ގޮއެ، ފުޅަ، ފެހެންދޫ ގެ ކަރަންޓު އެއްވިއުގަ އަކުން ގުޅާލަނީ

ބ. އަތޮޅުގެ އެއްފަޅެއްގައި އޮންނަ 3 ރަށް ކަމަށްވާ ގޮއިދޫ، ފުޅަދޫ އަދި ފެހެންދޫގެ ކަރަންޓު އެއްވިއުގައަކުން ގުޅާލުމަށް ނިންމައިފި އެވެ. މިއީ މަރުކަޒީ އިންޖީނުގެއަކާއެކު ޚަރަދު ކުޑަކޮށް ޒަމާނީ ވިއުގައަކ...

10 Sep 2021 | 16:55

ބ. އަތޮޅުގެ އެއްފަޅެއްގައި އޮންނަ 3 ރަށް ކަމަށްވާ ގޮއިދޫ، ފުޅަދޫ އަދި ފެހެންދޫގެ ކަރަންޓު އެއްވިއުގައަކުން ގުޅާލުމަށް ނިންމައިފި އެވެ.

މިއީ މަރުކަޒީ އިންޖީނުގެއަކާއެކު ޚަރަދު ކުޑަކޮށް ޒަމާނީ ވިއުގައަކާއެކު ކަރަންޓު ފޯރުކޮށްދިނުމަށް ކުރިއަށްގެންދާ މަޝްރޫޢުއެކެވެ.

މި ތިން ރަށަށް ކަރަންޓުދެމުން އަންނަ ފެނަކައިން ބުނީ މި ތިން ރަށުގެ ކަރަންޓުގެ ވިއުގަ ގުޅާލުމަށް ނިންމާފަވަނީ މި ތިން ރަށަކީ ވެސް އާބާދީ ކުޑަވުމާއެކު ވަކިވަކި އިންޖީނުގެތަކުން ޚިދުމަތް ދިނުމުގެ ބަދަލުގައި މަރުކަޒީ ނިޒާމުން ޚިދުމަތް ދިނުމަށް ކަމަށެވެ.

ބ. އަތޮޅުގެ އެހެން ރަށަތަކާ ދުރުގައި ވަކި ފަޅެއްގެ ތެރޭގައި އޮންނަ ތިން ރަށަކީ ވެސް ރާއްޖޭގެ ނިސްބަތުން އާބާދީ ކުޑަ ތިން ރަށެކެވެ. އެގޮތުން ފުޅަދޫއާއި ފެހެންދޫގެ އާބާދީ ވެސް އުޅެނީ 300 ގައި ހުރި އިރު، ގޮއިދޫގެ އާބާދީ އަކީ ގާތްގަޑަކަށް 800 އެވެ.

އެހެންކަމުން ތިންރަށުގެ އާބާދީ 1500އާ ގާތްކުރެއެވެ.

މި މަޝްރޫޢުގެ މައި މަރުކަޒީ އިންޖީނުގެ ހަދަން ނިންމާފަވަނީ މި ތިން ރަށުގެ ތެރެއިން އެންމެ އާބާދީ ބޮޑު އަދި ބިމުގެ ގޮތުންވެސް އެންމެ ބޮޑު ރަށް ކަމަށްވާ ގޮއިދޫގަ އެވެ. އެރަށުގެ ބިމުގެ ބޮޑުމިނުގަ 113 ހެކްޓަރު ހުރެއެވެ.

މި މަޝްރޫޢުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އިޢުލާނު ކޮށްފައިވާ އިރު، ރާއްޖޭގެ ކުންފުނިތަކާއި ބޭރު ކުންފުނިތަކަށް ވެސް މި ފުރުޞަތު ވަނީ ހުޅުވާލާފަ އެވެ. މި މަޝްރޫޢުގެ ބިޑް ސެކިއުރިޓީއަކީ 10،000 ޑޮލަރު ނުވަތަ އެ ޢަދަދަށްވާ ދިވެހި ފައިސާ އެވެ.

މި މަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކުން ބިޑްގައި ރެޖިސްޓްރީވުމަށް މިމަމުގެ 29 ގެ ނިޔަލަށްވަނީ ހުޅުވާލާފައެވެ. ބިޑް ހުށައެޅުން އޮންނާނީ މިމަހުގެ 30 ވަނަ ދުވަހު ހެނދުނު 10:00 ގަ އެވެ.

އަތޮޅުތަކުގެ 150 އަށްވުރެ ގިނަ ރަށަށް ކަރަންޓުގެ ޚިދުމަތް ދެމުން އަންނަ ކުންފުންޏެވެ.

މީގެ ތެރެއިން އައްޑޫގެ ގުޅިފައިވާ ރަށްތަކުގެ ކަރަންޓު ވަނީ އެއް ވިއުގައަކުން ގުޅާލާފަ އެވެ. އަދި ލ. ގަމުގެ 3 އަވަށުގައި ކުރިން ވަކިވަކިން ހިންގަމުންއައި އިންޖީނުގެތަކުގެ ޚިދުމަތްވެސްވަނީ މަރުކަޒީ އިންޖީނުގެއެއް މެދުވެރިކޮށް ގުޅާލާފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް