ހޮނިހިރު ދުވަހު ހެނދުނުން ފެށިގެން ހަމާސް އާއި އިޒްރޭލާއި ދެމެދު ކުރިއަށްދާ ހަމަލާ ބަދަލުކުރުންތަކުގައި އިޒްރޭލުން މަރުވި މީހުންގެ އަދަދު 900 އަށް އަދި ފަލަސްތީނުން މަރުވި އަދަދު 700 އަށް އަރައިފިއެވެ. ފަލަސްތީނުން މަރުވި މީހުންގެ ތެރޭގައި 140 ކުޑަކުދިންވެސް ހިމެނެއެވެ.
ޒަހަމްވި މީހުންގެ އަދަދުތަކަށް ބަލާލާއިރު އިޒްރޭލުގެ 2600 މީހަކު ޒަހަމްވެފައިވާއިރު ފަލަސްތީނުގެ ހަތަރު ހާހަށްވުރެ ގިނަ މީހުން ޒަހަމްވެފައިވެއެވެ.
ރޭގައިވެސް ހުއްޓުމެއްނެތި އިޒްރޭލުން ގާޒާއަށް ބޮން އަޅަމުން ގެންދިޔައެވެ. އެގޮތުން ގާޒާގެ 200 ސަރަހައްދަކަށް ރޭގައި އެކަނި ބޮން އަޅާފައިވާނެކަމަށް އިޒްރޭލުން ބުނެއެވެ. ރޭގައި ބޮން އެޅި ސަރަހައްދުތަކުގެ ތެރޭގައި ގާނޫނު ހަދާ މަޖިލީހާއި މިނިސްޓްރީތަކާއި ބައެއް މިސްކިތްތަކާއި އާންމު ގެތައްވެސް ހިމެނެއެވެ.
ހަމާސް އިން ދިން ހަމަލާތަކުގެ ބަދަލު ހިފުމުގެ ރޫހުގައި އާންމުންނަށް ބެލުމެއްނެތި އިޒްރޭލުން އަންނަނީ ހަމަލާދެމުންނެވެ. އެ ހަމަލާތައް ދެމުން އަންނައިރު އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވިދާޅުވެފައިވަނީ ގާޒާ އަކީ ހަނަފަސް ބިމަކަށް ހަދާލާނެ ކަމަށާއި ހަމާސް ނައްތާލާނެ ކަމަށެވެ. އިޒްރޭލުގެ ޑިފެންސް މިނިސްޓަރު އިއްޔެ ބުނެފައިވަނީ ގާޒާގައި ތިބީ އިންސާނުން ނޫން ކަމަށާއި އެއީ އިންސާނުންގެ ސިފައިގައި ތިބި ޖަނަވާރުން ކަމަށެވެ.
އިޒްރޭލުގެ ހަމަލާތައް އިންސާނީ ހައްގުގައި މަސައްކަތްކުރާ ޖަމިއްޔާ ޖަމާއަތްތަކުން ކުށްވެރި ކުރަމުންދިޔަނަމަވެސް އެމެރިކާއިން އަންނަނީ އިޒްރޭލަށް އެއްބާރުލުމާއި ހިތްވަރު ދެމުންނެވެ. އަދި ހަނގުރާމައިގެ ތެރެއަށް ނުވަނުމަށް އެހެން ގައުމުތަކަށްވެސް އަންގަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް