މި ސަރަހައްދަށް މަސްތުވާތަކެތި އެތެރެކުރާ ބޮޑަކީ ޕާކިސްތާނުގެ ހާޖީ ސާލިމް: އިންޑިއާ

ސްރީ ލަންކާ އިންޑިއާ އަދި ދިވެހިރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރާ ބޮޑަކީ ޕާކިސްތާނުގެ ޑްރަގްލޯޑު ހާޖީ ސާލިމް ކަމުގައި އިންޑިއާއިން ސިފަކޮށްފިއެވެ. އިންޑިއާއިން ހާޖީ ސާލިމްއާއި މިކަންކަމާއި ގުޅުވާފަ...

10 Oct 2022 | 02:28

ސްރީ ލަންކާ އިންޑިއާ އަދި ދިވެހިރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރާ ބޮޑަކީ ޕާކިސްތާނުގެ ޑްރަގްލޯޑު ހާޖީ ސާލިމް ކަމުގައި އިންޑިއާއިން ސިފަކޮށްފިއެވެ.

އިންޑިއާއިން ހާޖީ ސާލިމްއާއި މިކަންކަމާއި ގުޅުވާފައިމިވަނީ މިދިޔަ ހުކުރު ދުވަހު ލަންކާއަށް އެތެރެކުރަން އުޅުނު 200 ކިލޯ މަސްތުވާތަކެތި އިންޑިއާ ނޭވީން އަތުލައިގެންފައިވާއިރު އެ މަސްތުވާތަކެތި ނިސްބަތްވަނީ ހާޖީ ސާލިމަށް ކަމަށް ބުނެއެވެ.

އަރަބި ކަނޑުން މިދިޔަ ހުކުރު ދުވަހު ކުޑަ ބޯޓެއް އަތުލައިގަތް އިރު އޭގައި އިރާނަށް ނިސްބަތްވާ ހަ މީހަކު ތިބި އިރު އޭގެން 200 ކިލޯގެ ހިރޮއިން ވަނީ އަތުލައިގެންފައެވެ.

މި ތަކެއްޗަކީ ސްރީ ލަންކާއަށް އެތެރެކުރަން އުޅުނު މަސްތުވާތަކެތި ކަމަށް އިންޑިއާއިން ބުނެފައިވެއެވެ. އަދި އެ ތަކެތި އުފައްދާފައިވަނީ އަފްގާނިސްތާނުގައި ކަމަށާއި އަފްގާނިސްތާނުން އެއްގަމު މަގުން ޕާކިސްތާނަށް މަސްތުވާތަކެތި ގެންގޮސް ކަނޑުމަގުން އީރާނުގެ މިފަދަ ބޯޓުތައް މެދުވެރިކޮށް ރާއްޖެ، އިންޑިއާ އަދި ލަންކާއަށް ބޮޑެތި ކޮންސައިންމެންޓްތައް އެތެރެކުރުމުގައި ހާޖީ ސާލިމްގެ ޑްރަގް ނެޓްވޯކުން މަސައްކަތްކުރާކަމަށް އިންޑިއާއިން ތުހުމަތު ކުރެއެވެ.

މި އޮޕަރޭޝަނާއި އަދި އިތުރަށް ލިބިފައިވާ މައުލޫމާތުތަކަށް ބިނާކޮށް އިންޑިއާގެ ނޭވީން ވަނީ އަރަބި ކަނޑުގައި އިންޑިއަން ނޭވީގެ ހާއްސަ އޮޕަރޭޝަނެއް ފަށާފައެވެ.

ހުކުރު ދުވަހު 200 ކިލޯގެ މަސްތުވާތަކެއްޗާއެކު ބޯޓެއް އަތުލައިގެންފައިވާއިރު ރާއްޖެއިން ގިނަ އަދަދެއްގެ ޕެޓްރޯލް އަރުވައިގެން އެންމެ ދެމީހަކު ބުރާސްފަތި ދުވަހު ދަތުރުކުރި ލޯންޗެއް ވަނީ އއ އަތޮޅުގައި ބަންޑުން ޖަހާލާފައެވެ. އެ ލޯންޗާއިވެސް މަސްތުވާތަކެއްޗާ ގުޅުވައި ވާހަކަތައް ފެތުރިފައިވާއިރު މި ސަރަހައްދުގައި މަސްތުވާތަކެތީގެ ބޮޑެތި ކޮންސައިންމެންޓްތަކުގެ ޑީލްތައް ވަރަށް ބޮޑުތަނުން އިތުރުވަމުން އަންނަކަމަށް އިންޑިއާއިން ބުނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް