މާލެ އާއި ވިލިމާލެ ސާފުތާހިރުކޮށް ބެލެހެއްޓުމަކީ ސިޓީކައުންސިލުގެ ޒިންމާއަކަށް ވާއިރު، މިކަން މިގޮތަށް އަދާކުރުމަށް ކަމާގުޅޭ ސަރުކާރުގެ އިދާރާތަކުން އެއްބާރުލުން ދިނުމަށް މާލޭ ސިޓީ ކައުންސިލުން ގޮވާލައިފިއެވެ.
އެ ކައުންސިލުން ނެރުނު ބަޔާނެއްގައި ބުނީ މިހާރު ވެސް މާލެ ސިޓީގެ ގިނަ މައިޒާންތަކާއި ޕާކުތައް ކުނިކަހައި ބަލަހައްޓަމުން އަންނަނީ ސިޓި ކައުންސިލުން ކަމަށެވެ. އެހެންކަމުން ވެމްކޯއާ އެކު ހަދާފައިވާ އެއްބަސްވުން އުވާލައި ސިޓީ ކައުންސިލުން މި މަސައްކަތް ފެށުމުން މިކަމަށް ދާ ޚަރަދު ބޮޑުތަނުން ކުޑަވެގެންދާނެ ކަމަށެވެ.
މިއީ މާލެއާއި ވިލިމާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ދިމާވާ އެކި އެކި އުނދަގޫތަކާއި ނުރައްކާތަކުން ސަލާމަތްކޮށްދީ މާލެ ސިޓީ ހިތްފަސޭހަ އަމާން ތަނެއްގެ ގޮތުގައި ހެދޭނެ ކަމެއް ކަމަށް ވެސް ސިޓީ ކައުންސިލުން ފާހަގަކޮށްފައިވެއެވެ.
މާލެއިން ކުނި ނެގުމަށް ވެމްކޯއާއެކު ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވެ، އެ އެއްބަސްވުމުގެ މުއްދަތު އިތުރުނުކުރަން އެ ކައުންސިލްގެ ހަތަރު ވަނަ ދައުރުގެ 66 ވަނަ ޖަލްސާއިން ފާސްކޮށްފައިވާކަން ހާމަކޮށް މާލޭ ސިޓީ ކައުންސިލުގެ ބަޔާނުގައި ބުނީ އެއްބަސްވުން އާ ނުކުރަން ނިންމާފައިވަނީ މާލެއާއި ވިލިމާލޭގެ މަގުތަކާއި މައިޒާންތަކާއި ޕާކުތަކާއި އާންމުތަންތަން ކުނި ކަހައި ބެލެހެއްޓުން މިހާރަށްވުރެ ހަރުދަނާކޮށް މިތަންތަނަށް އަޅަމުންދާ ކުނިތައް ވީހާވެސް އަވަސްގޮތެއްގައި ނަގައި ސާފުކޮށް މާލެސިޓީއަކީ ސާފުތާހިރު ތަނެއްގެ ގޮތުގައި ބޭއްވުމަށް ކަމަށެވެ.
މާލެ އާއި ވިލިމާލޭގެ މަގުތައް ކުނި ކަހައި ސާފުކޮށް ބެލެހެއްޓުމަށް މަހެއްގެ މައްޗަށް 2.5 މިލިއަން ރުފިޔާ ޚަރަދުރާއިރު، މަގުމަތީގައި ބަހައްޓާފައި ހުންނަ ކުނިތައް ގިނަވެ މަގުމަތީގައި ހިނގައިބިނގާވެ އުޅޭ މީހުންނާއި އުޅަނދު ދުއްވާ މީހުންނަށް ދަތި އުނދަގޫތަކެއް ކުރިވަމުންދާ ކަމުގެ ޝަކުވާ އެ ކައުންސިލަށް ލިބެމުންދާ ކަމަށާއި ކުނިތައް މަގުތަކުން ނެގުން ލަސްވަމުންދާ ކަމުގެ ޝަކުވާ ވެސް ކުރަމުން އަންނަ ކަމަށް މާލޭ ސިޓީ ކައުންސިލުން ބުނެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް