އާ ރަންވޭގެ މޭސްތިރިއަކީ އަދީބު، ޔާމީން އުޅުއްވީ ސިންގަޕޫރަށް ދިއުމާއި ތާސްކުޅުމާއި ކަރުތާފެނު ކުޅިވަރު ކުޅުމައިގެން: އެމްޓީޑީ

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ އާ ރަންވޭގެ ހަގީގީ މޭސްތިރިއަކީ މޯލްޑިވްސް ތާޑްވޭ ޑިމޮކްރެކްސް (އެމްޓީޑީ)ގެ ރައީސް، އަހްމަދު އަދީބު ކަމުގައި އެ ޕާޓީން ބުނެފިއެވެ. އެ ޕާޓީން މިހެން ބުނެފައިވަނީ ތާރީހު...

10 Oct 2022 | 14:05

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ އާ ރަންވޭގެ ހަގީގީ މޭސްތިރިއަކީ މޯލްޑިވްސް ތާޑްވޭ ޑިމޮކްރެކްސް (އެމްޓީޑީ)ގެ ރައީސް، އަހްމަދު އަދީބު ކަމުގައި އެ ޕާޓީން ބުނެފިއެވެ.

އެ ޕާޓީން މިހެން ބުނެފައިވަނީ ތާރީހު އޮޅުވައިނުލުމަށް ގޮވާލައި ނެރެފައިވާ ނޫސްބަޔާނެއްގައެވެ.

އެ ނޫސްބަޔާނުގައި ބުނެފައިވަނީ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް ނުވަތަ "ދިވެހީންގެ އެއަރޕޯޓް" އަނބުރާ ހޯދީ 2012 ގައި ރައީސް ޑރ. މުޙައްމަދު ވަޙީދު ޙަސަން މަނިކުގެ ވެރިކަމުގައި ކަމަށާއި އެދުވަސްވަރު، އެމްޓީޑީގެ ރައީސް އަދި ދިވެހި ރާއްޖޭގެ ކުރީގެ ނައިބު ރައީސް އަޙްމަދު އަދީބު ޓުއަރިޒަމް މިނިސްޓަރު ކަމުގައި ހުންނަވައި، އެމްއޭސީއެލްގެ އިސްވެރިންނާއެކު މަޝްވަރާކުރައްވަވައި ވާދަވެރި ޒަމާނާއެއްހަމައެއްގައި އެއަރޕޯޓް ތަރައްޤީ ކުރުމުގެ ޕްލޭން އެކުލަވާލައި، ސްކޮޓްވިލްސަން މާސްޓަރ ޕްލޭނެއްގެ ދަށުން ދެވަނަ ރަންވޭ އެޅުމަށް ނިންމީ ރައީސް ޑރ. ވަހީދުގެ ވެރިކަމުގައި ސީދާ އަޙްމަދު އަދީބުގެ މޭސްތިރިކަމުގެ ދަށުން ކަމަށެވެ.

"2014 ވަނަ އަހަރާއި 2015 ވަނަ އަހަރު ސްކޮޓްވިލްސަން މާސްޓަރޕްލޭން އަށް އިންފްރާޓާ ގެ ކޮންސަލްޓަންސީގެ ދަށުން ބަދަލުތައް ގެނެސް އިތުރު ފުރިހަމަކަން ގެނައުމަށާއި ކޮންސަލްޓަންސީ ހޯދުމުގެ ގޮތުން އަޙްމަދު  އަދީބުގެ މޭސްތިރިކަމުގެ ދަށުގައި ސިންގަޕޫރުގެ ޗަންގީ އެއަރޕޯޓްސް ރާއްޖެއަށް އައުމަށް ދަޢުވަތު ދެވުނެވެ. އަދި މި ދަޢުވަތާ އެއްގޮތަށް ސިންގަޕޫރުގެ ޗަންގީ އެއަރޕޯޓްސް ރާއްޖެއައިސް އެމްއޭސީއެލް އާއި އެކީގައި މަސައްކަތްކޮށް މާސްޓަރޕްލޭން ވަނީ ފުރިހަމަކުރެވިފައެވެ. ޗައިނާގެ ބީޔޫސީޖީއަށް ދަޢުވަތު ދީގެން ރާއްޖެ ގެނައުމާއި، އެއަރޕޯޓްގެ ދެވަނަ ރަންވޭއާއި، ފިއުލްފާރމާއި، އެއަރކާގޯ ޓާރމިނަލް އާއި ސީޕްލޭން ޓާރމިނަލްވެސް ފަހުން އެފަރާތާ ހަވާލުކޮށް ޗައިނާގެ އެގްޒިމްބޭންކް އިން ފެސިލިޓީ ހޯދައި، ދިވެހި ގައުމުގެ މުސްތަޤުބަލުގެ ޙައްޤުގައި ކުރެއްވި ޤައުމީ ބަޠަލަކީ އަދި އާރުކާޓީއަކީ އެމްޓީޑީގެ ރައީސް އަޙްމަދު އަދީބެވެ" އެ ނޫސްބަޔާނުގައި ބުނެފައިވެއެވެ.

އެމްޓީޑީގެ ނޫސްބަޔާނުގައި ފާހަގަކޮށްފައިވާގޮތުގައި އެދުވަސްވަރު ރައީސް ޔާމީން ގިނަގިނައިން އުޅުއްވީ ސިންގައްޕޫރުގައި އެސްޓީޑީ އަށް ފަރުވާ ކުރުމަށާ އާރަށުގައި ތާސްކުޅުއްވުމުގައާއި، ކަރުތާފެނަށް މޫދަށްއެރި އެކި ކުޅިވަރުކުޅުއްވާށެވެ. އެމްޓީޑީގެ ރައީސް އަދި ދިވެހި ރާއްޖޭގެ ކުރީގެ އަޙްމަދު އަދީބު 2012 ވަނަ އަހަރު ޓޫރިޒަމް މިނިސްޓަރ ކަމާއި ހަވާލުވި އިރު ދިވެހި ފަތުރުވެރިކަމުގެ މަރުކާގެ ގޮތުގައި ބޭނުންކުރަމުންއައި ދިވެހި ފަތުރުވެރިކަމުގެ ބިލިއަން ޑޮލަރުގެ ބްރޭންޑް "ސަނީ ސައިޑް އޮފް ލައިފް" އޮތީ ކުނިވަށިގަނޑަށް ލާފައި ކަމަށާއި ކުނިވަށިގަޑުން ނަގައި، އަލުން މި ބްރޭންޑް އިޔާދަކުރުމަކީ ޓޫރިޒަމް އިންޑަސްޓްރީ އާއި މަޝްވަރާކޮށްގެން އަޙްމަދު އަދީބު ނިންމެވި ހިތްވަރުގަދަ ނިންމެވުމެއްކަމަށް ބުނެފައިވެއެވެ. އަދި 1 މިލިއަން ފަތުރުވެރިންގެ އަމާޒު ހިފާ 2013 ނިޔަލަށް 1 މިލިއަން ފަތުރުވެރިން އެއަހަރުތެރޭ ރާއްޖެއަށް ޒިޔާރަތްކޮށް، އެމަނިކުފާނު ގައުމަށްޓަކައި ކަނޑަ އެޅި ޓާރގެޓް އޭރުގެ ސިޔާސީ ހަލަބޮލި ކަމާއި އިންތިހާބުގެ ބުރަ އުފުލުމުގެ ތެރެއިންވެސް ޓާގެޓްކުރި ފެހި ރޮނގު ހުރަސްކޮށްފައިކަން އެމްޓީޑީން ފާހަގަކޮށްފައިވެއެވެ.

"ބީބީސީއާއި ދުނިޔޭގެ އެހެން ޗެނަލްތަކުގައި ރާއްޖެ އިސްތިހާރުކުރުމުގެ އިތުރުން، ޑެސްޓިނޭޝަން ޕްރޮޟޮޝަން ސޯޝަލް މީޑިއާގައި ފެށީއެމަނިކުފާނުގެ މޭސްތިރިކަމުގެ ދަށުންނެވެ. ދުނޭގެ މަޝްހޫރު ސެލެބްރިޓީންނާއި ފަންނާނުންނާއި އަދި ސޯޝަލް މީޑިއާގައި ނުފޫޒުގަދަ ފަރާތްތައް ކަނަށްވާ ސޯޝަލް މީޑިއާ އިންފުލުއެންޒަރސް މެދުވެރިކޮށް ރާއްޖެ ޕްރޮމޯޓް ކުރަން ފެށީ އަހުމަދު އަދީބުގެ ދުރުވިސްނުމާއި އިސްނެގެވުމުގެ މަތީންގެވެ. ހަތަރުވަނަ ވަނަ ޓުއަރިޒަމް މާސްޓަރޕްލޭން 2013 ގައި އެކުލަވާލާ ތަންފީޒުކުރުމުގެ މަސައްކަތަކީ ދިވެހި ޤައުމުގެ މުސްތަޤުބަލުގެ ޙައްޤުގައި އެމްޓީޑީގެ ރައީސް އަޙްމަދު އަދީބު ކުރެއްވި އައްސަރިބަހާއި ސާބަސް ޙައްޤު މަސައްކަތެކެވެ. މިއަދުވެސް ތަންފީޒުކުރަމުންދަނީ އަޙްމަދު އަދީބު ފަރުމާކުރެއްވި ފަތުރުވެރިކަމުގެ މާސްޓަރ ޕްލޭންއެވެ." އެމްޓީޑީން ބުނެފައިވެއެވެ.

މީގެ އިތުރުންވެސް އަދީބުގެ މޭސްތިރިކަމުގެ ދަށުންކޮށްފައިވާ އެތައް ކަމެއް ފާހަގަކޮށްފައިވާ އެ ނޫސްބަޔާނުގައި ބުނެފައިވާގޮތުގައި 2012 ވަނައަހަރު ރާއްޖޭގެ ފަތުރުވެރިކަމަށް 40 އަހަރު ފުރުނުއިރު، މި 40 އަހަރުތެރޭގައި ތަރައްޤީކުރެވި، ރަޖިސްޓްރީކުރެވިފައި ހުރީ ގާތްގަޑަކަށް ފަންސަވީހަކަށް ހާސް އެނދެވެ. ނަމަވެސް ފަތުރުވެރިކަމުގެ ސިނާޢަތަށް އާދިރުމެއް، އާޒަމާނެއް ގެންނެވުމަށްޓަކައި އަހުމަދު އަދީބު އެކަށައެޅުއްވި ހަރުދަނާ ސިޔާސަތުތަކާއި އެތައް ބައެއްގެ މިންނަތް މަސައްކަތުން ރާއްޖޭގެ ފަތުރުވެރިކަމަށް ފަންސާސް އަހަރު ފުރޭއިރު ރަޖިސްޓްރީ ކުރެވިފައިވާ 57 ހާސް އެނދު ހުރުމަކީ ކުރުމުއްދަތެއްގެ ތެރޭގައި މުޅިރާއްޖޭގެ ޖީޑީޕީ ޑަބަލްވުމުގެ މައިގަނޑު ސަބަބު ކަމުގައި ފާހަގަކޮށްފައިވެއެވެ.

" ބްރިޖުގެ މަސައްކަތާއި ހުޅުމާލެ ފޭސް 2 ގެ މަސައްކަތަކީ ސީދާ އަހުމަދު އަދީބުގެ އިސްނެންގެވުމާއި ބެއްލެވުމުގެ ދަށުން ޕްލޭންކޮށް، ފަންޑް ހޯދާ އެގްރީމަންޓް ކުރެވިފައިވާ ބިޔަބޮޑެތި މަޝްރޫޢު ތައް ހަނދާނަށް ގެންނަވާ، 2013 ގައި ޕީޕީއެމްގެ އިކޮނޮމިކް މެސިފެސްޓޯ އެކުލަވާލާ ހުށަހަޅާއިދީ ތަންފީޒު ކުރުމުގެ އެންމެ އިސް ދައުރެއް އަދާކުރި އާރުކާޓީއަކީ އެމްޓީޑީގެ ރައީސް އަދި ކުރީގެ ނައިބު ރައީސް ލޮބުވެތި ރައީސް ކުރީގެ އަހުމަދު އަދީބު" އެމްޓީޑީން ފާހަގަކޮށްފައިވެއެވެ.

އެ ނޫސްބަޔާނުގައި ފާހަގަކޮށްފައިވާގޮތުގައި ފެލިދެ އަތޮޅު (ފ) އަތޮޅުގެ މެގަ ޕްރޮޖެކްޓާއި އައިހެވަންއަކީ 2012 އިންފެށިގެން އަހުމަދު އަދީބު ނެގޯޝިއޭޓްކޮށް ޕްލޭން ކުރަމުން އައި ބޮޑު ދެ މަޝްރޫއެވެ. އަދި އަހުމަދު އަދީބުގެ މާސްޓަރސް ގެ ރިސަރޗްގައި ހިމެނި  އެކި ގައުމުތަކުގަ ކާމިޔާބު ކަމާއެކު ހިންގުން އެސްއީޒެޑް ކޮންސެޕްޓަކީ އެމަނިކުފާނު މެނިފެސްޓޯގައި ހިމަނާ ކަމާގުޅުންހުރި ޤަނޫނުތައް ވުޖޫދަށް ގެނެސް އަދި ހަމައެއާއެކު އެސްއީޒެޑް އޮފީސް ގާއިމްކޮށް އެސްއީޒެޑްތައް ގާއިމުކުރައްވަން އަހުމަދު އަދީބް ފެއްޓެވިތަނާ، ރައީސް ޔާމީނުގެ އަމުރަށް ފްރޭމްކޮށް އަޙްމަދު އަދީބު ޖަލަށްލީ، އަދީބު ހުންނަވައިފިނަމަ ރައީސް ޔާމީނަށް ތަރައްގީގެ އެއްވެސް ކްރެޑިޓެއް، ތަޢުރީފެއް، ސަނާއެއް ނުލިބޭނެތީ ކަމަށް ބުނެފައިވެއެވެ. ނަމަވެސް އެކަމުގެ ސަބަބުން ރައީސް ޔާމީނަށް އައިހެވަން، ފ. އަތޮޅުގެ ބިޔަ ޕްރޮޖެކްޓާއި އެސްއީޒެޑްގެ އެންމެ ޕްރޮޖެޓެއް ކާމިޔާބެއް ނުކުރެވުނުކަމާއި  އަދި 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުވެސް އަޙްމަދު އަދީބު ނުލާ ކާމިޔާބެއް ނުކުރެއްވުނުކަމާއި މަޖިލިސް މެމްބަރުންނާއި އަޣުލަބިއްޔަތު ގެއްލި، ކޯޓްތައް ދެކޮޅުވެދިޔަ ހިނދުވެސް ރައީސް ޔާމީން އުޅުއްވީ އަޙްމަދު އަދީބު ޖަލައްލާފަ ޑިފެންސައް ކުޅެންކަމުގައި އެމްޓީޑީގެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް