"ބްރަހްމަސްތްރާ"އިން ރަންބީރާއި އާލިއާއަށް އުފާވެރިކަން، ފުރަތަމަ ދުވަހު 36 ކްރޯޑު ރުޕީސް!

ބޮލީވުޑްގައި އިއްޔެ ރިލީޒް ކުރި ފިލްމު "ބްރަހްމަސްތްރާ" އިން އެ އިންޑަސްޓްރީއަށް އުފާވެރިކަން ގެނެސްދީފި އެވެ. ގިނަ ފިލްމު ތަކެއް ފްލޮޕްވެ މިއަހަރު ފެށުނީންސުރެ ބޮލީވުޑް އޮތީ އަޑިއަޅާލާފަ އެވެ. މަޝްހޫ...

10 Sep 2022 | 03:19

ބޮލީވުޑްގައި އިއްޔެ ރިލީޒް ކުރި ފިލްމު "ބްރަހްމަސްތްރާ" އިން އެ އިންޑަސްޓްރީއަށް އުފާވެރިކަން ގެނެސްދީފި އެވެ.

ގިނަ ފިލްމު ތަކެއް ފްލޮޕްވެ މިއަހަރު ފެށުނީންސުރެ ބޮލީވުޑް އޮތީ އަޑިއަޅާލާފަ އެވެ. މަޝްހޫރު ގިނަ ތަރިންތަކެއްގެ ފިލްމު ފްލޮޕްވުމުގެ މައިގަނޑު ސަބަބައެއްގެ ގޮތުގައި ބައެއް ތަރިންނާއި ބޮލީވުޑް ބޯއިކޮޓް ކުރަން ގޮވާލާ ކުރާ ކެމްޕެއިންތައް ވަރުގަދަވުން ހިމެނެ އެވެ.

މިފަދަ ދަނޑިވަޅެއްގައި ރިލީސް ކުރި "ބްރަހްމަސްތްރާ" އަށް ފުރަތަމަ ދުވަހުން ވަނީ 35-36 ކްރޯޑު އިންޑިއަން ރުޕީސްގެ އާމްދަނީއެއް ލިބިފަ އެވެ. މި ފިލްމުގެ ލީޑް ރޯލުން ފެނިގެން ގޮސްފައިވަނީ ރަންބީރު ކަޕޫރާއި އާލިއާ ބަޓްގެ ދެމަފިރިންނެވެ. މިއީ މި ދެމަފިރިން އެކުގައި ފެނިގެންދިޔަ ފުރަތަމަ ފިލްމެވެ.

ރިޕޯޓުތައް ބުނާގޮތުގައި ފިލްމަށް މިވަރުގެ އާމްދަނީއެއް ފުރަތަމަ ދުވަހުން ލިބުނީ ދުރާލާ ރާވައިގެން ކުރިޔަށް ގެންދިޔަ ޕްރޮމޯޝަނަލް އިވެންޓުތަކާއި އެޑްވާންސް ބުކިންގެ ސަބަބުން ނެވެ. މި ނަތީޖާއަށް ބަލާއިރު އެހެން ފިލްމު ޑައިރެކްޓަރުންވެސް އެޑްވާންސް ބުކިންއަށް ކުރިޔަށް އޮތްތާ ހުޅުވާލުމަކީ ފައިދާވާނެ ކަމެއް ކަމަށް ބޮލީވުޑް ދިރާސާ ކުރާ ފަރާތްތަކުން ގަބޫލު ކުރެ އެވެ.

މި ފިލްމަށް ލިބުނު އާމްދަނީއަށް ބަލާއިރު މިއީ ރަންބީރުގެ ފިލްމު "ސަންޖޫ" އަށް ފުރަތަމަ ދުވަހުން ލިބުނު އާމްދަނީއަށްވުރެ އިތުރު އަދަދެކެވެ. 2018 ވަނަ އަހަރު ރިލީޒް ކުރި އެ ފިލްމަށް ފުރަތަމަ ދުވަހު ލިބުނީ 34.75 ކްރޯޑު އިންޑިއަން ރުޕީސް އެވެ.

"ބްރަހްމަސްތްރާ" އަށް ފުރަތަމަ ދުވަހު މި ލިބުނު އާމްދަނީއަކީ ހިންދީ ފިލްމެއް ބަންދު ނޫން ދުވަހެއްގައި ރިލީޒް ކޮށްގެން އެންމެ ބޮޑު އާމްދަނީ ލިބުނު ފިލްމެވެ.

މި ފިލްމު އިންޑިއާގައި މީހުން ވާހަކަ ދައްކާ ފަސް ބަހަކުން ރިލީޒް ކޮށްފައިވެ އެވެ. އެއީ ހިންދީ، ޓެލެގޫ، ޓަމިލް، ކަންނާޑާ އަދި މަލަޔާލަމް ބަހުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް