ތަޖަކިސްތާނުގެ މަޝްހޫރު ލަވަކިޔުންތެރިޔާ އަބްދު ރޯޒިކްއަކީ މިހާރު މުޅި ދުނިޔޭގައި މަޝްހޫރު މީހެކެވެ.
އުމުރުން 19 އަހަރުގެ އަބްދުއަކީ ލަވަކިޔުންތެރިއެއްގެ އިތުރުން މިއުޒީޝަނެކެވެ. އަދި ބޮކްސަރެކެވެ. އޭނާ އަކީ ބްލޮގަރެއްވެސްމެ އެވެ.
މިހުރިހާ ހުރަނެއް ހުރި މީހަކަށް ވިޔަސް އޭނާ ދުނިޔޭގައި މަޝްހޫރުވީ އިސްކޮޅުން ކުރުކަމުންނެވެ. ދުނިޔޭގެ އެންމެ އިސްކޮޅުން ކުރު ލަވަކިޔުންތެރިޔާގެ ލަގަބު އޮތް އަބްދުގެ އިސްކޮޅުގައި ހުރީ 94 ސެންޓިމީޓަރެވެ.
ހޯމޯންސތަކެއް ފެއިލްވެ އަބްދު ހެދި ބޮޑުވުން ހުއްޓުނީ އުމުރުން ފަސް އަހަރުގައި އެވެ.
އުމުރުން ހަ އަހަރުގައި ލަވަކިޔަން ފެށި އަބްދުއަށް އެ ގައުމުގެ ބައެއް އެވޯޑުތައް ލިބިފައިވެ އެވެ. އޭނާ ލަވަކިޔުމުގެ ދާއިރާއިން ކުރިޔަށް ގޮސް މިދިޔަ އަހަރެއްހާ ދުވަހުގެ ތެރޭގައި އިންޑިއާއަށް ކުރި ދަތުރަކުން މުޅި ހަޔާތް ވަނީ ބަދަލުކޮށްލާފައި އެވެ.
އޭގެ ކުރިންވެސް ސޯޝަލް މީޑިއާގައި ނުފޫޒު ގަދަ އަބްދު ވަނީ އެ ދަތުރުގައި އޭއާރު ރަހްމާނާއި އެކު ޝޯއެއް ދީފައި އެވެ. ސަލްމާން ހާނާއި ބައްދަލުކޮށް މީޑިއާގެ ފަލަ ސުރުހީތަކަށް އަރާފައިވެ އެވެ. މީގެ އިތުރުން އިންޑިއާގެ މަޝްހޫރު ގިނަ ބަޔަކާއި އޭނާ ބައްދަލު ކޮށްފައިވެ އެވެ.
https://www.instagram.com/p/ChtitmLDn6g/?hl=en
މިހާރު އެ ގައުމުގައި އޭނާއަށް ސަމާލުކަން ލިބެމުންދަނީ ކަލާސް ޓީވީގެ މަޝްހޫރު ރިއަލިޓީ ޝޯ "ބިގް ބޮސް 16" ގައި ބައިވެރިވުމުންނެވެ. އެ ޝޯގައި އޭނާ ބައިވެރިވަނީ ހަފްތާއަކު 2.5 ލައްކަ ރުޕީސްގެ އަގަކަށެވެ.
އެހެންވެ އޭނާގެ މިލްކިއްޔާތުގައި ހުރީ ކިހާ އަދަދެއްގެ ފައިސާއެއްކަން އެނގެން ބޭނުންވާ މީހުން ވަރަށް ގިނަ އެވެ. ރިޕޯޓުތައް ބުނާގޮތުގައި އަބްދުގެ މިލްކިއްޔާތުގައި 20 ކްރޯޑު އިންޑިއަން ރުޕީސް އެބަހުއްޓެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް