ވޯލްޑް މެންޓަލް ހެލްތު ޑޭ މިއަދު އަޅުގަނޑު ފާހަގަކުރަމުން އަންނައިރު އުފެދޭނެ އެންމެ ބޮޑު ސުވާލަކީ މިއެވެ. މެންޓަލް ހެލްތު ދާއިރާއިން އެއިރެއްގައި އޮންނަ ސަރުކާރުން ކޮށްދިނީ ކޮން ކަމެއްތޯ އުފެދޭ ސުވާލަކީ ހަމަ ގައިމުވެސް މިއަދު ބޮޑު ސުވާލަކަށް ވެގެންދާނެ ސުވާލެކެވެ.
މި ސަރުކާރުން ވެރިކަމާ ހަވާލުވުމުގެ ކުރިން އޮތް ރައީސް ޔާމީންގެ ސަރުކާރުގައި ނަފްސާނީ ބަލިތަކާއި ނަފްސާނީ ސިއްހަތު އަދި ދުޅަހެޔޮކަމަށް އެކަށީގެންވާ އަހަންމިއްޔަތެއް ދެމުން އައިކަން ފާހަގަވާން އަދި ފެންނާކަށް ނެތެވެ. ނަމަވެސް އެކަން ބަދަލުކުރުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުން ގިނަގުނަ މަސައްކަތްތަކެއް ކޮށްފައިވާކަން ފާހަގަކޮށްލަންޖެހެއެވެ.
އެގޮތުން ނަފްސާނީ ބަލިތަކަށް ފަރުވާ ހޯދާނެ ހާއްސަ މަރުކަޒެއް ގާއިމްކުރުމަކީ މި ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ވައުދުތަކުގެ ތެރޭގައި ހިމެނި އެއް ކަމެވެ. އެ ވައުދު 2019 ވަނަ އަހަރުގެ މާރިޗް މަހުގެ 25 ވަނަ ދުވަހު މި ސަރުކާރުން ފުއްދާފައިވެއެވެ.
ސެންޓަރ ފޮރ މެންޓަލް ހެލްތު (ސީއެމްއެޗް)
މި ސަރުކާރުން މެންޓަލް ހެލްތު ދާއިރާއަށް ދޭ އަހަންމިއްޔަތު ދައްކުވައިދޭ އެއް ރަމްޒަކީ 2019 ވަނަ އަހަރުގެ މާރިޗް މަހުގެ 25 ވަނަ ދުވަހު އައިޖީއެމް ހޮސްޕިޓަލުގައި ގާއިމްކުރި ސެންޓަރ ފޮރ މެންޓަލް ހެލްތު (ސީއެޗްއެމް) އެވެ. އެ ސެންޓަރު ހުޅުއްވައިދެއްވީ ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހެވެ.
އެ ސެންޓަރން ސައިކޭޓްރީ، ސައިކޮލޮޖީ، ކައުންސެލިން، ސައިކޮތެރަޕީ، ސޯޝަލް ވާރކް އަދި އޮކިއުޕޭޝަނަލް ތެރަޕީގެ ހިދުމަތް ދެމުން އަންނައިރު މި ސެންޓަރުން މިހާތަނަށް 55 ހާހަށްވުރެ ގިނަ ކޮންސަލްޓޭޝަން ހަދާފައިވެއެވެ. އަދި އެޑްމިޓްކޮށްގެން މިހާތަނަށް 400 އަށްވުރެ ގިނަ މީހުންނަށް ފަރުވާ ދީފައިވެއެވެ.
މި ސެންޓަރުން ފަރުވާ ހޯދާ ފަރާތްތަކުގެ އަދަދު އިންތިހާއަށް އިތުރުވެ މި ހިނގާ 2022 ވަނަ އަހަރުގެ މާރިޗް މަހާއި އޭޕްރީލް މަހުގައި ވެއިޓިން ލިސްޓްގައި ތިބި މީހުންގެ އަދަދު ގާތްގަނޑަކަށް 3500 އަރާފައިވެއެވެ. އެހެންކަމުން އެ ސެންޓަރުގައި މުވައްޒަފުންގެ އަދަދު އިތުރު ކުރެވި ކުރެވުނު މަސައްކަތުން މި ހިނގާ އޮކްޓޯބރު މަހާއި ހަމައަށް އެ ކިޔޫގެ އަދަދު ވަނީ 500 އެއްހާ މީހުންނަށް ދަށް ކުރެވިފައެވެ.
މިއަދު ހުޅުމާލެ ހޮސްޕިޓަލުގައި މެންޓަލް ހެލްތު ސެންޓަރ (އެމްއެޗްސީ) ހުޅުވިގެން ދިއުން
މި ދާއިރާގައި މި ސަރުކާރުން ދޭ އަހަންމިއްޔަތު އިތުރަށް ދައްކުވައިދޭ އަނެއް ކަމަކީ މިއަދު ހުޅުމާލެ ހޮސްޕިޓަލުގައިވެސް މިފަދަ ފަރުވާ ދެވޭނެ ސެންޓަރެއް ގާއިމުވެގެން ދިއުމެވެ. އެގޮތުން ހުޅުމާލެ ހޮސްޕިޓަލްގައި ގާއިމްކޮށްފައިވާ މެންޓަލް ހެލްތު ސެންޓަރ މިއަދު މިވަނީ ހުޅުވައި ހިދުމަތް ދޭން ފަށާފައެވެ.
ހުޅުމާލެ ހޮސްޕިޓަލުގައި ގާއިމްކޮށްފައިވާ މެންޓަލް ހެލްތު ސެންޓަރ (އެމްއެޗްސީ) ހުޅުއްވައިދެއްވީ ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަހްމަދެވެ.
މި ސެންޓަރު ގާއިމްކުރުމުގެ މައިގަނޑު މަގްސަދަކީ، ނަފްސާނީ ބަލިތަކަށް ފަރުވާ ވީހާވެސް ގިނަ އަދަދެއްގެ ބަޔަކަށް ލުއިފަސޭހަކަމާއެކު ހޯދުމުގެ އިންތިޒާމު އިތުރަށް ހަރުދަނާކޮށް މަގުފަހިކޮށްދިނުންކަމުގައި ސަރުކާރުން ހާމަކުރެއެވެ. އެޗްއެމްސީއިން ހިދުމަތް ފޯރުކޮށްދޭން މިއަދު ފެށުމާއެކު އައިޖީއެމް ހޮސްޕިޓަލުގައި ހުންނަ ސީއެމްއެޗްގެ ވެއިޓް ލިސްޓްގައި ތިބި ބަލި މީހުންނަށްވެސް އެތަނުގެ ޑަކުޓަރުންނަށް ދެއްކުމަށް ކޮންސަލްޓޭޝަން ހޯދުމުގެ ފުރުސަތު ލިބި ވެއިޓިން ލިސްޓް އިތުރަށް ކުޑަކުރުމުގެ ފުރުސަތު ލިބިގެންދާނެކަމުގައި ސަރުކާރުން ބުނެއެވެ.
މެންޓަލް ހެލްތު ސެންޓަރ (އެމްއެޗްސީ)
- ކޮންސަލްޓޭޝަން ދެ ކޮޓަރިއާއި ފަރުވާދޭ ދެ ކޮޓަރި އަދި ކޮންފަރެންސް ރޫމެއް
- މި ސެންޓަރުގައި މަސައްކަތް ކުރައްވާ ސައިކޮލޮޖިސްޓުން ދުވާލެއްގެ މައްޗަށް 12 އާއި 15 އާއި ދެމެދުގެ އަދަދަކަށް ބަލި މީހުންނަށް ފަރުވާ ފޯރުކޮށްދޭނެ
- މި ސެންޓަރުގައި މަސައްކަތް ކުރައްވާ ސައިކޭޓްރިސްޓުން ދުވާލެއްގެ މައްޗަށް 30 ބަލި މީހުންނަށް ފަރުވާ ފޯރުކޮށްދޭނެ
އެޗްއެމްސީއިން ފޯރުކޮށްދޭ ހިދުމަތްތައް
- ސައިކޭޓްރީ، ސައިކޮލޮޖީ، ކައުންސެލިންގ އަދި އޮންލައިން ކޮންސަލްޓޭޝަން
- ކައުންސެލިން ހިދުމަތްތަކުގެ ތެރޭގައި ވަކިވަކި ބަލި މީހުންނާއި ތެރަޕީއާއި ކައުންސެލިންގގެ ހިދުމަތްތަކައި ގްރޫޕް ތެރަޕީގެ ހިދުމަތާއި، އާއިލާތަކަށް ފެމިލިހީ ތެރަޕީ ހިދުމަތާއި، ސްކޫލުތަކުގެ ދަރިވަރުންނާއި މަސައްކަތުގެ މާހައުލުގައި ހަރަކާތްތެރިވާ މުވައްޒަފުންނަށް ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތައް ހިންގުން ހިމެނޭ
- އެމެއެޗްސީގައި އޮންލައިން "ސުޕަރ ސްޕެޝަލިސްޓް ކޮންސަލްޓޭޝަން" ގެ ހިދުމަތް ފޯރުކޮށްދެވޭނެ. މި ހިދުމަތް ފޯރުކޮށްދެވޭނީ އިންޑިއާ ކެޑެބަމްސް ގްރޫޕާ ގުޅިގެން، އެތަނުގެ ފަންނީ މާހިރުން މެދުވެރިކޮށް އޮންލައިން ކޮންސަލްޓޭޝަންގެ ޒަރީއާއިން
- އެމްއެޗްސީއިން ކޮންސަލްޓޭޝަން އެޕޮއިންޓްމަންޓް ހެއްދުމަށާއި، އޮން-ކޯލް ސައިކޭޓްރިސްޓުގެ ހިދުމަތް ހޯއްދެވުމަށް ކޯލް ސެންޓަރ ނަންބަރު 1417 ވަނީ ގައިމްކޮށްފައި
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް