ޕާކިސްތާނުގެ ނިއުކްލިއާ ޕްރޮގްރާމްގެ ބައްޕަ އަބްދުލް ގަދީރު ހާން އުމުރުން 85 އަހަރުގައި މިއަދު މަރުވެއްޖެ އެވެ.
އޭނާ މަރުވީ ފުއްޕާމޭގެ ބަލީގައި ހާލު ސީރިއަސް ވެގެން ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާ ދެމުން ދަނިކޮށެވެ. އެބަލީ އުޅެނިކޮށް މިދިޔަ އޮގަސްޓު މަހު ގަދީރަށް ކޯވިޑް ޖެހިގެންވެސް ހޮސްޕިޓަލުގައި އެޑްމިޓް ކުރި އެވެ.
މިފަހަރު އަލުން އެޑްމިޓް ކުރީ ކޯވިޑުން ރަނގަޅުވެގެން ހޮސްޕިޓަލުން ދޫކޮށްލިތާ ދެ ހަފްތާވަރު ފަހުންނެވެ.
އަބްދުލް ގަދީރަކީ އިސްލާމީ ގައުމެއްގެ ފުރަތަމަ އެޓޮމިކް ސައިންސިސްޓެނެވެ. އޭނާ ވަނީ އިސްލާމީ ދުނިޔޭގެ ފުރަތަމަ ނިއުކްލިއާ ބާރަށް ޕާކިސްތާނު ހަދައިދީފަ އެވެ.
އެކަމަކު ފަހުން ގަދީރަށް ވަނީ އޭނާގެ ޓެކްނޮލިޖީ އުފެއްދުންތައް އީރާނާއި، ދެކުނު ކޮރެއާ އަދި ލީބިއާ އާއި ވިއްކާ ހިއްސާ ކުރިކަމުގެ ތުހުމަތުކޮށްފަ އެވެ. އެ ތުހުމަތުތަކަށް ގައުމީ ޓީވީގައި އޭނާ އިއުތިރާފުވުމުން ޕާކިސްތާނުގެ ކުރީގެ ރައިސް ޕަރްވޭޒް މުޝައްރަފްގެ ވެރިކަމުގައި ގަދީރު ހުރީ އިސްލާމްއާބާދުގެ އޭނާގެ ގޭ ބަންދުގައި އެވެ.
އޭނާ ގޭ ބަންދުގެ ހުކުމް ކޯޓުން އުވާލީ 2009 ވަނަ އަހަރު އެވެ. އެކަމަކު ޕާކިސްނުގެ ކަމާ ބެހޭ ފަރާތްތަކުން އަބަދުވެސް އޭނާއަށް ފާރަލާއިރު އިސްލާމްއާބާދުން ބޭރުވާނަމަ ދައުލަތުގެ ސެކިއުރިޓީ ނެތި ދިއުން އޮންނަނީ މަނާކޮށްފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް