ތާރީހަކީ މި ހިނގާ އޮކްޓޯބަރު މަހުގެ ހަ ވަނަ ވީ ބުރާސްފަތި ދުވަހެވެ. ތައިލެންޑު ގަޑިން ހެނދުނު 11:24ގައި، އުމުރުން 34 އަހަރުގެ ޕަންޔާ ޚަމްރާބް ނަމަކަށް ކިޔާ ޒުވާނަކު ހުދު ކުލައިގެ ޓްރަކެއްގައި އޭނާގެ ގެއިން ދަތުރު ފަށައެވެ. މިސްރާބު ހުރީ ތައިލެންޑްގެ ނޮންގ ބުއާ ލަމްފޫ ޕްރޮވިންސްގެ އުތައި ސަވަން ސަބް ޑިސްޓްރިކްޓްގައި ގާއިމްކޮށްފައި ހުރި ޑޭ ކެއާ ސެންޓަރަކަށެވެ.
ޑޭ ކެއާ އެ ސެންޓަރަށް ޚަމްރާބަށް ދެވުނީ ގާތްގަނޑަކަށް ގަޑިން މެންދުރު 12:50 ހާއިރުގައެވެ.
އެ ޓްރަކުގައި އޭނާ ދިޔައީ 9 އެމްއެމްގެ ފިސްތޯލައަކާއި ޝޮޓްގަންއެއް އަދި ވަޅިއެއް ހިފައިގެންނެވެ.
އެންމެ ފުރަތަމަ ޝޮޓްގަން އިން ހަމަލާދީ މަރާލީ ބައްޕަ އަކާއި އޭނާގެ ދަރިއެކެވެ. އެއީ އެ ޑޭކެއާ ނުވަތަ ނާސަރީގެ ބޭރުންނެވެ. އެތާނގެ އޮފީސް އިމާރާތަށް ވަދެ އެތަނުގެ ފަސް މުވައްޒަފަކަށް ބަޑިން ހަމަލާ ދިނެވެ. އެތަނުން ތިން މީހަކު މަރާލިއެވެ. މަރާލި މީހުންގެ ތެރޭގައި ބަނޑަށް އަށް މަހުގެ ޓީޗަރަކުވެސް ހިމެނެއެވެ.
އެއަށްފަހު ދެން ޚަމްރާބު ގޮސްވަނީ ކުޑަކުދިންތައް ނިދަން ތިބި ކޮޓަރިއަކަށެވެ. އެ ކޮޓަރީގައި 30 ކުޑަ ކުއްޖަކު ތިބި އިރު ވަޅިންނާއި ބަޑިންނާއި ދެވުނު ގޮތަކަށް ހަމަލާދީ އެތައް ކުޑަކުދިންނެއް ކަތިލާ މަރާލުމަށްފަހު ދެން ނިކުމެގެން ދަމުންވެސް ބަޑި ޖަހައިގެންނާއި ޓްރަކުން ޖައްސައިގެން މީހުން މަރަމުން ޒަހަމްކުރަމުން ގޮސް އެ ޓްރަކްގައި ގެއަށްގޮސް އެންމެ ފުރަތަމަ އެ ޓްރަކްގައި ރޯކޮށްލިއެވެ. އަދި އެއަށްފަހު އަމިއްލައަށް މަރުވިއެވެ. ރަހުމް ކުޑަ އެ ހަމަލާތަކުގައި އޭނާގެ އަނބިމީހާ އަދި ދޮން ދަރިވެސް މަރާލިއެވެ.
އެތައް ކުޑަކުދިންނެއް ހިމެނޭހެން ޖުމްލަ 36 މީހަކު އެ ހަމަލާތަކުގައި މަރުވެފައިވާއިރު މިއީ ތާރީހުގައިވެސް ހިނގި މިފަދަ ބޮޑު ހާދިސާއެވެ.
މި ހާދިސާ ހިނގިތާ ދެތިން ދުވަސް ފަހުން މި ހަމަލާ ދިން ޚަމްރާބްގެ ބައެއް ހަގީގަތްތައް ވަނީ ފުލުހުންނާއި އޭނާ ދަންނަ މީހުން ހާމަކޮށްފައެވެ. އެގޮތުން އޭނާ އަކީ ކުރިން ޕޮލިހެއް ކަމާއި ވަޒީފާގެ ކުރިއެރުންވެސް ލިބެމުންދިޔަ ޒުވާނެއް ކަމާއި އެހެން ނަމަވެސް ޑިއުޓީ އެހެން ސަރަހައްދަކަށް ބަދަލުކުރުމާއެކު މަސްތުވާތަކެތީގެ ވަބާގައި ޖެހި، ތަހުގީގެއްގައި އެކަމަށް އެއްބަސްވެ ފުލުހުންގެ ވަޒީފާ ގެއްލުނުކަން ހާމަވެގެން ދިޔައެވެ.
ފުލުހުންގެ ވަޒީފާ ގެއްލުނުފަހުން އަނބިމީހާއާއި އަބަދު މައްސަލަ ޖެހި، މީހާ ބަނގުރޫޓުވެ، އަމިއްލަ އަތުން މީހާ ހަލާކުވެ ދަމުން އެ ދިޔައީ މައުސޫމް އެތައް ފުރާނައެއް ނަގާލާފައެވެ. މި ވަރުގެ ގަތުލު އާމެއް އޭނާ ހިންގަން ޖެހުނު ސަބަބު އަދި ސީދާ ހާމަކޮށްފައި ނުވި ނަމަވެސް އޭނާ މި އަމަލު ހިންގީ އަމިއްލަ އަތުން އަމިއްލަ މީހާ ހަލާކަށްގޮސް ހުސްވެ ހަމަ ބުއްދި ފިލާ ގޮސްގެންކަމަށް ސފަ ކުރެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް