ސ. ހިތަދޫ ވަރުދީގޭ އަހުސަން ބަޝީރުގެ މަރުގެ މައްސަލައިގައި އޭނާގެ ހުރިހާ ވާރިސުންގެ ބަސް ހައިކޯޓުން ނަގައިފިއެވެ.
ހައިކޯޓުގައި އާދިއްތަ ދުވަހު ކުރިއަށް ދިޔަ ޝަރީއަތުގެ އަޑުއެހުމުގައި ދައުލަތުން ހާމަކުރި ގޮތުގައި، މި މައްސަލައިގައި ކުށް ސާބިތުވެފައިވާ މއ. ވީނަސްތަރި، ހަސަން ޝިމާޒް މުހައްމަދު ސުވާދުއާއި، ގ. ކޯޒީ އިބްރާހިމް ޝަހުމް އާދަމްގެ ކިބައިން އަހުސަންގެ ހުރިހާ ވާރިސުން ވެސް މަރުގެ އަދަބު ބޭނުންވާކަމަށް ބުނެފައި ވެއެވެ.
އަދި އެ ހާދިސާ ހިނގި ދުވަސްވަރު އަމަލު ކުރަމުންދިޔަ ކުރީގެ ޤާނޫނުލް އުގޫބާތުގެ ދަށުންނާއި، މިހާރު އަމަލުކުރާ ބިރު ދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާ ކުރުމުގެ ޤާނޫނުގެ ދަށުން ރިއާޔަތްކުރާއިރު މައްސަލައިގައި ދައުވާލިބޭ ޝަހުމްއަށް ދޭން ޖެހޭނީ މަރުގެ އަދަބުކަން ދައުލަތުން ވަނީ ފާހަގަކޮށްފައެވެ.
އެހެންނަމަވެސް، މީހަކު މެރުމުގައިި އެހީތެރިވުމުގެ ދައުވާ ސާބިތުވެފައިވާ ޝިމާޒަށް އަސްލު ކުށްކުރި މީހާއަށް ދެވޭ އަދަބު ނުދެވޭނެ ކަމަށް ފަނޑިޔާރު ވަނީ ވިދާޅުވެފައެވެ. އެއާއެކު ދައުލަތުން ވަނީ މައްސަލައިގައި ކަން ހިނގާފައިވާ ގޮތަށް ބަލާއިރު ޝިމާޒުގެ މައްޗަށް 17 އަހަރާއި ހަ މަހުގެ ޖަލު ޙުކުމެއް އިއްވައިދެއްވުމަށް އެދިފައެވެ.
ދެން އޮންނާނީ މި މައްސަލައިގައި ޝަރީއަތުން އަދަބު ކަނޑައެޅުމަށް ބާއްވާ އަޑުއެހުމެވެ.
އެ ދެމީހުންގެ މައްޗަށް ކުށް ސާބިތުވާކަމަށް ނިންމާފައިވަނީ މަރުމަތީގައި ބުނި ބަސް (ޑައިންގ ޑިކްލަރޭޝަން) އަށް ބިނާކޮށްގެންނެވެ. އެ ދެމީހުންގެ މައްޗަށް ކުށް ސާބިތުވާކަމަށް ނިންމަވައި ފަނޑިޔާރު ވިދާޅުވީ، މަރުން ސަލާމަތްވާނެ ކަމުގެ އެއްވެސް އުއްމީދެއް ނެތް މީހަކު މަރު މަތީގައި ދައްކާ ވާހަކައަށް ގިނަ ޤައުމުތަކުގެ ކޯޓުތަކުން ރިއާޔަތް ކުރާ ކަމަށެވެ. އަދި އަހުސަން މަރުވުމުގެ ކުރިން ހޮސްޕިޓަލްގައި އޮވެގެން ބައެއް މީހުންގެ ގާތުގައި އޭނާ މަރާލާފައިވަނީ މި މައްސަލައިގައި ދައުވާލިބޭ 2 މީހުންކަމަށް ބުނެފައިވާކަން ފާހަގަކޮށްފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް