ސާފް ޗެމްޕިއަންޝިޕް 2021: އިންޑިއާ - ނޭޕާލް | ޕްރިވިއު

މިހާރު ރާއްޖޭގައި ފެށިގެން ކުރިޔަށްދާ ސަރަހައްދީ އެންމެ ބޮޑު ފުޓުބޯޅަ މުބާރާތް ކަމަށްވާ ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގެ އަށްވަނަ މެޗުގައި މިރޭ ބައްދަލުކުރާ ދެ ޓީމަކީ ނޭޕާލް އާއި އިންޑިއާ އެވެ....

10 Oct 2021 | 08:24

މިހާރު ރާއްޖޭގައި ފެށިގެން ކުރިޔަށްދާ ސަރަހައްދީ އެންމެ ބޮޑު ފުޓުބޯޅަ މުބާރާތް ކަމަށްވާ ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގެ އަށްވަނަ މެޗުގައި މިރޭ ބައްދަލުކުރާ ދެ ޓީމަކީ ނޭޕާލް އާއި އިންޑިއާ އެވެ. މި ދެޓީމުގެ ތެރެއިން އިންޑިއާ އަކީ މި މުބާރާތް މިހާތަނަށް އެންމެ ގިނަ ފަހަރު ކާމިޔާބު ކޮށްފައިވާ އެންމެ ކާމިޔާބު ޓީމެވެ. އިންޑިއާއިން ވަނީ ހަތް ފަހަރު މި މުބާރާތް ކާމިޔާބު ކޮށްފައެވެ. ނޭޕާލަށް ބަލާއިރު، ނޭޕާލަށް މި މުބާރާތުގެ ތަށި އަދި މިހާތަނަށް ހޯދިފައެއް ނުވެއެވެ.

މިއަދުގެ މެޗަށް މި ދެޓީމު ނިކުންނައިރު، އިންޑިއާ ވަނީ މިހާތަނަށް މި މުބާރާތުގައި ދެ މެޗު ކުޅެފައެވެ. އެގޮތުން އިންޑިއާ މިހާތަނަށް ކުޅުނު ދެމެޗުން ވެސް އެޓީމު މޮޅުވެފައެއް ނުވެއެވެ. އިންޑިއާ މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުން ބަންގްލަދޭޝާއި ވާދަކޮށް 1-1 ގެ ނަތީޖާއިން އެއްވަރުވެފައިވާއިރު، ދެވަނަ މެޗުގައި ސްރީލަންކާ އާއި ވާދަކުރި މެޗުން ވެސް ވަނީ އެއްވަރުވެފައެވެ. މި މެޗު އެއްވަރުވީ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހިއެވެ. މި ނަތީޖާތަކާއި އެކު އިންޑިއާ ނޭވާހޮޅިއަށް އެޅިފައި އޮތުމުން ކުރިޔަށް ކުޅެން އޮތް ނޭޕާލް މެޗާއި މިމަހުގެ 13 ވަޖނަ ދުވަހު ރާއްޖެއާއި ދެކޮޅަށް ކުޅެމް އޮތް މެޗުން މޮޅުވާން ޖެހެއެވެ. މި ދެމެޗަކީ ވެސް އިންޑިއާ ސެމީއަށް ދިއުމަށްޓަކައި މޮޅުވުން ވަރަށް މުހިންމު ދެމެޗެވެ.

މި މެޗުގައި އިންޑިއާ އާއި ދެކޮޅަށް ނުކުންނަ ނޭޕާލް މިހާތަނަށް ދެމެޗު ކުޅެފައިވާއިރު، އެ ދެމެޗުންވެސް އެޓީމު ވަނީ މޮޅުވެފައެވެ. ނޭޕާލް މުބާރާތުގައި ކުޅުނު ފުރަތަމަ މެޗު ރާށްޖެއާއި ދެކޮޅަށް ކުޅެ މޮޅުވީ 0-1 ގެ ނަތީޖާއިންނެވެ. އަދި ދެވަނަ މެޗުގައި ލަންކާއާއި ވާދަކޮށް ނޭޕާލް މޮޅުވެފައިވަނީ 2-3 ގެ ނަތީޖާއިންނެވެ. އެހެންކަމުން މިރޭ އިންޑިއާއާއި ދެކޮޅަށް ކުޅޭ މެޗުން ނޭޕާލް މޮޅުވެއްޖެ ނަމަ އެޓީމަށް ސެމީގެ ޖާގައެއް ކަށަވަރުވެގެން ދާނެއެވެ. ނޭޕާލް މިވަގުތު އޮތީ ކުޅުނު ދެމެޗުންވެސް މޮޅުވެ ހަ ޕޮއިންޓާއި އެކު ގުރޫޕުގެ އެއްވަނާގައެވެ. މިރޭ ނޭޕާލާއި ދެކޮލަށް ނިކުންނަ އިންޑިއާ އޮތީ ދެމެޗުން ލިބުނު ދެ ޕޮއިންޓާއި އެކު ގުރޫޕުގެ ހަތަރުވަނާގައެވެ.

އިންޑިއާ

އިންޑިއާއަކީ ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅައިގެ އެންމެ ވަރުގަދަ ބާރު ކަމުގައި ބެލެވިފައިވާ ގައުމެވެ. 1993 ވަނަ އަހަރު ޕާކިސްތާނުގައި ބޭއްވުނު ސާފް ޗެމްޕިއަންޝިޕް ފުރަތަމަ މުބާރާތުން ފެށިގެން ގަވައިދުން މި މުބާރާތުގައި ވާދަކުރަމުން އަންނަ އިންޑިއާއަކީ މި މުބާރާތް އެންމެ ގިނަ ފަހަރު ކާމިޔާބު ކޮށްފައިވާ ގައުމުވެެސް މެއެވެ.

މިހާތަނަށް ސާފް ޗެމްޕިއަންޝިޕްގެ 12 މުބާރާތެއްގައި ވާދަކޮށްފައިވާއިރު އެގައުމުން ވަނީ މި މުބާރާތުގެ ތަށި ހަތް ފަހަރު ހޯދާފައެވެ.

ފީފާ ރޭންކިންގެ 107 ވަމާގައި މިވަގުތު އޮތް އިންޑިއާ ސާފް ޗެމްޕިއަންޝިޕްގައި ހޯދާފައިވާ ކާމިޔާބީތަކަށް ބަލާއިރު، އެގައުމުން ވަނީ އެންމެ މުބާރާތެއް ފިޔަވާ ދެ ކުޅުނު ހުރިހާ މުބާރާތެއްގައިވެސް އެއް ކޮޅުން ފައިނަލުގައި ކުޅެފައެވެ. އެގައުމަށް ފައިނަލުގައި ވާދަ ނުކުރެވުނީ 2003 ވަނަ އަހަރު ބަންގަލަދޭސްގައި ބޭއްވުނު މުބާރާތުގައި އެކަންޏެވެ. އެ ފަހަރުގެ މުބާރާތުން އެގައުމު ކެޓީ ސެމީފައިނަލުގައި ބަނގްލަދޭސްއާއި ވާދަކޮށް ޕެނަލްޓީގައި 1-2 ގެ ނަތީޖާއިންނެވެ. މިހާތަނަށް އިންޑިއާއިން ސާފްޗެމްޕިއަންޝިޕް މުބާރާތުގެ 11 ފައިނަލެއް ކުޅެފައިވާއިރު، އެގައުމުން ވަނީ ހަތް ފަހަރު މުބާރާތުގެ ޗެމްޕިއަންކަން ހޯދާފައެވެ. މި މުބާރާތް އެންމެ ގިނައިން ބާއްވާފައިވަނީ ވެސް އިންޑިއާގައެވެ. އިންޑިއާގައި މި މުބާރާތް ތިންފަހަރު ބާއްވާފައިވެއެވެ.

ނޭޕާލް

ނޭޕާލް މިރޭގެ މެޗަށް ނިިކުންނައިރު، އެޓީމަށް އޮތް އެންމެ ބޮޑު ހިންހަމަ ޖެހުމަކީ މުބާރާތުގައި ކުޅުނު ދެ މެޗުން ވެސް މޮޅެއް ހޯދިފައިވުމެވެ. އެހެން ކަމުން ފުރަތަމަ މެޗާއި ދެވަނަ މެޗުން ނެރުނު ހިތްވަރު އަލުން ނެރެ މިރޭގެ މެޗުން މޮޅެއް ހޯދުމަށް ނޭޕާލް އޮތީ ވަރަށް ވަރުގަދައަށް ތައްޔާރުވެފައެވެ. ނޭޕާލަކީ ސާފް ޗެމްޕިއަންޝިޕް މުބާރާތް މިހާތަނަށް އަދި ކާމިޔާބު ކުރެވިފައިނުވާ ޓީމެވެ. އެޓީމަށް މުބާރާތުގެ އެންމެ ދުރަށް ވެސް ދެވިފައިވަނީ ސެމީފައިނަލާ ހަމައަށެވެ. މި މުބާރާތުގައި ނޭޕާލަށް ހޯދިފައިވާ އެންމެ ބޮޑު ކާމިޔާބަކީވެސް ސެމީއަށް ދަތުރު ކުރެވުމެވެ.

ނެޕާލް ސެމީއަށް ދަތަުރުކޮށްފައިވަނީ 1995 ވަނަ އަހަރު އަމިއްލަ ގައުމުގައި ބޭއްވުނު މުބާރާތުގައާއި 1999 ވަނަ އަހަރާއި 2011 ވަނަ އަހަރު އިންޑިއާގައި ބޭއްވުނު މުބާރާތުގެ އިތުރުން 2013 ވަނަ އަހަރު އަމިއްލަ ގައުމުގައި ބޭއްވުނު މުބާރާތާއި އަދި އެންމެ ފަހުން 2018 ވަނަ އަހަރު ބަނގްލަދޭސްގައި ބޭއްވުނު މުބާރާތުގައެވެ. އެންމެ ފަހުން ބޭއްވުނު މުބާރާތުގެ ސެމީއިން ނޭޕާލް ބަލިވެ މުބާރާތުން ކެޓީ ރާއްޖެއާއި ދެކޮޅަށް ކުޅެ 0-3 ގެ ނަތީޖާ އިން ބަލިވެގެންނެވެ. މި މުބާރާތުގެ ސެމީއިން ނޭޕާލް ޖާގަ ހޯދީ ގުރޫޕް ސްޓޭޖުގައި ކުޅުނު ތިން މެޗުން ވެސް މޮޅުވެ އެޓީމު ހިމެނޭ ގުރޫޕުގެ އެއްވަނަ ޓީމުގެ ގޮތުގައެވެ.

އިންޑިއާ އާއި ނޭޕާލްގެ ތާރީޚީ ކުރިމަތިލުންތައް

އިންޑިއާ އާއި ނޭޕާލް މީގެ ކުރިން އެކި މުބާރްތަކުގައި ޖުމުލަ 21 ފަހަރު ވާދަކޮށްފައިވެއެވެ. އޭގެ ތެރެއިން 14 މެޗުން އިންޑިއާ މޮޅުވެފައިވާއިރު، ނޭޕާލް މޮޅުވެފައިވަނީ ދެ މެޗުންނެވެ. ފަސް މެޗު އެއްވަރުވެފައިވެއެވެ.

ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގެ ތާރީޚުގައި އިންޑިއާ އަދި ނޭޕާލް މީގެ ކުރިން ހަ ފަހަރު ބައްދަލުކޮށްފައިވެއެވެ. މި ދެޓީމު ވައްދަލުކުރި ހަމަ މެޗަކީވެސް މުބާރާތުގެ ގުރޫޕް ސްޓޭޖުގެ ހަ މެޗެވެ. މީގެ ތެރެއިން ފަސް މެޗުން އިންޑިއާ މޮޅުވެފައިވާއިރު، ނޭޕާލް މޮޅުވެފައިވަނީ އެންމެ މެޗަކުންނެވެ.

މި ދެޓީމު އެންމެ ފަހުން ބައްދަލުކޮށްފައިވަނީ މިއަހަރުގެ ސެޕްޓެމްވަރު މަހުގެ ފަސް ވަނަ ދުވަހު އެކުވެރި ކަމުގެ މެޗެއްގައެވެ. މި މެޗު 1-2 ގެ ނަތީޖާއިން ކާމިޔާބު ކޮށްފައިވަނީ އިންޑިއާއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް