ގޭމް އޮފް ތްރޯންއިން ބޮޑު މަޝްހޫރު ކަމެއް ހޯދި އެކްޓްލީނާ ހީޑޭ އާއި އެކްޓަރު މާކް މެންޗަކާ ކައިވެނިކޮށްފި އެވެ.
ވަރަށް ހާއްސަ މީހުންނާއި އެކު ކުރިޔަށް ގެންދިޔަ މި ކައިވެނި ހަފްލާ އޮތީ އިޓަލީގައި އެވެ. މި ހަފްލާގައި ގޭމް އޮފް ތްރޯންގެ ގިނަ ތަރިންތަކެއް ބައިވެރިވި އެވެ.
މި ކައިވެންޏާއި އެކު އެންމެ ގިނަ ބައެއްގެ ސަމާލުކަން ހުއްޓުނީ ދެމީހުންގެ ހެދުމަށެވެ.
އުމުރުން 49 އަހަރުގެ ލީނާ ލައިގެން ހުރީ އަތް ނެތް ހުދުކުލައިގެ ވެޑިން ޑްރެސް އެކެވެ. 47 އަހަރުގެ މާކް ލައިގެން ހުރީ ނޫކުލައިގެ ސޫޓެކެވެ. އޭނާ އަޅައިގެން ހުރި ފިޔާތޮށި ކުލައިގެ ޓައީއަށް ގިނަ ބަޔަކު ރީތި ކަމުން ތައުރީފު ކުރި އެވެ.
މާކްއަކީ އެކްޓަރެއްގެ އިތުރުން ޑައިރެކްޓަރެއް އަދި ސްކްރީން ރައިޓަރެކެވެ. އޭނާ އެންމެ މަޝްހޫރުވެފައިވަނީ ގިނަ އެވޯޑްތަކެއް ލިބިފައިވާ ފިލްމު "ދިސް އިޒް ވެއާ ވީ ލިވް" އެވެ.
ލީނާ ވަނީ މީގެ ކުރިން ކައިވެންޏެއް ކޮށްފައި އެވެ. މިއުޒިޝަން ޕީޓާ ޕައުލް އާއި ކުރި ކައިވެނި 2013 ވަނަ އަހަރު ނިމުމަކަށް ގެނައި އިރު އެ ކައިވެންޏަށް ލިބިފައިވާ 12 އަހަރުގެ ފިރިހެން ދަރިއަކު އެބަހުއްޓެވެ.
އޭގެ ފަހުން ޑައިރެކްޓަރު ޑޭން ކޭޑަން އާއި އެކު ލޯބީގެ ގޮތުން ގުޅިގެން ދެމީހުންނަށް ހަތް އަހަރުގެ އަންހެން ދަރިއަކު ލިބިފައި ހުރެ އެވެ. ލީނާ އާއި މާކް ކައިވެނި ކޮށްފައި މިވަނީ ދެ އަހަރު ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު އެވެ.
މި ދެތަރިން އެކުގައި "ގޭމް އޮފް ްރޯންސް" އިން ފެނިފައިވާއިރު ލީނާ ކުޅެފައިވާ މަޝްހޫރު ފިލްމުތަކުގެ ތެރޭގައި "ގަން ޕައުޑާ މިލްކްޝޭކް" އާއި "300" ހިމެނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް