މެސީ ފުޓްބޯޅަ ކެރިއަރު ނިންމާލަން ބޭނުމީ ބާސާގައި

ސްޕެއިންގެ ބާސެލޯނާ އިން ނިމިގެން ދިޔަ ހޫނު މޫސުމުގައި ފްރާންސްގެ ޕީއެސްޖީއަށް ދަބަލުވި ތަރި ލިއޮނެލް މެސީ ފުޓުބޯޅަ ކެރިއަރު ނިންމާލަން ބޭނުމީ ބާސާގައި ކަމަށް އޭނާ ބުނެފިއެވެ. އުމުރުން 34 އަހަރުގެ އާޖ...

10 Oct 2021 | 15:14

ސްޕެއިންގެ ބާސެލޯނާ އިން ނިމިގެން ދިޔަ ހޫނު މޫސުމުގައި ފްރާންސްގެ ޕީއެސްޖީއަށް ދަބަލުވި ތަރި ލިއޮނެލް މެސީ ފުޓުބޯޅަ ކެރިއަރު ނިންމާލަން ބޭނުމީ ބާސާގައި ކަމަށް އޭނާ ބުނެފިއެވެ.

އުމުރުން 34 އަހަރުގެ އާޖެންޓީނާ ތަރި މެސީ ބުނީ އޭނާ ރިޓަޔާވާން ބޭނުމީ ބާސެލޯނާގައި ކަމަށާއި ރިޓަޔަވުމުގެ ކުރިން ބާސާއާއި އެކު ކާމިޔާބީތަކެއް ވެސް ހޯދަން ބޭނުންވާ ކަމަށެވެ. އަދި އަންނަ އަހަރު ގަތަރުގައި ބާއްވާ ވޯލްޑް ކަޕް އާޖެންޓީނާއަށް ހޯދައި ދިނުމަކީ ވެސް ދެކޭ ހުވަފެނެއް ކަމަށް އޭނާ ބުންޏެވެ.

މެސީ ބުނީ އޭނާ ބާސާ ދޫކޮށްލަން ޖެހުނީ އޭނާ ބޭނުން ވެގެން ނޫންކަމަށާއި ކުލަބުން އޭނާ ބޭނުން ނުވުމުން ކަމަށެވެ. މީގެ އިތުރަށް މެސީ ބުނީ އޭނާ ހުރީ ކޮންމެ ފަގަދަ ހާލަތެއްގައި ވެސް ބާސާގައި މަޑުކުރަން ނިންމައިގެން ކަމަށާއި ނަމަވެސް އެންމެ ފަހު ވަގުތު ބާސާއިން އޭނާ ދޫކޮށްލަން ބޭނުންވީ ކަމަށެވެ.

"އަހަރެން އެންމެ ލޯބިވާ ކުލަބަކީ ބާސެލޯނާ. އަހަރެން ސާބާ ދޫކޮށްލީ އަހަރެން ބޭނުންވެގެން ނޫން. ބާސާއިން އަހަރެން ބޭނުން ނުވީ. އެހެން ނަމަވެސް ކޮންމެ ވެސް ދުވަހަކުން ބާސާއަށް އެނބުރި ދާނަން. ފުޓްބޯޅަ ކެރިއަރު ނިންމާލަން ބޭނުންވަނީ ބާސާގައި." ފްރާންސް ފުޓްބޯޅަ މެގަޒިންއަކަށް ދިން ބަސްދީގަތުމެއްގައި މެސީ ބުންޏެވެ.

2000 ވަނަ އަހަރުން ފެށިގެން 2003 ވަނަ އަހަރާއި ހަމައަށް ބާސާގެ ޔޫތް ޓީމަށް ކުޅުމަށް ފަހު މެސީ ބާސާގެ ސީނިއަރ ޓީމަށް ބަދަލުވީ 2004 ވަނަ އަހަރުގައެވެ. މެސީ ބާސާގައި 20 އަހަރު ހޭދަކޮށްފައިވާއިރު، އޭނާ ވަނީ ބާސާއާއި އެކު ގިނަ ކާމިޔާބީތަކެއް ވެސް ހޯދާފައެވެ. އެގޮތުން ބާސާއާއި އެކު މެސީ ވަނީ ސްޕެނިޝް ލީގު 10 ފަހަރު، ކޮޕަޑެލްރޭ ހަތް ފަހަރު، ސްޕެނިޝް ސުޕަކަޕް އަށް ފަހަރު، ޔޫއެފާ ޗެމްޕިއަންސް ލީގު ހަތަރު ފަހަރު އަދި ޔޫއެފާ ސުޕަކަޕް ތިން ފަހަރު ހޯދުމުގެ އިތުރުން ފީފާ ކުލަބް ވޯލްޑްކަޕް ވެސް ތިން ފަހަރު ބާސާއާއި އެކު ހޯދާފައެވެ.

މެސީ ވަނީ އޭނާ ބާސާގައި ހޭދަކުރި 17 ސީޒަނުގައި 778 މެޗު ކުޅެދީ 672 ގޯލު ޖަހައިދީ ފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް