މުއިއްޒުއާ އެއްވަރުވާން ރައީސަށް ގެއްލުނީ ނަޝީދު ގެންދިޔަ 6.9 އިންސައްތަ!؟

އިއްޔެ ނިމުނު، އިންތިހާބުގެ ފުރަތަމަ ބުރުގައި 45.1 އިންސައްތައާއެކު އެއްވަނަ ހޯއްދެވީ ޕީއެންސީގެ ރިޔާސީ ކެނޑިޑޭޓް ޑރ. މުހައްމަދު މުއިއްޒުއެވެ. އަދި 38.2 އިންސައްތައާއެކު ދެވަނަ ހޯއްދެވީ އެމްޑީޕީގެ ރިޔ...

10 Sep 2023 | 09:11

އިއްޔެ ނިމުނު، އިންތިހާބުގެ ފުރަތަމަ ބުރުގައި 45.1 އިންސައްތައާއެކު އެއްވަނަ ހޯއްދެވީ ޕީއެންސީގެ ރިޔާސީ ކެނޑިޑޭޓް ޑރ. މުހައްމަދު މުއިއްޒުއެވެ. އަދި 38.2 އިންސައްތައާއެކު ދެވަނަ ހޯއްދެވީ އެމްޑީޕީގެ ރިޔާސީ ކެނޑިޑޭޓް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ.

އެހެންކަމުން ދެވަނަ ބުރުގައި ވާދަ ކުރައްވާނީ އެ ދެބޭފުޅުންނެވެ.

ފުރަތަމަ ބުރުގައި ތިންވަނަ ހޯއްދެވީ ރައީސް ނަޝީދު ނިސްބަތްވާ ޕާޓީ، ދަ ޑިމޮކްރެޓްސްގެ ރިޔާސީ ކެނޑިޑޭޓް އިލްޔާސް ލަބީބެވެ. އިލްޔާސަށް ލިބިވަޑައިގެންނެވީ6.9 އިންސައްތައެވެ.

އެހެންކަމުން ނަޝީދުު އެމްޑީޕީއާއެކު ހުންނެވި ނަމަ، ފުރަތަމަ ބުރުގައި އެމްޑީޕީއަށް45.1 އިންސައްތަ ލިބޭނެއެވެ. އެއީ ސީދާ މުއިއްޒުއަށް ލިބިވަޑައިގެންނެވި ވަރެވެ.

ރިޔާސީ އިންތިހާބަށް ތައްޔާރުު ވަމުން އައިއިރު އެމްޑީޕީއިން ބޭއްވި ރިޔާސީ ޕްރައިމަރީގައި ވާދަ ކުރެއްވީ ނަޝީދުއާއި ރައީސް ސޯލިހެވެ. އޭގެ ތެރެއިން ގިނަ ވޯޓާއެކު ރިޔާސީ ޓިކެޓް ލިބިވަޑައިގެންނެވީ ރައީސް ސޯލިހަށެވެ.

އެހެންކަމުން ނަޝީދަށް ތާއީދު ކުރައްވާ އެމްޑީޕީ މެމްބަރުން 'ފިކުރެއްގެ ދިރުން' ނަމުގައި ވަކިވެގަނެ، އާ ޕާޓީއެއް ހެދީއެވެ. އެއީ ދަ ޑިމޮކްރެޓްސްއެވެ.

އެމްޑީޕިއިން މިފަހަރު ވެރިކަމަށް ވާދަކުރެއްވީ ކޯލިޝަން ހަދައި، އިތުރު ދެ ޕާޓީއަކާ އެކުގައެވެ. އެއީ އަދާލަތާއި އެމްޑީއޭ އެވެ.

ޕީއެންސީއިން ވެރިކަމަށް ވާދަކުރީ ޕީޕީއެމް އާއެކު ހެދި ކޯލިޝަނަކުންނެވެ. ޕީއެންސީއިން އިންތިހާބުގައި ވާދަކުރަން ނިންމީ، ޕީޕީއެމްގެ ރިޔާސީ ކެނޑިޑޭޓް، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް އިއްވާފައިވާ ޖަލު ހުކުމުގެ ސަބަބުން އިންތިހާބުގައި ވާދަ ނުކުރެއްވޭނެތީއެވެ.

އެހެންކަމުން ޕީޕީއެމްގައި ހުންނެވި ޑރ. މުއިއްޒު ޕީއެންސީއަށް ބަދަލުވެވަޑައިގެން، އެ ޕާޓީގެ ފަރާތުން ރިޔާސީ ޓިކެޓަށް ވާދަ ކުރެއްވައި ކާމިޔާބު ކުރެއްވީއެވެ.

އިންތިހާބުގައި ދެން ވާދަ ކުރެއްވި ޖުމްހޫރީ ޕާޓީގެ ކެނޑިޑޭޓް ގާސިމް އިބްރާހީމަށް ލިބިވަޑައިގެންނެވީ2.4 އިންސައްތައެވެ. އަދި އަމިއްލަ ގޮތުން ވާދަކުރެއްވި އުމަރު ނަސީރަށް2.8 އިންސައްތަ ލިބިވަޑައިގެންނެވި އިރު، ފާރިސް މައުމޫނަށް ލިބިވަޑައިގެންނެވީ1.3 އިންސައްތައެވެ. އަދި މުހައްމަދު ނާޒިމަށް0.86 އިންސައްތަ ލިބިވަޑައިގެންނެވި އިރު، ހަސަން ޒަމީލަށް ލިބިވަޑައިގެންނެވީ0.16 އިންސައްތައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް