އދ.ގެ އާންމު މަޖިލީހުގެ ރައީސް ރާއްޖެއަށް ކުރެއްވި ދަތުރުފުޅަށް ފަހު ފުރާވަޑައިގެންފި

އދ. ގެ އާންމު މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު ރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު ފުރާވަޑައިގެންފި އެވެ. ޝާހިދަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން އަލްވަދާޢު ވިދާޅުވީ، ރައީސ...

10 Oct 2021 | 03:31

އދ. ގެ އާންމު މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު ރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު ފުރާވަޑައިގެންފި އެވެ.

ޝާހިދަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން އަލްވަދާޢު ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ އޮފީހުގެ ޗީފް އޮފް ސްޓާފް، އަލްއުސްތާޛު ޢަލީ ޒާހިރެވެ.

އާންމުމަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން ޝާޙިދު ރާއްޖެ ވަޑައިގެންނެވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ދައުވަތަކަށެވެ.

މި ދަތުރުފުޅުގެ ބައެއްގެ ގޮތުން ރައީސުލްޖުމްހޫރިއްޔާ އާއިއެކު ރަސްމީ ވާހަކަތައް ބާއްވަވާ، ނޫސްވެރިންގެ ބައްދަލުވުމުގައި އެމަނިކުފާނު ވަނީ ބައިވެރިވެވަޑައިގެންފައެވެ. ހަމަ އެއާއެކު ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަނީ ޝާހިދުގެ ޝަރަފުގައި ރަސްމީ ޖާފަތެއް ދެއްވާފައެވެ.

މީގެ އިތުރުން މިއަހަރުގެ ޤައުމީ ދުވަހުގެ ރަސްމީ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ވަނީ އެކުވެރި ދައުލަތްތަކުގެ ޢާންމު މަޖިލީހުގެ 76 ވަނަ ސެޝަންގެ ރައީސް އަދި ރާއްޖޭގެ މިނިސްޓާ އޮފް ފޮރިން އެފެއާޒް ނ.ޢ.ޢ.ވ ޢަބްދުﷲ ޝާހިދު ކޮށްދެއްވި ޤައުމީ ޚިދުމަތް ފާހަގަކުރުމުގެ ގޮތުން، ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިކަމުގެ ލަޤަބު އަރުވާފައެވެ.

މި ދަތުރުފުޅުގައި އ.ދ.ގެ ޢާންމު މަޖިލީހުގެ 76 ވަނަ ސެޝަނުގެ ރައީސް، ވަނީ މިހާރު ކުރިޔަށްދާ ސާފް ޗެމްޕިއަންޝިޕް 2021 ގައި،ރާއްޖެއާއި ބަންގްލަދޭޝް ބައްދަލުކުރި ފުޓްބޯޅަ މެޗު ބައްލަވާލައްވާފައެވެ.

އަދި އިއްޔެ ވަނީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދުގެ އަރިހަށް، އ.ދ. ގެ ޢާންމު މަޖިލީހުގެ 76 ވަނަ ސެޝަނުގެ ރައީސްގެ އަނބިކަނބަލުން ޢާއިޝަތު ސުއިޒާ، އިޚްތިރާމްގެ ޒިޔާރަތެއް ކުރައްވާފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް