ސާފް ޗެމްޕިއަންޝިޕް 2021: އިއްޔެ ގޮވީ އިސްތިއުފާއަށް، މިއަދު ކޮނޑަށް ލައިގެން ކުރީ ސެލެބްރޭޓް

ފުޓްބޯޅަ މެޗެއް ޚާއްސަކޮށް ގައުމީ ޓީމު ކުޅޭނަމަ، ދިވެހީންނަކީ ކަށިން ހިތްވަރުނަގާ ސަޕޯޓުކުރާ ބައެކެވެ. އެކަން އަބަދު ވެސް ދަނީ ދައްކަމުން ނެވެ. ދަނޑަށް ވަންނަން ޓިކެޓް ވިއްކަން ފެށުމާއެކު، ދިގު ކިޔޫއެ...

10 Oct 2021 | 14:58

ފުޓްބޯޅަ މެޗެއް ޚާއްސަކޮށް ގައުމީ ޓީމު ކުޅޭނަމަ، ދިވެހީންނަކީ ކަށިން ހިތްވަރުނަގާ ސަޕޯޓުކުރާ ބައެކެވެ. އެކަން އަބަދު ވެސް ދަނީ ދައްކަމުން ނެވެ.

ދަނޑަށް ވަންނަން ޓިކެޓް ވިއްކަން ފެށުމާއެކު، ދިގު ކިޔޫއެއް ދަމާލާކަމީ މިކަމުގެ ހެއްކެކެވެ. ދަނޑުގައި ޖާގަ އޮތް މިންވަރަށް ނުވަތަ އެ މެޗަކަށް ވިއްކަން ކަނޑައަޅާފައިވާ އަދަދަށް ޓިކެޓު ވިކި ހުސްވެއްޖެނަމަ، އެ ހިސާބުން ދެން ގޯސްވަނީ ފުޓްބޯޅައިގެ މައިދާރާގެ އެންމެ އިސްވެރިޔާ އެވެ.

މިއީ މިކަން އަބަދު ވެސް އޮންނަ ގޮތެވެ. ކަން ހިނގަމުން އަންނަ މަގެވެ.

މާލޭގައި މިހާރުކުރިއަށްދާ ސާފް ޗެޕްޕިއަންޝިޕްގައި ރާއްޖެއާއި ސްރީލަންކާ މިއަދު ބައްދަލުކުރި މެޗުގައި ވެސް އިއްޔެ ދިމާވީ މި ހާދިސާ އެވެ. ވިއްކަން ނިންމާފާއިވާ އަދަދަށް ޓިކެޓު ވިކި ހުސްވީކަމަށް އިއުލާން ކުރުމުން ދެން ކުއްލިއަކަށް ފެނުނީ އިހުތިޖާޖު ފެށި މަންޒަރެވެ.

މި އިހުތިޖާޖުގައި ދިވެހި ފުޓްބޯޅައިގެ މައި އިދާރާ އެފްއޭއެމް ގެ ރައީސް ބައްސާމް އަދީލް ޖަލީލުގެ އިސްތިއުފާއަށް ގޮވާ، މަގު ހުރަހަށް ފުރޮޅެބް ފެށިއެވެ. ހީވީ މާލޭގެ މަގުމަތި ބްލޮކްވުމުން ސައިކަލްތަކާއި ކާރުތަކުނބް ބަރުގޮނު އެޅުމުން މަގު ފުޅާވާ ބީދައިން ދަނޑުގެ ޖާގަ ވެސް ބޮޑުވާނެ ކަމަށެވެ.

މި ދުވަސްވަރަކީ ކޮވިޑުގެ ބަލިމަޑުކަން ރާއްޖޭގައި އަދިވެސް އޮތް ދުވަސްވަރަކަށް ވާތީ، އޭއެފްސީ އާއި ފިފާ ފަދަ ޖަމިއްޔާތަކުން ބާއްވާ މުބާރާތްތަކުގެ މެޗުތައް ކުޅިބެލުންތެރިން ވައްދަނީ ވަކި އަދަދަކަށެވެ. އެކަމަކު ގައުމީ ޖޯޝުގައި އެކަން ވެސް ހަނދާން ނެތުނީ ކަމަށް ވެދާނެ އެވެ.

އެއީ އިއްޔެ އެެވެ. މިއަދު ފެނުނީ އެއާމުޅިން އިދިކޮޅު މަންޒަރެކެވެ. ލަންކާ ބަލިކޮށް ސާފް ޗެމްޕިއަންޝިފް ގެ ފައިނަލާ ގާތަށް ރާއްޖެ ޖެހިލީއެވެ. އުފަލުގެ ކޮޅެއް ވެސް ނެތެވެ.

ދިވެހި ގައުމީ ޓީމު ކޭމްޕުކޮށް ތިބޭ ހޮޓެލް ޖެން އިން ބައްސާމް ނުކުތް ވަގުތު ދިވެހި ގައުމީ ޓީމުގެ ސަޕޯޓަރުންތަކެއް ވަށާލިތަނެވެ. ހީވީ ބައްސާމަށް ހަމަލާއެއް ދޭން އުޅޭ ހެންނެވެ. ނަމަވެސް ކަންތައްވީ އެހެނެއް ނޫނެވެ. ބައްސާމު "ނަގާ ކޮނޑަށް ލައިގެން ސެލްބްރޭޓް" ކުރީ އެވެ. ދިވެހި ޓީމު މޮޅުވުމުން އެ އުފަލުގައި ބައްސާމު ވެސް ބައިވެރި ކުރުވީ އެވެ.

މީގެ ކުރިން ވެސް ވަނީ ގައުމީ ޓީމު ކުޅުނު ބައެއް މެޗުތަކުގެ ޓިކެޓު ހުސްވުމުން ބައްސާމުގެ އިސްތިއުފާއަށް ގޮވާ، މާލޭގެ މަގުތަކުގައި ވެސް ހިނގާފަ އެވެ.

ދުނިޔެ ހިނގަނީ "ތޮށަލި ދުޅައަށްކަން" ހާމަވަނީ މިފަދަ ކަންކަމުން ނެވެ. އިއްޔެ ގޮވީ އިސްތިއުފާއަށެވެ. މިއަދު އޭނީ ޒުވާނުންގެ ކޮނޑުމަތީގައި ސެލެބްރޭޓް ކުރާށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް