ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދާއި މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲގެ އިތުބާރު ނެތްކަމަށް އެމްޑީޕީން ވައްދާފައިވާ މައްސަލަ އަނބުރާ ގެންދަން އެ ޕާޓީން ނިންމައިފިއެވެ.
މިކަމާއި ގުޅޭގޮތުން ދުވަހަށް މައުލޫމާތުދެއްވަމުން އެމްޑީޕީގެ ޕީޖީ ލީޑަރު މުހައްމަދު އަސްލަމް ވިދާޅުވީ އެ ނިންމުން ނިންމާފައިވާކަމަށާއި މާދަމާ މަޖިލީހަށް ހުށަހަޅަން ތައްޔާރުވަމުން އަންނަ ކަމަށެވެ.
އަސްލަމް ވިދާޅުވީ އެ މައްސަލަތައް އަނބުރާ ގެންދަން ނިންމާފައިވަނީ މިވަގުތު ރާއްޖޭގެ ސިޔާސީ މަސްރަހު ހުރި ގޮތުން އަމާން އޮމާންކަމާއެކު ކަންކަން ކުރިއަށްގެންދަން ބޭނުންވާތީ ކަމަށެވެ.
މި ނިންމުން އެމްޑީޕީން ނިންމާފައިވާއިރު ރިޔާސީ އިންތިހާބުގައި އިއްޔެ ކުރިއަށްދިޔަ ފުރަތަމަ ބުރުގެ ވޯޓުގައި އެމްޑީޕީއިން އުންމީދު ކުރި ނަތީޖާއެއް އެ ޕާޓީއަށް ލިބިފައެއް ނުވެއެވެ. ވޯޓުން އެއްވަނަ ހޯއްދެވި ކެނޑިޑޭޓް ޑރ. މުއިއްޒަށް ލިބިލެއްވި ވޯޓާއި ރައީސް ސޯލިހަށް ލިބިލެއްވި ވޯޓުގެ ފަރަގު އުޅެނީ 15 ހާހުން މަތީގައެވެ. އަދި ފުރަތަމަ ބުރުގައި ރައީސް ނަޝީދުގެ ދަ ޑިމޮކްރެޓްސް އަށް 15 ހާހަށްވުރެ ގިނަ ވޯޓު ލިބިގެންދިޔައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް