ދެކުނު އޭސިއާ ސަރަހައްދުގެ އެންމެ ބޮޑު އަދި އެންމެ ޝަރަފުވެރި ފުޓްބޯޅަ މުބާރާތް ކަމުގައިވާ ފާސް ޗެމްޕިއަންޝިޕް މުބާރާތުގެ ގުރޫޕް ސްޓޭޖުގައި މިއަދު ހަވީ އަވަށްޓެރި ސްރީލަންކާއާއި ދިވެހިރާއްޖެ ބައްދަލުކުރާ މެޗަކީ މި ހާރު ރާއްޖޭގައި ފެށިގެން ކުރިޔަށްދާ މުބާރާތުގެ ހަތްވަނަ މެޗެވެ. މިހާތަނަށް މި މުބާރާތުގެ ހަ މެޗެއް ކުޅެވިފައިވާއިރު، ލަންކާ ވަނީ މިހާތަނަށް ތިން މެޗެއް ކުޅެފައެވެ. އެ ތިން މެޗުގެ ތެރެއިން ދެމެޗުން ބަލިވެފައިވާއިރު، އެއް މެޗުން ވަނީ އެއްވަރުވެފައެވެ. އެހެންކަމުން ލަންކާއަށް މި މުބާރާތުގައި މިހާތަނަށް އެންމެ ޕޮއިންޓެއް ލިބިފައިވާއިރު، އެގައުމަށް މި މުބާރާތުގެ ސެމީއަށް ދިއުމުގެ އަމިއްލަ ބާރު ކެނޑި ދޮރު ވަނީ މުޅިންހެން ބަންދުވެފައެވެ. ނަމަވެސް މިއަދު ކުޅޭ މެޗުން މޮޅުވެގެން ސެމީއަށް ދިއުމުގެ ވަރަށް ހަނިފުރުސަތެއް ލަންކާއަށް ވެސް އެބައޮތެވެ. މިއަދުގެ މެޗަކީ ލަންކާ މި މުބާރާތުގެ ގުރޫޕް ސްޓޭޖުގައި ކުޅޭނެ އެންމެ ފަހު މެޗެވެ.
ރާއްޖެއަށް ބަލާއިރު، ރާއްޖެ ވަނީ މި މުބާރާތުގައި މިހާތަނަށް ދެމެޗު ކުޅެފައެވެ. އޭގެތެރެއިން އެއްމެޗުން ބަލިވެފައިވާއިރު، އެއްމެޗުން ވަނީ މޮޅުވެފައެވެ. ރާއްޖެއަށް މި މުބާރާތުގެ ގުރޫޕް ސްޓޭޖުގައި ކުޅެން އަދި ބާކީ ދެމެޗު އެބައޮތެވެ. އެ އެއީ މިއަދު ލަންކާ އާއި ދެކޮޅަށް ކުޅޭ މެޗާއި މިމަހުގެ 13 ވަނަ ދުވަހު އިންޑިއާއާއި ދެކޮޅަށް ކުޅޭ މެޗެވެ. އެހެން ކަމުން މުބާރާތުގެ ސެމީއަށް ދިއުމަށްޓަކައި މި ދެމެޗުންވެސް ރާއްޖެ މޮޅުވާންޖެހެއެވެ. ރާއްޖެ މިހާރު އޮތީ ދެމެޗުން ލިބުނު ހަތަރު ޕޮއިންޓާއި އެކު ގުރޫޕްގެ ތިން ވަނާގައެވެ.
ސްރީލަންކާ
އަވަށްޓެރި ސްރީލަންކާ އާއި ދިވެހިރާއްޖެ އަކީ ޒަމާނުއް ސުރެވެސް ފުޓްބޯޅައިގައި ވަރަށް ވާދަވެރި ދެ ގައުމެވެ. ނަމަވެސް ފާހަގަކޮށްލަން ޖެހޭ ކަމަކީ މި މުބާރާތުގައި މިހާތަނަށް މި ދެޓީމު ބައްދަލުކުރި ބައްދަލުކުރުންތަކަށް ބަލާއިރު، ރާއްޖޭގެ މައްޗަށް ލަންކާއަށް ކުރި ހޯދިފައި ނެތުމެވެ. އެހެންކަމުން މިއަދު ރާއްޖެއާއި ދެކޮޅަށް ލަންކާ ކުޅޭ މެޗުން ރާއްޖެ ބަލިކޮށް ރާއްޖެ އަތުން ބަލިވުމުގެ ސިލްސިލާއަށް ނިމުންގެނައުމަށް ލަންކާ ވަރަށް ބޮޑަށް މަސައްކަތް ކުރާނެއެވެ.
ސްރީލަންކާ އަކީ ސާފް ޗެމްޕިއަންޝިޕު މުބާރާތުގައި ޤަވައިދުން ވާދަކުރަމުން އަންނަ ގައުމެކެވެ. އެގޮތުން ޕާކިސްތާނުގައި 1993 ވަނަ އަހަރު ބޭއްވުނު ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގެ އެއްކޮޅުން ފައިނަލުގައި ކުޅެފައިވެއެވެ. ޖެހިގެން އައި 1995 ވަނަ އަހަރު އަމިއްލަ ގައުމުގައި ބޭއްވުނު މުބާރާތުގެ ޗެމްޕިއަންކަން ލަންކާއިން ހޯދިއިރު، 1997 ވަނަ އަހަރު ނޭޕާލުގައި ބޭއްވުނު މުބާރާތުގެ ވެސް ސެމީ ފައިނަލުގައި ކުޅެފައިވެއެވެ. އެގޮތުން މި މުބާރާތުގެ އެންމެ ކާމިޔާބު ގައުމު އިންޑިއާ އާއި ވިދިގެން ދެވަނައަށް މި މުބާރާތުގެ އެންމެ ވަރުގަދަ ވާނެ ކަމަށް ބެލެވުނު ގައުމަކީ ލަންކާއެވެ. ނަމަވެސް ފަހަކަށް އައިސް ލަންކާ އަށް މި މުބާރާތުގައި އެންމެ ދުރަށް ވެސް ދަތުރުކުރެވިފައިވަނީ ސެމީ ފައިނަލާއި ހަމައަށެވެ.1997 ވަނަ އަހަރުގެ މުބާރާތުގެ ފަހުން ލަންކާއަށް މި މުބާރާތުގެ ފައިނަލުގައި ކުޅުމުގެ ފުރުސަތު ލިބިފައެއް ނުވެއެވެ.
ނަމަވެސް 2008 ވަނަ އަހަރު ރާއްޖެއާއި ލަންކާގައި ބޭއްވުނު މުބާރާތުގެ އިތުރުން 2009 ވަނަ އަހަރު ބަނގްލަދޭޝްގައި ބޭއްވުނު މުބާރާތާއި 2015 ވަނަ އަހަރު އިންޑިއާގައި ބޭއްވުނު މުބާރާތުގެ ސެމީފައިނަލަށް ލަށް ލަންކާ ވަނީ ދަތުރު ކޮށްފައެވެ. ނަމަވެސް އެންމެ ފަހުން 2018 ވަނަ އަހަރު ބަނގްލަދޭޝްގައި ވޭއްވުނު މުބާރާތުން ލަންކާ ކަޓާފައިވަނީ ގްރޫޕް ސްޓޭޖުންނެވެ.
ދިވެހިރާއްޖެ
ރާއްޖެއަކީ އިންޑިއާއަށް ފަހު ދެވަނައަށް ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅައިގެ އެންމެ ވަރުގަދަ ބާރު ކަމުގައި ބެލެވިފައިވާ ގައުމެވެ. 1997 ވަނަ އަހަރު ނޭޕާަލުގައި ބޭއްވުނު ސާފް ޗެމްޕިއަންޝިޕް މުބާރާތުން ފެށިގެން ގަވައިދުން މި މުބާރާތުގައި ވާދަކުރަމުން އަންނަ ރާއްޖެއަކީ މި މުބާރާތް ދެވަނައަށް އެންމެ ގިނައިން ކާމިޔާބު ކޮށްފައިވާ ގައުމު ވެެސް މެއެވެ.
މިހާތަނަށް ސާފް ޗެމްޕިއަންޝިޕްގެ 10 މުބާރާތެއްގައި ވާދަކޮށްފައިވާއިރު ރާއްޖެ ވަނީ މި މުބާރާތުގެ ތަށި ދެ ފަހަރު ހޯދާފައެވެ.
ސައުތް އޭސިއަން ރޭންކިންގެ 02 ވަނައިގައި މިވަގުތު އޮތް ރާއްޖެ ސާފް ޗެމްޕިއަންޝިޕްގައި ހޯދާފައިވާ ކާމިޔާބީތަކަށް ބަލާއިރު، ރާއްޖެ ވަނީ އެގައުމުން ވާދަކުރި ދިހަ މުބާރާތުގެ ސެމީ ފައިނަލް ކުޅެފަ އެވެ. އޭގެ ތެރެއިން ފަސް މުބާރާތެއްގެ ފައިނަލް ކުޅެފައިވާއިރު، ދެ ފަހަރު މުބާރާތް ކާމިޔާބު ކޮށްފައި ވެއެވެ.
ރާއްޖެ ފައިނަލުގައި ކުޅެފައިވަނީ 1997 ވަނަ އަހަރު ނޭޕާލުގައި ބޭއްވި މުބާރާތުގައާއި 2003 ވަނަ އަހަރު ބަނގްލަދޭޝްގައި ބޭއްވި މުބާރާތާއި، 2008 ވަނަ އަހަރު ރާއްޖެއާއި ސްރީލަންކާގައި ބޭއްވުނު މުބާރާތުގެ އިތުރުން 2009 ވަނަ އަހަރާއި 2018 ވަނަައަހަރު ބަނގްލަދޭޝްގައާއި ބޭއްވުނު މުބާރާތުގައެވެ.
މީގެ ތެރެއިން މުބާރާތުގެ ތަށި ރާއްޖެއިން ނަގާފައިވަނީ 2008 ވަނަ އަހަރާއި އެންމެ ފަހުން 2018 ވަނަ އަރު ބޭއްވި މުބާރާތުގައެވެ. މި ގެ ފަހަރުވެސް ރާއްޖެ ތަށި ނެގީ ފައިނަލުގައި އިންޑިއާ ބަލިކުރުމަށް ފަހުގައެވެ. މި މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަނުންނަކީ ވެސް ރާއްޖެއެވެ.
ސްރީލަންކާ އާއި ދިވެހިރާއްޖޭގެ ތާރީޚީ ކުރިމަތިލުންތައް
ދިވެހިރާއްޖެ އާއި ސްރީލަންކާ މިހާތަނަށް އެކި މުބާރާތްތަކުގައި ޖުމުލަ 19 ފަހަރެއްގެ މަތިން ބައްދަލުކޮށްފައިވެއެވެ. އޭގެތެރެއިން ލަންކާ މޮޅުވެފައިވަނީ ތިން މެޗުންނެވެ. ރާއްޖެ ހަތް މެޗުން ވަނީ މޮޅުވެފައެވެ. ނުވަ މެޗު ވަނީ އެއްވަރުވެފައެވެ.
ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގައި ރާއްޖެ އާއި ސްރީލަންކާ މިހާތަނަށް ވާދަކޮށްފައިވަނީ ހަތް ފަހަރުއެވެ. އޭގެ ތެރެއިން ސްރީލަންކާއަށް ރާއްޖޭގެ މައްޗަށް އެއްވެސް މެޗަކުން ކުރި ހޯދިފައެއް ނުވެއެވެ. ރާއްޖެ ފަސް މެޗުން މޮޅުވެފައިވާއިރު، ދެމެޗުން ވަނީ އެއްވަރުވެފައެވެ.
ސާފް ޗެމްޕިއަންޝިޕްގައި މިހާތަނަށް ރާއްޖެއާއި ސްރީލަންކާ ބައްދަލުކުރި މެޗުތަކުގެ ނަތީޖާތައް
މި ދެޓީމު އެންމެ ފުރަތަމަ މި މުބާރާތުގައި ބައްދަލުކޮށް މެޗެއް ކުޅެފައިވަނީ 1997 ވަނަ އަހަރު ނޭޕާލުގައި ބޭއްވުނު މުބާރާތުގައެވެ. އެ މުބާރާތުގައި ރާއްޖެއާއި ލަންކާ ބައްދަލުކުރީ ސެމީގައެވެ. އެ މެޗުން ރާއްޖެ ލަންކާއަތުން މޮޅުވެފައިވަނީ 1-2 ގެ ނަތީޖާއިންނެވެ. އޭގެ ފަހުން 1999 ވަނަ އަހަރު އިންޑިއާގައި ބޭއްވުނު މުބާރާތުގެ ގުރޫޕް ސްޓޭޖުގައި ވާދަކޮށްފައިވެއެވެ. އެ މެޗު 0-0 ގެ ނަތީޖާއިން އެއްވަރުވެފައިވާއިރު،2005 ވަނަ އަހަރު ޕާކިސްތާނުގައި ބޭއްވުނު މުބާރާތުގައިވެސް ރާއްޖެއާއި ލަންކާ ބައްދަލުކޮށްފައިވަނީ މުބާރާތުގެ ގުރޫޕު ސްޓޭޖުގައެވެ. އެ މެޗުން ރާއްޖެ މޮޅުވީ 0-2 ގެ ނަތީޖާއިންނެވެ.
އޭގެ ފަހުން 2008 ވަނަ އަހަރު ރާއްޖެއާއި ލަންކާގައި ބޭއްވުނު މުބާރާތުގެ ސެމީގައި މި ދެޓީމުވަނީ ބައްދަލުކޮށްފައެވެ. އެފަހަރުގެ މި މެޗު ރާއްޖެއިން ކާމިޔާބުކުރީ 0-1 ގެ ނަތީޖާއިންނެވެ. ޖެހިގެން އައި މުބާރާތް 2009 ވަނަ އަހަރު ބަނގުލަދޭޝްގައި ބޭއްވުނު މުބާރާތުގައި ވެސް ރާއްޖެއާއި ލަންކާ ވަނީ ސެމީގައި ވާދަކޮށްފައެވެ. މި މެޗު ރާއްޖެއިން ކާމިޔާބު ކުރީ 1-5 ގެ ނަތީޖާއިންނެވެ.
2013 ވަނަ އަހަރު ނޭޕާލުގައި ބޭއްވުނު މުބާރާތަކީ ރާއްޖެއާއި ލަންކާގެ ކުރިމަތިލުންތަކުގެ ތެރެއިން އެންމެ ފާހަގަކޮށް ލެވުނު އެންމެ ތާރީޚީ އެއް މުބާރާތެވެ. އެގޮތުން މި މުބާރާތުގެ ގުރޫޕު ސްޓޭޖުގައި ލަންކާއާއި ދެކޮޅަށް ރާއްޖެ ކުޅުނު މެޗުގައި ރާއްޖެއިން ވަނީ ލަންކާ ކޮޅަށް 10 ލަނޑު ޖަހާފައެވެ. އޭގެ ފަހުން މި ދެޓީމު ބައްދަލުކޮށްފައިވަނީ އެންމެ ފަހުން 2018 ވަނަ އަހަރު ބަނގްލަދޭޝްގައި ބޭއްވުނު މުބާރާތުގެ ގުރޫޕް ސްޓޭޖުގައެވެ. މި މެޗު 0-0 ގެ ނަތީޖާއިން ވީއެއްވަރެވެ.
ސްރީލަންކާ އަދި ދިވެހިރާއްހެ ބައްދަލުކުރާ މެޗު ފަށާނީ މިއަދު ރާއްޖޭ ގަޑިން ހަވީރު 4:00 ގައެވެ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް