އިނގިރޭސިވިލާތުގެ ތަހުތާއި އަލަށް ހަވާލުވެ ވަޑައިގެންނެވި ރަސްގެފާނު ޗާލްސް ތިނެއް ވަނީ އިއްޔެ ގައުމާ މުހާތަބު ކުރައްވާފަ އެވެ.
ޗާލްސްއަށް ރަސްކަމަށް ވަޑައިގެންނެވުވީ މަންމާފުޅު ރާނީ އެލިޒަބަތު ދޭއް މިމަހުގެ އަށް ވަނަ ދުވަހު އަވަހާރަވުމުންނެވެ. އެކަމަނާ އަވަހާރަވީ އުމުރުން 96 އަހަރު ގައެވެެ.
އިއްޔެ ގައުމާއި މުހާތަބު ކުރައްވާ ދެއްކެވި ވާހަކަ ފުޅުން ފާހަގަވި ބައެއް ކަންކަމުގެ ތެރޭގައި ރަސްގެފާނުގެ ދޮށީ ދަރިކަލުން ޕްރިންސް ވިލިއަމްއަށް ވެރިކަމަށް އާދެވޭނެ ދުވަސް ހާމަ ކުރެއްވުން ހިމެނެ އެވެ.
ރަސްގެފާނު ޗާލްސް ވިދާޅުވީ އޭނާ އިނގިރޭސި ރަސްކަމުގައި އުމުރު ދުވަހު ހުންނަވައި ގައުމަށް ހިދުމަތް ކުރާނެ ކަމަށެވެ. އެމަގުން ހިނގަން ނިންމީ މަންމާފުޅުވެސް އުމުރު ދުވަހު ގައުމީ ހިދުމަތުގައި ހުންނަވާފައިވާތީ ކަމަށް ވިދާޅުވި އެވެ.
މިހެން ވިދާޅުވުމާއި އެކު ޕްރިންސް ވިލިއަމްއަށް ތަހުތަށް އިސްވެވޭނީ މިހާރު އުމުރުފުޅުން 73 އަހަރުގެ ބައްޕާފުޅު އަވަހާރަވުމުންކަން ވަނީ އެނގިގެން ގޮސްފަ އެވެ.
ރާނީ އެލިޒަބަތުގެ ބައްޕާފުޅު ރަސްގެފާނު ޖޯޖް އާއި ހިސާބުން ތަހުތަށް އިސްވާ މީހަކު ދެމިގެން އައިސްފައިވަނީ އެގޮތަށް ކަމަށް ވިޔަސް އޭގެ ކުރިން އެ އާއިލާގެ ބޭފުޅުން ވަނީ ރަސްކަން ދޫކޮށްލައްވާފަ އެވެ. ރާނީ އެލިޒަބަތަށް ރަނިކަން ލިބިވަޑައިގެންނެވީ ބައްޕާފުޅު 1952 ވަނަ އަހަރު އަވަހާރަވުމުންނެވެ.
އެކަމަކު ރަސްގެފާނު ޖޯޖަށް ތަހުތު ލިބިވަޑައިގެންނެވީ ބޭބޭފުޅު އަދި އޭރުގެ ރަސްގެފާނު އެޑްވާޑް އެ މަގާމު ދޫކޮށްލެއްވުމުންނެވެ. އޭނާ މަގާމު ދޫކޮށްލީ ދެ ފަހަރު ވަރިކޮށްފަ ހުރި އަންހެނަކާއި ކައިވެނި ކުރަން ބޭނުންވެގެންނެވެ.
ރާނީ އެލިޒަބަތު ދޭއް އަވަހާރަވިއިރު އެކަމަނާގެ ރަނިކަމަށް މިއަހަރު ވަނީ 70 އަހަރު ފުރިފަ އެވެ. މިއީ ދުނިޔޭގެ ތާރީހުގައި އަދި އެ ގައުމުގެ ތާރީހުގައި އެންމެ ގިނަ ދުވަހު މީހަކު ރަސްކަން ކުރި މުއްދަތެވެ.
ރާނީ އެލިޒަބަތު އަވަހާރަވި އިރު ކައިރީގައި ތިއްބެވީ ރަސްގެފާނު ޗާލްސް އާއި އަންހެން ދަރިކަނބަލުން ޕްރިންސަސް އޭން އެވެ. އަނެއް ދެ ދަރިކަލުން ކަމަށްވާ ޕްރިންސް އެންޑްރޫ އާއި ޕްރިންސް އެޑްވާޑަށް ދެވުނު އިރު އެކަމަނާ އަވަހާރަވެއްޖެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް