އިސްލާމިކް ސްޓޭޓް (އައިއެސް) އިން ރާއްޖޭގެ އަމީރުކަމުގެ މަގާމަށް އައްޔަންކޮށްފައިވާ ކަމަށް ބުނާ މުހައްމަދު އަމީން 30 ދުވަހުގެ މުއްދަތަކަށް ބަންދު ކުރަން ކްރިމިނަލް ކޯޓުން އަމުރުކޮށްފި އެވެ.
ޏ. ފުވައްމުލައް މާދަޑު، ކަރިއްޔާވިލާ، މުހައްމަދު އަމީން ބަންދުކުރަން އަމުރުކޮށްފައިވަނީ ސުޕްރީމް ކޯޓުން އަމީންގެ މައްސަލަ ބަލައި އޭނާ ބަންދުގައި ބެހެއްޓުމަށް ކުރި އަމުރާއި ގުޅިގެން މިއަދު ކްރިމިނަލް ކޯޓުގައި ބާއްވާފައި ވަނީ އޭނާގެ ބަންދު މުރާޖައާ ކުރުމުގެ އަޑުއެހުމެކެވެ.
ދައުލަތުގެ ފަރާތުން އެދިފައި ވަނީ 2019 ވަނަ އަހަރުގެ ޑިސެމްބަރު 15 ވަނަ ދުވަހު ޝަރީއަތް ނިމެންދެން އަމީން ބަންދުކުރުމަށް ނެރެފައިވާ އަމުރު ދަމަހައްޓައި ދިނުމަށެވެ. ނަމަވެސް އެ އަމުރުގައިވާ ގަޟިއްޔާ ނަންބަރުތައް ސުޕްރީމް ކޯޓުގެ ހުކުމާއި ގުޅިގެން ވަނީ ބަދަލުވެފަ އެވެ.
އަމީންގެ ދިފާއީ ވަކީލުން އެކަމަށް އިއުތިރާޒް ކޮށް، އަމީންގެ ދިފާއީ ވަކީލުން ވަނީ ހައިކޯޓުން ނެރެފައިވާ މޮނިކޮން އަމުރު ދަމަހައްޓައި ދިނުމަށް އެދިފަ އެވެ.
އަމީންގެ ވަކީލުން ވިދާޅުވީ އަމީންގެ މައްސަލަ ވުޖޫދަށް އައިސްފައި ވަނީ 2007 ވަނަ އަހަރު ސަލްޓަން ޕާކުގައި ބޮން ގޮއްވި މައްސަލައާއި ގުޅިގެން ކަމަށެވެ. އެހެންނަމަވެސް ފަހުން އޭނާ ހައްޔަރުކޮށް ބަންދު ކޮށްފައި ވަނީ 2019 ވަނަ އަހަރު ކަމަށެވެ.
އެހެންކަމުން އެ ދެމެދުގައި 12 އަހަރު ވޭތުވެ ހިނގައްޖެ ކަމަށާއި އެ މުއްދަތުގެ ތެރޭގައި ތުހުމަތު ކުރެވޭ އެއްވެސް އަމަލެއް އަމީންގެ ފަރާތުން ފެނިފައި ނުވާ ކަމަށެވެ.
ހައި ކޯޓުން އަމީންގެ މައްސަލާގައި ނިންމީ މައުޟޫއީ ގޮތުން އެ މައްސަލަ ބެލެން ނެތް ކަމަށާއި އޭނާ ޖަލު ބަންދުން ދޫކޮށްލުމަށެވެ. އެއަށް ފަހު ގޭބަންދުގައި ދުވަހުގެ ބައެއް ހޭދަކުރާ ގޮތަށް އަދި މާލެއިން ފުރުން މަނާކޮށް މޮނިކޮން އަމުރެއް ނެރުނެވެ. ދިފާއީ ވަކީލުން އެދިވަޑައިގަތީ ހައި ކޯޓުގެ މޮނިކޮން އަމުރު ދެމެހެއްޓުމަށެވެ. އެ ގޮތުން އެ އަމުރު މި މަހުގެ 19 ވަނަ ދުވަހަށް ހަމަވާއިރު، އެ އަމުރު ބަދަލު ކުރަން ޖެހޭ ޒަރޫރީ ހާލަތެއް ދައުލަތަށް ދެއްކިފައި ނުވާ ކަމަށް ދިފާއީ ވަކީލް ވިދާޅުވިއެވެ.
ދެ ފަރާތުން ދެއްކި ވާހަކައަށް ރިއާޔަތް ކުރުމަށް ފަހު، މައްސަލަ ބައްލަވާ ގާޒީ އަލީ އާދަމް ވިދާޅުވީ އަމީންގެ މައްޗަށް ކުރަނީ ބޮޑެތި ކުށްތަކުގެ ތެރެއިން ކުށެއްގެ ތުހުމަތު ކަމަށާއި ތުހުމަތު ކުރެވޭ ވަރަށް އެކަށޭނަ ހެކި ވެސް ހުރި ކަމަށެވެ. އެހެންވެ ބަންދު ކުރަން ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ބަޔާން ކުރާ ހާލަތްތައް ވުޖޫދުގައިވާ ކަމަށް ގަބޫލު ކުރެވޭތީ 30 ދުވަހުގެ މުއްދަތަކަށް ކަސްޓޯޑިއަލް ޖަލެއްގައި އަމީން ބަންދު ކުރަން އަމުރު ކުރެއްވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް