ވެރިކަން ކުރާ ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕުގެ ޑެޕިއުޓީ ލީޑަރު ކަމުން ވިލުފުށީ ދާއިރާގެ މެންބަރު ރިޔާޒު ރަޝީދު ވަކި ކުރަން މަސައްކަތް ފަށައިފި އެވެ.
ރިޔާޒު އެމަގާމުން ވަކި ކުރެވޭނީ ޕީޖީ ޕްރޫޕުގެ ބައްދަލުވުމެއް ބޭއްވުމަށް ފަހު މެންބަރުންގެ މެދުގައި ވޯޓެއް ނަގައިގެންނެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ވަރަށް އަވަހަށް ބައްދަލުވުމެއް ބާއްވާ ރައީސް އަބްދުﷲ ޔާމީން އަށް އެކަން ހުށަހަޅައި ވޯޓު ނެގުމަށް ވަނީ ހަމަޖެހިފައި އެވެ.
ރިޔާޒު މަގާމުން ވަކި ކުރަން ނިންމީ އިދިކޮޅު ފަރާތްތަކާއި ގުޅުން ބާއްވާ ކަމުގެ ތުހުމަތުގައި އެވެ. އެގޮތުން ރިޔާޒު ވަނީ ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލާއި، ގާސިމް އިބްރާހިމް ރާއްޖެ ވަޑައިގެންނެވި ދުވަހު މަރުހަބާ ވިދާޅުވެ ޓުވީޓެއް ކުރައްވާފައި އެވެ. އަދި ފަހުން ވަނީ ދަނގެތި ދާއިރާގެ މެމްބަރު އިލްހާމް އަހުމަދާއި ތިނަދޫ ދެކުނު ދާއިރާގެ އަބްދުﷲ އަހުމަދު އެކުގައި ނެންގެވި ފޮޓޯއެއް އިލްހާމް ފޭސްބުކްގައި އާންމު ކުރައްވާފައިވެ އެވެ.
މަގާމުން ވަކި ކުރަން އުޅޭތީ ރިޔާޒް މީޑިއާގައި ވިދާޅުވީ ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ ޑެޕިއުޓީ ލީޑަރު ކަމުން އޭނާ ވަކި ކުރައްވަން ޖެހޭ އެއްވެސް ސަބަބެއް ނޯންނާނެ ކަމަށެވެ. އަދި އޭނާ ކުރެއްވި ޓުވީޓުތަކަކާ ގުޅިގެން މަގާމުން ވަކި ކުރަން އުޅުމަކީ ހަމަޖެހޭ އުސޫލަކަށް ނުވާނެ ކަމަށް ވެސް ރިޔާޒް ވިދާޅުވި އެވެ.
ރިޔާޒު ވިދާޅުވީ އޭނާ އާ މެދު ފިޔަވަޅު އަޅަން އުޅޭއިރު، ޕީޕީއެމްގެ ޕީޖީ ގްރޫޕުން އޭނާ ސުވާލު ނުކުރާތީ ކަންބޮޑުވެވަޑައިގަންނަވާ ކަމަށެވެ. އަދި ޓުވީޓުތައް ކޮށްފައިވަނީ އޭނާކަން ޔަގީން ކުރަން ޖެހޭނެ ކަމަށެވެ.
ރިޔާސީ އިންތިހާބުގައި ރައީސް ޔާމީނަށް ނާކާމިޔާބީ އާއި ކުރިމަތިވެވަޑައިގެންނެވުމުން ޕީޕީއެމް ތެރޭގައި ވަނީ ކޮންމެސް ވަރަކަށް ބައިބައިވުން އުފެދިފަ އެވެ. އަދި މިހާޜު ވޯޓު އޮޅުވާލި ކަމަށް ބުނެ މަދު ބަޔަކާއި އެކު ޕީޕިއެމް އޮފީސް ދޮރުމަތީގައި ކުރަމުންދާ މުޒާހަރާތަކުގައިވެސް ޕީޕީއެމްގެ އިސް ބައެއް ބޭފުޅުން ބައިވެރިވެވަޑައެއް ނުގަންނަވަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް