އައްޑޫ ސިޓީގައި ޤާއިމުކޮށްފައިވާ އޭޝިއަން އެކެޑަމީ އޮފް އެރޯނޯޓިކްސް (އޭ.އޭ.އޭ) ގައި ދިމާވެފައިވާ ގިނަ ދުވަސްވީ މައްސަލަތަކަށް ދާއިމީ ޙައްލެއް ހޯދުމާއި ގުޅޭގޮތުން ރައީސުލްޖުމްޖޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އެތަނުގައި ކިޔަވަމުންދިޔަ ދަރިވަރުންނާއި ބައްދަލުކޮށް މަޝްވަރާ ކުރައްވައިފި އެވެ.
މި ބައްދަލުވުން ބޭއްވީ މިއަދު މެންދުރު ފަހު ރައީސް އޮފީހުގައި އެވެ. މި ބައްދަލުވުމުގައި އޭ.އޭ.އޭ ގައި ޕައިލެޓްކަން ކިޔަވަމުންދާ ދިވެހި ދަރިވަރުންނާއި ކަމާގުޅޭ އިދާރާތަކުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވި އެވެ.
މި ބައްދަލުވުމަކީ މިދިޔަ ބުރާސްފަތިދުވަހު އެ ދަރިވަރުން ރައީސަށް ހުށަހެޅި ޕެޓިޝަނާކާއި ގުޅިގެން ބޭއްވި ބައްދަލުވުމެކެވެ.
ރައީސް އޮފީހުން ބުނީ މި ބައްދަލުވުމުގައި ކިޔެވުން ހުއްޓިފައިވާ ދަރިވަރުންނަށް އަންނަ ޑިސެންބަރުމަހުގެ ތެރޭގައި އަލުން ކޯސް ކުރިޔަށް ގެންދެވޭނެ މަގު ސަރުކާރުން ފަހިކޮށްދެއްވުމަށް މަސައްކަތްތަކެއް ކުރައްވަމުންދާ ކަމުގައި ރައީސް ވިދާޅުވި ކަމަށެވެ. ރައީސް ވިދާޅުވީ އައިލެންޑް އޭވިއޭޝަނާއި، މޯލްޑިވްސް ނެޝަނަލް ޔުނިވަރސިޓީއިން ގުޅިގެން ޖޮއިންޓް ވެންޗާ ކުންފުންޏެއް ޤާއިމުކުރުމަށް ނިންމާފައިވާކަމަށެވެ.
އެ ޖޮއިންޓް ވެންޗާ ކުންފުނީގެ ދަށުން ރާއްޖޭގައި ފްލައިން ސްކޫލް ހިންގާނީ ޕްރޮފެޝަނަލް ޔޫރަޕިއަން ފްލައިން ސްކޫލަކުން ކަމުގަ ރައީސް ސޯލިހު ވިދާޅުވި އެވެ. ޑިސެމްބަރު މަހު ކިޔެވުން އަލުން ފަށައި ކުދިންނަށް ދިމާވެފައިވާ މާލީ ދަތިތައް ޙައްލުކޮށްދިނުމަށް ޓޮޕްއަޕް ލޯން ތަކެއް ދިނުމާއި، މިކަމުގައި އިތުރަށް ކުރެވެން ހުރި ގޮތްތަކަކީ ކޮބައިތޯ ބަލައި އެކަންކަން ހައްލުކޮށްދޭނެ ކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.
މީގެ ކުރިންވެސް ސަރުކާރުން ވަނީ މި ކޯސް ހަދާ ދަރިވަރުންނަށް ލުޔެއް ދިނުމުގެ ގޮތުން ދަރިވަރުން އަނބުރާ ލޯނު ދައްކަންޖެހޭނީ ކޯސް ނިމޭ ތާރީޚުން ފެށިގެން 6 މަސްދުވަސް ފަހުންކަމުގައި ކަނޑައަޅައި، މި ކޯސް ފުރިހަމަ ކުރުމަށް ބައެއް ދަރިވަރުން ބޭންކް އޮފް މޯލްޑިވްސް މެދުވެރިކޮށް ނަގާފައިވާ "ކިޔަވާ" ލޯންތައް ހަޔަރ އެޑިއުކޭޝަން މިނިސްޓްރީގެ ދަށަށް ބަދަލުކޮށްފައެވެ.
މި ބައްދަލުކުރެއްވުމުގައި، ދަރިވަރުން ވަނީ ސްކޫލްގެ ކިޔެވުން ހުއްޓިފައިވާތާ އެއް އަހަރަށްވުރެ ގިނަ ދުވަސްވެފައިވާކަމަށާއި، ރީފަންޑް ނުލިބުމާއި، އަލުން ކިޔެވުން ފެށޭނެ ދުވަހެއް ނޭންގުމުގެ ސަބަބުން އެ ދަރިވަރުންނަށް ދިމާވަމުންދާ މާލީ، ނަފްސާނީ އަދި ވަގުތުގެ ގޮތުން ދިމާވާ ދަތިތައް ރައީސުލްޖުމްހޫރިއްޔާއާ ހިއްސާކުރައްވާފައެވެ.
މި ބައްދަލުކުރެއްވުމުގައި، ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރާއި، ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހީމް ޙަސަނާއި، ރައީސް އޮފީހުގެ އިސްވެރިންނާއި، އައިލެންޑް އޭވިއޭޝަންގެ ބޭފުޅުން އަދި ސިވިލް އޭވިއޭޝަންގެ ބޭފުޅުން ވަނީ ބައިވެރިވެވަޑައިގެންފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް