. މިހާރު ކުންފުނީގެ ޗެއަރމަން އަކީ ނަތަރާޖަން ޗަންދްރަޝޭކަރަން އެވެ.
ޓާޓާ ސަންސް ގްރޫޕަކީ ޓާޓާ ފެމިލީއަށް ނިސްބަތްވާ އާއިލީ ވިޔަފާރިއެކެވެ. އެއީ އިންޑިއާގެ ގުޖުރާތައް ނިސްބަތްވާ ޖަމްޝޭދްޖީ ޓާޓާ ނަމަކަށްކިޔާ ވިޔަފާރިވެރިއަކު 1868ގައި ފެށި ވިޔަފާރިއެކެވެ. ޖަމްޝޭދްޖީ ޓާޓާ އަށް ތިން ދަރިން ލިބިލެއްވިއިރު ރަތަން ޓާޓާ އަކީ ޖަމްޝޭދްޖީ ޓާޓާގެ ދެވަނަ ފިރިހެން ދަރި ރަތަންޖީ ޓާޓާގެ ކާފަ ދަރިއެވެ.
ޓާޓާ ގްރޫޕަކީ ޕަބްލިކް ލިސްޓެޑް 29 ކުންފުނި ހިމެނޭހެން އެކު ޖުމްލަ 100 އަށްވުރެ ގިނަ ކުންފުނި ހިންގަމުން އަންނަ، ރައުސުލްމާލުގައި 403 ބިލިޔަނަށްވުރެ ގިނަ ޑޮލަރު ހުރި ކުންފުންޏެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް