ޝާރުކް އާންމުކޮށް ނިދަނީ ވަރަށް މަދުން، އާރްޔަންގެ ހައްޔަރާ އެކު މިހާރު އެއްގޮތަކަށްވެސް ނުނިދާ!

ބޮލީވުޑްގެ ކިންގް ޝާރުކް ހާން އަށް މިއީ ހިތްދަތި ދުވަސްކޮޅެކެވެ. ދޮށީ ފިރިހެން ދަރިފުޅު އާރްޔަން ހާން މިދިޔަ ހަފްތާގެ އާދިއްތަ ދުވަހުން ފެށިގެން މަސްތުވާތަކެތީގެ މައްސަލައެއްގައި އިންޑިއާގެ ނާކޮޓިކްސް...

10 Oct 2021 | 03:22

ބޮލީވުޑްގެ ކިންގް ޝާރުކް ހާން އަށް މިއީ ހިތްދަތި ދުވަސްކޮޅެކެވެ.

ދޮށީ ފިރިހެން ދަރިފުޅު އާރްޔަން ހާން މިދިޔަ ހަފްތާގެ އާދިއްތަ ދުވަހުން ފެށިގެން މަސްތުވާތަކެތީގެ މައްސަލައެއްގައި އިންޑިއާގެ ނާކޮޓިކްސް ކޮންޓްރޯލް ބިއުރޯ (އެންސީބީ) ގެ ބަންދުގައި ހުރުމުން ޝާރުކަށް ވަނީ ހުރިހާ މަސައްކަތެއް ހުއްޓާލައި ދަރިފުޅު ސަލާމަތް ކުރަން އުޅެން ޖެހިފަ އެވެ. އާރްޔަންގެ ބަންދުގެ މުއްދަތު ދެ ފަހަރު އިތުރުކޮށްފައިވާއިރު ކޯޓުން ވަނީ އޭނާ ކަފާލާތުގެ ދަށުން ދޫކޮށްލަން ދެކޮޅު ހަދާފަ އެވެ.

މިހާލަތުގައި ޝާރުކްގެ ދިރިއުޅުން ބުނެދެމުން އޭނާގެ ގާތް މީހަކު ބުނީ ޝާރުކް އަކީ އާންމު ދިރިއުޅުމުގައި ވަރަށް މަދުން ނިދާ މީހެއް ކަމަށެވެ. އަދި މިހާރު އާރްޔަން ކަންތަކުގައި ވިސްނަން ހަދައިގެން އެއްގޮތަކަށްވެސް ނުނިދާ އުޅޭތާ ހަފްތާއެއްހާ ދުވަސް ވެދާނެ ކަމަށެވެ.

މީގެ އިތުރުން ކެއުމާއި ބުއިންވެސް ދޫކޮށް ޝާރުކްގެ މުޅި ދުވަސް ހޭދަ ކުރަނީ އާރްޔަން ސަލާމަތް ކުރުމަށް އެކި ފަރާތްތަކާއި ގުޅިގެން މަސައްކަތް ކުރަން ކަމަށް އެމީހާ މީޑީއާގައި ބުންޏެވެ.

ޝާރުކްގެ އިތުން އަންހެނުން ގޯރީ ހާން އަށްވެސް ދަނީ އާރްޔަންގެ ހައްޔަރާއި ގުޅިގެން ވަރަށް ބޮޑަށް އަސަރު ކުރަމުންނެވެ. އެގޮތުން އެންމެ ފަހުން ބޭއްވި ކޯޓު އަޑުއެހުމަށް ފަހު އެތަނުން ނުކުމެ ކާރުގައި އިދެގެން އަސަރާއި އެކު ރޯ ތަން ނޫސްވެރިންނަށް ފެނި ވީޑިއޯ އާއި ފޮޓޯ ނަގާފައިވެ އެވެ.

ސާރުކް ވަނީ ދަރިފުޅު ސަލާމަތް ކުރަން އިންޑިއާގެ އެންމެ މަޝްހޫރު ކްރައިމް ލޯޔަރު ސަތީޝް މަނަޝިންދޭ އާރްޔަންގެ ގާނޫނީ ވަކީލެއްގެ ގޮތުގައި ހަމަޖައްސާފަ އެވެ. އަދި މިހާރު ކަރަން ޖޯހަރުވެސް އިތުރު ގާނޫނީ ވަކީލެއް ހަމަޖައްސައިދިނުމުގެ ކަންކަން ކުރަމުންދާ ކަމަށްވެ އެވެ.

ބޮލީވުޑްގެ މަޝްހޫރު ފަރާތްތަކުން ގަބޫލު ކުރާގޮތުގައި މިއީ އެ އިންޑަސްޓްރީގެ އަގު ވައްޓާލުމަށް ބަޔަކު ރާވައިގެން ކުރާ ކަމެކެވެ. އާރްޔަންގެ މައްސަލައިގަ ހުރިހާ ބޮލީވުޑް ތަރިންވެސް ޝާރުކަށް ހިތްވަރުދީ އެއްބާރުލުން ދެމުންދާއިރު އާރްޔަން އާއި ދެކޮޅަށް އެކަކުވެސް ވާހަކައެއް ނުދައްކައެވެ.

އަދި މިމަހުގެ ހަތް ވަނަ ދުވަހު ބޭއްވި މުއްދަތު މަޖިލީހުގައި އާރްޔަންގެ ފަރާތުން ވަކީލުވެސް ވަނީ މިއީ އާރްޔަންއަށް ރާވައިގެން ބަޔަކު ދީފައިވާ ލަނޑެއް ކަމަށްބުނެފަ އެވެ. އެ ދުވަހު ކޯޓުގައި ވަކީލު ވިދާޅުވީ އާރްޔަން އާއި އެކު ހައްޔަރު ކުރި އޭނާގެ އެކުވެރިޔާ އަރްބާޒް މަޗަންދު އަތުން މަސްތުވާތަކެތި ފެނުނު ނަމަވެސް އޭނާ އަތުން އެއްވެސް އެއްޗެއް ފެނިފައިނު ވާކަމަށެވެ.

އެ ޕާޓީއަށް އާރްޔަން ދިޔައީ އަރްބާޒް ދާކަށް އެނގިހުރެ ނޫން ކަމަށާއި ޕާޓީއަށް ދައުވަތު ދިނީ ޕްރަތީކް ބަގާ ކިޔާ އާރްޔަންގެ އެކުވެރިއެއް ކަމަށް ބުންޏެވެ. މީގެ އިތުރުން އެޕާޓީއަށް ޕްރަތީކް ދައުވަތުދިން އިތުރު މީހުން ނޭނގޭ ކަމަށާއި އާރްޔަން ގަބޫލު ކުރާގޮތުގައި ޕްރަތީކް އޭނާ ޕާޓީއަށް ގެންދަން ބޭނުންވީ ބޮލީވުޑާއި ގުޅުން ހުރި މަޝްހޫރު މީހެއްގެ ދަރިއަކަށް ވާތީ އެވެ.

އާރްޔަންގެ ގާނޫނީ ވަކީލު އެ ދުވަހާއި ޖެހެންދެން ބުނަމުން ދިޔައީ ހަތް ވަނަ ދުވަހުގެ އަޑުއެހުމުގައި އޭނާ ދޫކޮށްލުން ނޫން ގޮތެއް ފަނޑިޔާރުންނަށް ނޯންނާނެ ކަމަށެވެ. އެއީ އާރްޔަން މަސްތުވާތަކެއްޗަށް ޕޮސިޓިވްނުވުމާއި މަސްތުވާތަކެތި އޭނާ އަތުން ނުފެނުމުގެ އިތުރުން ފުލުހުންގެ ބަންދުގައި ހުރި އިރު ފުރަތަމަ ދެ ދުވަހުގެ ފަހުން އޭނާ އާއި އެއްވެސް ސުވާލެއް ކޮށްފައި ނުވާތީ އެވެ.

އެކަމަކު އާރްޔަން ބަންދުށް ދޫނުކޮށް އަނެއްކާވެސް ބަންދުގައި ބަހައްޓައިގެން ތަހުގީގު ކުރިޔަށް ގެންދިއުމަށް ނިންމީ އާރްޔަން ދޫކޮށްލައިފި ނަމަ ހެއްކަށް ނުފޫޒު ފޯރުވާނެ ކަމަށް ގަބޫލު ކުރާތީ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް