ވޯލް ސްޓްރީޓް ޖާނަލްއިން އަންގާރަ ދުވަހު ރިޕޯޓްކޮށްފައިވާ ގޮތުގައި އެލޮން މަސްކް ވަނީ އޭނާ ހިންގަމުން އަންނަ ދެ އަހަރުވީ ރޮކެޓް ކުންފުނި ސްޕޭސް އެކްސް އިން އެއް ބިލިއަން ޑޮލަރުގެ ލޯނެއް ނަގާފަ އެވެ. އޭނާ ޓްވިޓާ ގަތީ 44 ބިލިއަން ޑޮލަރަށެވެ.
ސްޕޭސް އެކްސް އިން 1 ބިލިއަން ޑޮލަރު ގެ ލޯނެއް މަސްކް އަށް ދީފައި ވަނީ މަސްކްގެ ސްޕޭސް އެކްސްގެ ބައެއް ސްޓޮކްގެ އެހީގައެވެ. ޓްވިޓާގެ މިލްކުވެރިއަކަށް މަސްކް ވީ މިދިޔަ އޮކްޓޯބަރު މަހުގެ ތެރޭގަ އެވެ.
މަސްކް ވަނީ އޭނާގެ ކުންފުނިތަކުގެ ހިއްސާގެ ބަދަލުގައި ލޯނު ނެގޭނެ އިންތިޒާމް ބޭންކުތަކާ އެކު ހަމަޖައްސައިފަ އެވެ. އޭގެ ތެރޭގައި އިލެކްޓްރިކް ވެހިކަލް (އީވީ) އުފައްދާ ޓެސްލާ ހިމެނޭ އިރު، ޕްރައިވެޓް ހޯލްޑް ސްޕޭސް އެކްސް އަކީ އޭނާއަށް ލޯނު ދޭ ފަރާތެއްގެ ގޮތުގައި މަސައްކަތް ކޮށްފައިވާ ކުންފުންޏެއް ކަމަށް ރިޕޯޓުގައި ވެ އެވެ.
ފެޑެރަލް ކޮމިއުނިކޭޝަންސް ކޮމިޝަނަށް ހުށަހެޅި މައްސަލައާއި ހަވާލާދީ ރިޕޯޓުގައި ބުނެފައި ވަނީ މަސްކްއަކީ ސްޕޭސް އެކްސްގެ 42 ޕަސެންޓް ހިއްސާ އާއި ގާތްގަނޑަކަށް 79 ޕަސެންޓް ވޯޓްލުމުގެ ބާރު ލިބިފައިވާ އެންމެ ބޮޑު ހިއްސާދާރެވެ.
މިދިޔަ އަހަރު ނިމުނުއިރު ސްޕޭސް އެކްސްގެ މިލްކިއްޔާތުގައި 4.7 ބިލިއަން ޑޮލަރު ނަގުދު ފައިސާ އާއި ސެކިއުރިޓީޒް ހުރި ކަމަށް ލިޔެކިޔުންތަކާ ހަވާލާދީ އެ ނޫހުގައި ބުނެފައިވެ އެވެ.
ޓްވިޓާ އެއްބަސްވުމުގެ ކުރިންނާއި ފަހުން 2022 ވަނަ އަހަރު އެލޮން މަސްކް ވަނީ އޭނާގެ ޓެސްލާގެ ހިއްސާގެ ބޮޑު ބައެއް ވިއްކާލައިފައެވެ. އޭނާގެ ޖުމްލަ ސޭލްސް ގާތްގަނޑަކަށް 40 ބިލިއަން ޑޮލަރަށް އިތުރުވުމުގެ ސަބަބުން އީވީ އުފައްދާ ކުންފުނީގެ އިންވެސްޓަރުންވަނީ މާޔޫސްވެފައެވެ.
ޑަބްލިއުއެސްޖޭގެ ރިޕޯޓުގައިވާ ގޮތުން 2023 ވަނަ އަހަރުގެ އޭޕްރީލް މަހު ޓެސްލާ އިން ވަނީ މަސްކް ކުންފުނީގެ ހިއްސާ ބޭނުންކޮށްގެން ދަރަންޏަށް ފައިސާ ނެގުމާ ގުޅޭ އުސޫލުތައް އިތުރަށް ހަރުކަށިކޮށްފައިވާ ކަމަށް ބުނެފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް