އެންމެ ކުޑަ އުޖޫރަ ކަނޑައަޅައި ދިން ލަފާ މިނިސްޓްރީން އިތުރަށް ދިރާސާ ކުރަނީ

އެންމެ ކުޑަ އުޖޫރަ ކަނޑައަޅައި މިނިވަން ވޭޖް އެޑްވައިޒަރީ ބޯޑުން ދިން ލަފާ އިތުރަށް ދިރާސާ ކުރަމުންދާ ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެފި އެވެ. މިނިވަން ވޭޖު ބޯޑުން މިދިޔަ ހަފްތާގައި ލަފާ ދީފައިވަނީ...

10 Oct 2021 | 18:08

އެންމެ ކުޑަ އުޖޫރަ ކަނޑައަޅައި މިނިވަން ވޭޖް އެޑްވައިޒަރީ ބޯޑުން ދިން ލަފާ އިތުރަށް ދިރާސާ ކުރަމުންދާ ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެފި އެވެ.

މިނިވަން ވޭޖު ބޯޑުން މިދިޔަ ހަފްތާގައި ލަފާ ދީފައިވަނީ ކުދި ވިޔަފާރިތަކުގައި މަސައްކަތް ކުރާ ދިވެހިންނަށް އެންމެ ކުޑަ އުޖޫރައިގެ ގޮތުގައި 5،700 ރުފިޔާ އެވެ. އަދި މެދުފަންތީގެ ވިޔަފާރިތަކުގައި އުޅޭ މުވައްޒަފުންނަށް އެންމެ ދަށް މުސާރައިގެ ގޮތުގައި 8،000 ރުފިޔާ އަދި ސިވިލް ސާވިސްގެ އެންމެ ދަށް މުސާރައިގެ ގޮތުގައި 7،000 ރުފިޔާ ކަނޑައެޅުމަށެވެ.

އިކޮނޮމިކް މިނިސްޓްރީން މިރޭ ނެރުނު ބަޔާނެއްގައި ބުނީ މިނިމަމް ވޭޖާ ގުޅޭ ގޮތުން އެޑްވައިޒަރީ ބޯޑުން ފަސް ލަފައެއް އަރުވާފައިވާ ކަމަށެވެ.

މިނިސްޓްރީން ބުނީ އެ ލަފާތައް ގާނޫނުގައި ބަޔާން ކުރާ ގޮތުގެ މަތިން ދިރާސާ ކުރަމުން އަންނަ ކަމަށެވެ. ދިރާސާ ކުރުމަށް ފަހު މަސައްކަތް ކުރާ މީހުންނަށް އެންމެ ކުޑަ މިނުން ދޭން ޖެހޭ އުޖޫރަ ކަނޑައަޅައި އާންމު ކުރާނެ ކަމަށް ވެސް ބުނެފައިވެ އެވެ.

މިނިމަމް ވޭޖް ބޯޑުން ފާސްކުރި މި ގޮތަކީ ސަރުކާރުގެ ހުށަހެޅުމެވެ. މިގޮތަށް އަމަލުކުރަން ފަށާނީ އިކޮނޮމިކް މިނިސްޓަރު މި ލަފަޔަށް އަމަލުކުރަން ނިންމަވައި އެކަން އާންމުކުރެއްވުމުންނެވެ.

ބޯޑުން ކަނޑައަޅާފައިވާ ގޮތުން ސިވިލް ސާވިސް މުވައްޒަފުން މަދުވެގެން ދުވާލަކު ހަ ގަޑިއިރު މަސައްކަތް ކުރަން ޖެހެ އެވެ. އަދި ކުދި ވިޔަފާރިތަކާއި މެދުފަންތީގެ ވިޔަފާރިތަކުގައި ދުވާލަކު އަށް ގަޑިއިރު މަސައްކަތް ކުރަންޖެހޭ ގޮތަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް