ބީއެމްއެލް އިން މުވައްޒަފުންގެ ނަފްސާނީ ދުޅަހެޔޮކަން ދެމެހެއްޓުމަށް އެހީތެރިވަނީ

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން މުވައްޒަފުންގެ ނަފްސާނީ ދުޅަހެޔޮކަން ދެމެހެއްޓުމަށް އެހީތެރިވުމަށް ނިންމާ އެއްބަސްވުމުގައި ސޮއި ކޮށްފި އެވެ. މިއީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މަސައްކަތްކުރާ...

10 Oct 2021 | 09:48

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން މުވައްޒަފުންގެ ނަފްސާނީ ދުޅަހެޔޮކަން ދެމެހެއްޓުމަށް އެހީތެރިވުމަށް ނިންމާ އެއްބަސްވުމުގައި ސޮއި ކޮށްފި އެވެ.

މިއީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މަސައްކަތްކުރާ ބީއެމްއެލްގެ މުވައްޒަފުންގެ ނަފްސާނީ ދުޅަހެޔޮކަން ދެމެހެއްޓުމުގެ ގޮތުން ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.

އެގޮތުން ނަފްސާނީ ދުޅަހެޔޮކަމާ ގުޅޭ ޚިދުމަތްދެމުންދާ އިދާރާތަކާ ގުޅިގެން ސަޕޯޓް ޕްރޮގްރާމްތަކާއި ޕްރޮފެޝަނަލް ޚިދުމަތްތައް ލިބޭނެ ގޮތް ހަމަޖައްސައި ވަޒީފާގެ މާހައުލުގައި ނަފްސާނީ ދުޅަހެޔޮކަން ކުރިއެރުވުމުގެ ގޮތުން ހަރަކާތްތައް ހިންގުމަށް ވަނީ ނިންމާފަ އެވެ.

ބޭންކް އޮފް މޯލްޑިވްސް އިން ވަނީ ތިބާ ސައިކޮލޮޖީ، ސޮސައިޓީ ފޯރ ހެލްތް އެޑިއުކޭޝަން (ޝީ) އަދި އިންސްޓްޓިއުޓް އޮފް މެންޓަލް ވެލްބިއިން (އައި.އެމް.ޑަބްލިއު.ބީ) އާ ގުޅިގެން ގަވައިދުން ކޮންސަލްޓޭޝަން އަދި ކައުންސިލިންގ ޚިދުމަތް ބީއެމްއެލްގެ މުވައްޒަފުންނަށް ފޯރުކޮށްދިނުމަށް އެމްއޯޔޫއެއް ގައި ސޮއިކޮށްފަ އެވެ.

މި ޕްރޮގްރާމުގެ ދަށުން، ބޭންކުގެ މުވައްޒަފުންނަށް ބޭނުންވާ ކޮންސަލްޓޭޝަން ސެޝަންތަކަށް ހޭދަވާ ޚަރަދު ބޭންކުން ހަމަޖައްސައިދޭނެ އެވެ. އަދި ނަފްސާނީ އެހީތެރިކަމަށް ބޭނުންވާ މުވައްޒަފުންނަށް މިދާއިރާގައި ފާހަގަކޮށްލެވޭ ފަންނީ ފަރާތްތަކުގެ އެހީ ހޯދުމަށް ބާރުއަޅާނެ އެވެ.

މީގެ އިތުރުން މިފަރާތްތަކާ ގުޅިގެން، ދަރިންތަރުބިއްޔަތު ކުރުމާއި، ވޯކް ލައިފް ބެލެންސާއި ވަޒީފާގެ މާހައުލުގައި ނަފްސާނީ ދުޅަހެޔޮ ކަމާ ގުޅޭ ގޮތުން ހޭލުންތެރިކުރުމަށް ސެޝަންތަކެއް ވެސް ބާއްވަންވަނީ ހަމަޖެހިފަ އެވެ.

މިކަމާ ގުޅޭގޮތުން ބީއެމްއެލްގެ ޑެޕިއުޓީ ސީއީއޯ އައިޝަތު ނޫރައްދީން ވިދާޅުވީ މުވައްޒަފުންގެ ނަފްސާނީ ދުޅަހެޔޮކަން އިތުރުކުރުމަށް ފަސޭހައިން ލިބޭނެ ޚިދުމަތްތަކާއި ބޭނުންވާ ފަރުވާ ހޯދުމަށް ރާއްޖޭގައި ފާހަގަކޮށްލެވޭ ފަރާތްތަކަކާއެކު ޕާރޓްނަރޝިޕް ހެދޭކަމީ ލިބޭ އުފަލެއް ކަމަށެވެ. އަދި މުޅި ދުނިޔެއަށް ބަލާލާއިރުވެސް ނަފްސާނީ ދުޅަހެޔޮކަމުގެ މުހިންމުކަން މިއަންނަނީ ފާހަގަވަމުން ކަމަށެވެ.

"ކޮވިޑް-19 އާ ގުޅިގެން ނަފްސާނީ ދުޅަހެޔޮކަމަށް މިވަނީ ނުހަނު ބޮޑު އަސަރެއްކޮށްފައި. އެހެންކަމުން ރާއްޖޭގައި އެންމެ ގިނަ ވަޒީފާ ދެމުންދާ އެއް ކުންފުންޏަކަށްވުމާއެކު، ބޭންކުން މިކަމަށް އިސްނަގައި މިއަދު މިފަދަ މުހިންމު ފިޔަވަޅެއް އެޅުމަކީ ނުހަނު މުނާސަބުކަމެއް. އަޅުގަނޑުމެން އެދެނީ އަޅުގަނޑުމެންނެކޭ އެއްފަދައިން އެހެން އޮފީސްތަކާއި އިދާރާތަކުންވެސް މުވައްޒަފުންނަށް އަމާޒުކޮށް މިފަދަ ޕްރޮގްރާމްތައް ހިންގައި އަދި މުވައްޒަފުންގެ ނަފްސާނީ ދުޅަހެޔޮކަމުގެ މުހިންމުކަން ދެނެގަނެ އެކަމަށް ފިޔަވަޅު އެޅުން." އައިޝަތު ނޫރައްދީން ވިދާޅުވި އެވެ.

އިންޓަރނޭޝަނަލް ބެސްޓް ޕްރެކްޓިސްތައް ދިރާސާ ކުރުމަށްފަހު ބޭންކުން ދަނީ މުވައްޒަފުންނާ ގުޅޭ ގޮތުން އެންމެ ކުރިއަރާފައިވާ ސިޔާސަތުތައް އެކުލަވާލަމުން ނެވެ. މިގޮތުން ބޭންކުގެ ވަޒީފާ ދިނުމާއި ތަމްރީނު ދިނުމާއި މުވައްޒަފުންގެ އަގުވަޒަންކުރުމުގެ ސިޔާސަތުތަކަށް ފާހަގަކޮށްލެވޭފަދަ ބޮޑު ބަދަލުތަކެއް ދަނީ ގެންނަމުން ނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް