ނަފްސާނީ ދުޅަހެޔޮކަމަކީ ހަމައެކަނި މެންޓަލް ހެލްތް ސެންޓަރުގެ ޒިންމާއެއްކަމުގައި ނުބެލުމަށް މެޑަމް ފަޒުނާ ގޮވައިލައްވައިފި

ވަށާޖެހޭ ނަފްޞާނީ ޞިއްޙަތެއް ހޯދޭނީ އެންމެން އެކުގައި ގުޅިގެން މަސައްކަތްކޮށްގެން ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު ވިދާޅުވެއްޖެ އެވެ. އެކަމަނާ މިހެން ވިދާޅުވީ މިއަދު ހެނދ...

10 Oct 2022 | 08:47

ވަށާޖެހޭ ނަފްޞާނީ ޞިއްޙަތެއް ހޯދޭނީ އެންމެން އެކުގައި ގުޅިގެން މަސައްކަތްކޮށްގެން ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު ވިދާޅުވެއްޖެ އެވެ.

އެކަމަނާ މިހެން ވިދާޅުވީ މިއަދު ހެނދުނު ހުޅުމާލެ ހޮސްޕިޓަލްގެ މެންޓަލް ހެލްތް ސެންޓަރ ރަސްމީގޮތުން ހުޅުވައިދެއްވައި ދައްކެވި ވާހަކަފުޅުގަ އެވެ.

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވިދާޅުވީ ހުޅުމާލޭ ހޮސްޕިޓަލްގައި މެންޓަލް ހެލްތް ސެންޓަރެއް ހުޅުވިގެންދާއިރު، އެކަމަނާ ދެކެން ބޭނުންވާ އެންމެ މުހިންމު އެއްތަނަކީ ނަފްސާނީ ދުޅަހެޔޮކަމަކީ ހަމައެކަނި މެންޓަލް ހެލްތް ސެންޓަރުގެ ޒިންމާއެއްކަމުގައި ނުބަލައި، ހޮސްޕިޓަލްގެ އެހެން ހުރިހާ މުވައްޒަފުންވެސް ނަފްސާނީ ޞިއްޙަތުގެ މުހިންމުކަން ދެނެގަނެ، އެކަމަށްޓަކައި ގުޅިގެން މަސައްކަތްކުރާތަން ދުށުން ކަމުގަ އެވެ.

އެގޮތުން، މުޅި ހޮސްޕިޓަލް ޝާމިލްވާހެން އެމްބިއުލާންސް ޑްރައިވަރުން ފެށިގެން އެންމެ މަތީ ފަންތީގެ މުވައްޒަފުން ވެސް ނަފްސާނީ ޞިއްޙަތުގެ މުހިންމުކަން ދެނެގަނެ އެކަމަށް މަސައްކަތްކޮށްދެއްވުމާއި، ވަކިން ޚާއްޞަކޮށް ހޮސްޕިޓަލަކީ އެކަކު އަނެކަކަށް އޯގާތެރިކަމާއެކު އަޅާލާ ނަމޫނާ ދައްކުވައިދޭ ތަނަކަށް ހެދުމަށް ހުރިހާ މުވައްޒަފުން ވެސް މަސައްކަތްކޮށްދެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ގޮވާލެއްވި އެވެ.

އިތުރަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ދެއްކެވި ވާހަކަފުޅުގައި ވަނީ މި ފަހުން އެކަމަނާ ބަޙްރައިންއަށް ކުރެއްވި ދަތުރުފުޅުގައި ބަޙްރައިންގެ ކިންގް ޙަމަދް ޔުނިވަރސީޓީ ހޮސްޕިޓަލަށް ކުރެއްވި ޒިޔާރަތުގެ ތަޖުރިބާ ޙިއްޞާކުރައްވާފަ އެވެ. އެގޮތުން އެކަމަނާ ވަނީ އެ ހޮސްޕިޓަލުގައިވެސް ތަފާތު އެކި ޑިޕާޓްމަންޓްތައް ގުޅިގެން ޝާމިލުކަމާއެކު ނަފްސާނީ ޞިއްޙަތުގެ ކަންކަން ކުރަމުން އަންނަކަން ފާހަގަކުރައްވައި އެފަދަ ކަންކަމުން ހުޅުމާލޭ ހޮސްޕިޓަލް ވެސް ނަމޫނާ ނެގޭނެކަމުގައި ވިދާޅުވެފަ އެވެ.

ހުޅުމާލޭގައި ހުޅުވުނު އެ ހޮސްޕިޓަލުގެ މެންޓަލް ހެލްތު ސެންޓަރަކީ މި ސަރުކާރުން ނަފްސާނީ ޞިއްޙަތަށް ޚާއްސަ އިސްކަމެއް ދެއްވައި ސަރުކާރުގެ ގައުމީ ސިޔާސަތުތަކުގެ ތެރޭގައި ހިމެނިގެން ކުރެވޭ މަސައްކަތްތަކުގެ ދަށުން ހުޅުވުނު ތަނެކެވެ.

ހުޅުމާލޭ ހޮސްޕިޓަލްގެ މެންޓަލް ހެލްތް ސެންޓަރުން ދޭ ޚިދުމަތްތަކުގެ ތެރޭގައި ނަފްސާނީ ބަލިތަކުގެ ފަންނީ މާހިރުން މެދެވެރިކޮށް ހެދޭ ދުނިޔެ ޤަބޫލުކުރާ ފެންވަރުގެ އެސެސްމަންޓުތައް ހެދުމާއި، ކައުންސިލިންގ ދިނުމާއި، ކޮގްނިޓިވް ބިހޭވިރަލް ތެރަޕީ އަދި ޑައިލެކްޓަރަލް ބިހޭވިރަލް ތެރެޕީ ފަދަ މުހިންމު ޚިދުމަތްތައް ހިމެނެ އެވެ.

މީގެ އިތުރުން ކުޑަކުދިންނަށް ޚާއްޞަ ފަރުވާދޭ މާހިރުން ކަމުގައިވާ އިންޑިއާގެ ކެޑަބަމްސް ހޮސްޕިޓަލްގެ ޗައިލްޑް ސައިކޮލޮޖިސްޓުންނާއެކު އޮންލައިންކޮށް މަޝަވަރާކުރުމާއެކީ، ތެރެޕީ ސެޝަންތައް ކުރިޔަށްގެންދިއުމުގެ ޚިދުމަތްވެސް މިސެންޓަރުން ފޯރުކޮށްދިނުމަށް ހަމަޖެހިފައި ވެއެވެ.

މި ސެންޓަރު ހުޅުވުމުގެ ގޮތުން ހުޅުމާލެ ހޮސްޕިޓަލުގައި ބޭއްވި މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ވެސް ބައިވެރިވެވަޑައިގެންނެވި އެވެ. އަދި، މި ރަސްމިއްޔާތުގައި ކެޑަބަމްސް ގްރޫޕްގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންނާއި އަދި ރައީސުލްޖުމްހޫރިއްޔާގެ ނައިބަށް ހަނދާނީ ފިލައެއް ހަދިޔާކުރެއްވި އެވެ.

ކޮންމެ އަހަރެއްގެ އޮކްޓޫބަރު މަހެއްގެ 10 ވަނަ ދުވަސް ފާހަގަކުރަނީ ދުނިޔޭގެ ނަފްސާނީ ޞިއްޙަތުގެ ދުވަހުގެ ގޮތުގައެވެ. މިއަހަރުގެ މިދުވަހުގެ ޝިޢާރަކީ " މޭކް މެންޓަލް ހެލްތު އެންޑް ވެލްބީން ފޮރ އޯލް އަ ގްލޯބަލް ޕްރައޯރިޓީ" އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް