ޔޫތް މިނިސްޓަރު އަހުމަދު މަހުލޫފުގެ ސަސްޕެންޝަން އުވާލައިފި އެވެ.
މިކަމާއި ގުޅިގެން ރަސްމީކޮށް ރައީސް އޮފީހުން އެއްޗެއް ހާމަ ނުކުރި ނަމަވެސް އޭނާގެ ސަސްޕެންޝަން އިއްޔެ އުވާލިކަން ވަނީ ކަށަވަރުވެފަ އެވެ.
އިއްޔެއިން ފެށިގެން މަހުލޫފު ވަނީ މަސްއޫލިއްޔަތުތަކާއި ހަވާލުވެފަ އެވެ. މަހުފޫލުގެ ސަސްޕެންޝަން އުވާލަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނިންމެވީ މަހްލޫފުގެ މައްޗަށް ކުރާ ކޮރަޕްޝަންގެ ތުހުމަތުގައި ސަސްޕެންޑު ކޮށްފައި ހުންނަތާ ހަތަރު މަސް ވީއިރުވެސް ދައުލަތުން އޭނާ އާއި ދެކޮޅަށް ދައުވާ ނުކުރާތީ އެވެ.
މިދިޔަ ޖޫން މަހު މަހްލޫފު މަގާމުން ސަސްޕެންޑްކުރީ މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ޚިޔާނާތާ ގުޅިގެން އޭނާގެ މައްޗަށް ދައުވާ ކޮށްދޭން އެދި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވުމުންނެވެ.
މަހުލޫފުވެސް ވަނީ އެތައް ފަހަރު އެ މައްސަލައިގަ އޭނާ އާއި ދެކޮޅަށް ހެކި ހުރި ނަމަ ދައުވާ ނުކޮށް ލަސް ކުރަނީ ކީއްވެތޯ ސުވާލު ކުރައްވާފަ އެވެ. އަދި ވަކި ގޮތެއް ނިންމައި ދިނުމަށް އެދިފަވެ އެވެ.
އެމްއެމްޕީއާރުސީގެ މައްސަލައިގައި މީގެ ކުރިން ވެސް މަހްލޫފު ސަސްޕެންޑްކުރި އެވެ. އެ މައްސަލައިގައި 2019 ގައި އޭނާ ސަސްޕެންޑް ކުރިތާ ދުވަސްކޮޅެއް ފަހުން ސަސްޕެންޝަން އުވައިލި އެވެ.
އޭނާ ސަސްޕެންޝަންގައި ހުންނެވި މުއްދަތުގައި އެ މިިނިސްޓްރީ ހިންގެވީ ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް