ހުޅުމާލޭ ދެވަނަ ފިޔަވަހިން ވިއްކުމަށް ހަމަޖެހިފައިވާ ގޯތިތައް ގަތުމަށް ފޯމު ހުށަހެޅުމަށް އެތައް ހާސް ބަޔަކު ހައިސިން މިނިސްޓްރީގައި ކިޔޫގައި ޖެހިއްޖެ އެވެ.
އޭސީސީން އަންގައިގެން ފޯމު ދޫކުރުމާއި ބަލައިގަތުން މިދިޔަ ހަފްތާގައި މެދުކަނޑާލާފައި އޮތުމަށް ފަހު އަލުން ބަލައިގެންނަން ފެށީ އިއްޔެ ހަވީރު 4:00 ގައި އެވެ. އެކަމަކު މިފަހަރުވެސް ގޯތި ދޫކުރާ ފޯމް ދޫކޮށް ބަލައިގެންނަމުންދަނީ އޭސީސީން އެންގިގޮތާއި ހިލާފަށެވެ.
އޭސީސީން ހައުސިން މިނިސްޓްރީއަށް އެންގީ އާ އުސޫލެއް އެކުލަވާލައި، އެ އުސޫލުތައް ހާމަކުރުމަށް ފަހު ގޯތި ވިއްކަން އިއުލާނު ކުރުމަށެވެ. އެކަމަކު އަލުން ފޯމު ބަލައިގަންނަން ހައުސިން މިނިސްޓްރީން މި ފެށީ އެގޮތަށް އެކަން ނުކޮށެވެ.
އިއްޔެ އާއި ރޭވެސް ގިނަ އަދަދެއްގެ ފޯމު ބަލައިގެންފައިވާއިރު މިއަދުވެސް ދަނީ ފޯމު ބަލައިގެންނަމުންނެވެ. ގޯތި ގަތުމަށް ފޯމުލާން ގޮސްތިބި މީހުން ގިނަވެ ތޮއްޖެހުމުގެ ސަބަބުން ހައުސިން މިނިސްޓްރީ ސަރަހައްދު ފެންނަނީ ވަރަށް ހަލަބޮލި ކޮށެވެ. އަދި ހައުސިން މިނިސްޓްރީ ތެރޭގައިވެސް ހިނގާލާނެ ޖާގައެއް ނެތެވެ.
ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިޒު ވިދާޅުވީ ހުޅުމާލޭ ދެވަނަ ފިޔަވަހިން ވިއްކަން ނިންމާފައިވަނީ 1،000 އަކަފޫޓުގެ 400 ގޯތި ހަތަރު ލައްކަ ރުފިޔާ އަށެވެ. މި ބިންތަކަށް ފައިސާ ދައްކަން އުނދަގޫ ފަރާތްތަކުން ޑައުންޕޭމަންޓުގެ ގޮތުގައި 25،000 ރުފިޔާ ދެއްކުމުން 10 އަހަރަށް ބަހާލައިގެން ފައިސާ ދެއްކެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް