ކަންގަނާގެ ބޮމެއް "ބްރަހްމަސްތްރާ"އަށް: އެޑްވާންސްކޮށް ގިނަ ޓިކެޓު ގަތީ ރަންބީރައި އާލިއާ!

އިއްޔެ ރިލީޒް ކުރި ބޮލީވުޑްގެ ފިލްމް "ބްރަހަމަސްތްރާ" އަށް ބަތަލާ ކަނގަނާ ރަނާވަތު ވަރަށް ބޮޑަށް ފާޑުކިޔައިފި އެވެ. ބޮލީވުޑްގެ ފިލްމުތައް ފްލޮޕްވަމުން އަންނަ މިއަހަރު "ބަރްހަމަސްތްރާ" ވެގެން ގޮސްފައިވ...

10 Sep 2022 | 04:21

އިއްޔެ ރިލީޒް ކުރި ބޮލީވުޑްގެ ފިލްމް "ބްރަހަމަސްތްރާ" އަށް ބަތަލާ ކަނގަނާ ރަނާވަތު ވަރަށް ބޮޑަށް ފާޑުކިޔައިފި އެވެ.

ބޮލީވުޑްގެ ފިލްމުތައް ފްލޮޕްވަމުން އަންނަ މިއަހަރު "ބަރްހަމަސްތްރާ" ވެގެން ގޮސްފައިވަނީ ރަނގަޅު އާމްދަނީއެއް ފުރަތަމަ ދުވަހުން ލިބުނު ފިލްމެއްގެ ގޮތުގައި އެވެ. އެ ފިލްމަށް އިއްޔެ 35-36 ކްރޯޑު ރުޕީސްގެ އާމްދަނީއެއް ލިބިފައިވެ އެވެ.

މިހާ ބޮޑަށް ފިލްމު ހިނގީ އެޑްވާންސް ބުކިންއަށް ހުޅުވާލައި ޕްރޮމޯޝަން ވަރުގަދަ ކުރުމުންނެވެ. ރިޕޯޓުތައް ބުނާގޮތުގައި މިހާރުވެސް ބްރަހަމަސްތްރާގެ އެތައް ލައްކަ ޓިކެޓެއް ވަނީ ވިކިފަ އެވެ.

މިކަމާއި ގުޅިގެން ކަންގަނާ ބުނީ އެޑްވާންސް ޓިކެޓު ބުކިންގައި އެ ފިލްމުގެ ޓީމުން އޮޅުވާލައި މަކަރު ހަދާފައިވާ ކަމަށެވެ.

އޭނާ ބުނީ އެޑްވާންސް ޓިކެޓުގެ ބޮޑުބައި ގަތީ ލީޑްރޯލުން ފެނިގެންދާ ރަންބީރު ކަޕޫރާއި އާލިއާ ބަޓުގެ ދެމަފިރިން ކަމަށެވެ. އަދި ފިލްމުގެ ރިވިއު ރަނގަޅަށް ލިޔުމާއި ކިޔުމަށް ފިލްމުގެ ޑައިރެކްޓަރާއި އެ ދެމަފިރިން ފައިސާދީ މީހުން ގަނެފައިފައިވާ ކަމަށް ކަންގަނާ ތުހުމަތު ކުރި އެވެ.

ކަންގަނާ ބުނީ ޑައިރެކްޓަރު އަޔާން މުކަރުޖީ 600 ކްރޯޑު އިންޑިއަން ރުޕީސް މި ފިލްމު ހަދަން ބޭކާރުކޮށްލާފައިވާ ކަމަށެވެ. ފިލްމު އުފައްދަނ ް12 އަހަރު ހޭދަވިކަމަށާއި އެސިސްޓެންޓު ޑައިރެކްޓަރު 85 ފަހަރު ބަދަލުކުރި ކަމަށެވެ. އަދި ޑައިރެކްޓަރު އޮފް ފޮޓޯގްރަފީ 85 ފަހަރު ބަދަލު ކުރި ކަމަށް ކަންގަނާ ތުހުމަތު ކުރި އެވެ.

ކަންގަނާ ބުނީ މި ފިލްމު ޕްރޮމޯޓު ކޮށްދިނުމަށް ސައުތް އިންޑިއާ ފިލްމް އިންޑަސްޓްރީތަކުގެ ޑައިރެކްޓަރުންނާއި ތަރިންގެ ކައިރިން އަޔާން އެދުނު ކަމަށެވެ. އަދި މި ފިލްމުގައި ދީންތަކުގެ ހައްގުތަކަށް އަރައިގެންފަވާ ކަމަށް ބުނެ ކަންގަނާ ވަނީ އަޔާންގެ މައްސަލަ ފުލުހަށް ހުށަހަޅަން ޖެހޭ ކަމަށް ބުނެފަ އެވެ.

ކަންގަނާ މިހެން ބުނެފައިވާއިރު "ބްރަހްމަސްތްރާ"ގެ ތަރިންގެ ތެރޭގައި ހިމެނޭ އަމީތާބު ބައްޗަންވެސް ވަނީ ފިލްމުގެ މަސައްކަތް ދިގުލައި، އަޔާން ޑައިރެކްޓު ކުރުމުގައި ގެންގުޅޭ ގޮތްގަނޑަށް ފާޑުކިޔައި ހިތްހަމަ ނުޖެހުން ފާޅުކޮށްފަ އެވެ. އެގޮތުން އެއްވެސް ކަހަލަ އުސޫލެއް ނެތި ޝޫޓިން ޝެޑިއުލް ރޭވުމާއި ޝޫޓިންތައް ނިންމާލުމާއި ނަގާ ނިމިފައިވާ ޝޮޓެއް ބަދަލުކޮށް އަލަށް އަންނަ ހިޔާލާއި އެއްގޮތަށް ނެގުން ފަދަ މައްސަލަތަކުގައި އަމީތާބު ހިތްހަމަ ނުޖެހުން ފާޅު ކުރި އެވެ.

ކަންގަނާގެ މިތުހުމަތުތަކާއި ގުޅިގެން ފިލްމުގެ ޕްރޮޑަކްޝަން ޓީމުން އަދި އެއްޗެސް ނުބުނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް