ހަމަދު ސްކޫލުގެ ބިދޭސީ ޓީޗަރަކު ދަރިވަރުންނަށް އަނިޔާކުރާ ކަމުގެ ޝަކުވާ އެ ސްކޫލުގެ ބައެއް ބެލެނިވެރިން ކުރަމުން އެބަގެންދެއެވެ.
މިކަމާއިގުޅިގެން ދުވަސްއެމްވީ އަށް މަޢުލޫމާތު ދެއްވަމުން ހަމަދު ސްކޫލުގެ ބެެލެނިވެރިން ބުނީ މިއީ އިއްޔެއަކު މިއަދަކު ހިނގާ ކަމެއް ނޫން ކަމަށާއި ސްކޫލު ހުޅުވުނީއްސުރެ ހިނގާ ކަމެއް ކަމަށެވެ.
"އެއީ ސޯޝަލް ސްޓަޑީޒް ކިޔަވައިދޭ ބޭރުގެ އަންހެން ޓީޗަރެއް. އޭނާ ކުދިންނަށް ވަރަށް އަނިޔާ ކުރޭ. ފޮތުން ވެސް ތަޅާ. ފިލާވަޅު ދަސް ނުކޮށް ނޫނީ ފިލާވަޅު ނުހަދާ ކުދިންގައިގަ ފޮތުން ތަޅަނީ. އަނެއްކާ ފާޚާނާއަށް ދާން ބުނުމުން ވެސް ބުނަނީ ކްލާހުގެ މަސައްކަތް ނިންމާފައޭ ދެވޭނީ. އެހެން ހެދީމަ ބައެއް ކުދިންނަށް އެބަހުރި މަސައްކަތް ނިންމާފަ ފާޚާނާއަށް ނުދެވެނީސް ހީސްވެސް ލެވިފަ." ބެލެނިވެރިއަކު ބުންޏެވެ.
އޭނާ ބުނީ އެ ޓީޗަރުގެ ވާހަކަ ކްލާހުގެ ލީޑިންގ ޓީޗަރަށް ވެސް ހުށަހަޅައިފި ކަމަށާއި ނަމަވެސް އަދިވެސް ހައްލެއް ނުލިބޭ ކަމަށެވެ.
އިތުރު ބެލެނިވެރިއަކު ބުނީ އެ ޓީޗަރަކީ އެއްގޮތަަކަށް ވެސް އެ މާއްދާ (ސޯޝަލް ސްޓަޑީޒް) ކިޔަވައިދިނުމަށް ގާބިލު މީހެއް ނޫން ކަމަށާއި އެކަން ސީދާ ޕްރިންސިޕަލަށް ވެސް ދަންނަވާފައިވާނެ ކަމަށެވެ.
އޭނާ ބުނީ އެފަދަ މާއްދާއެއް ކިޔަވައިދެވޭނީ އެކަމުގެ މަޢުލޫމާތާއި ތަޖުރިބާ ވެސް ލިބިގެން ކަމަށެވެ. ޚާއްސަކޮށް ސޯޝަލް ސްޓަޑީޒް މާއްދާއަކީ ރާއްޖޭގެ މާޙައުލާއިވެސް ގުޅޭ މާއްދާއަކަށް ވާ އިރު، ޓީޗަރަށް ވުރެ ދަރިވަރުންނަށް އެކަމުގެ މަޢުލޫމާތު އިތުރަށް ލިބިފައި ހުރުމަކީ (އެޓީޗަރު) ދަރިވަރުން ދެކެ ނުރުހުންވާ ސަބަބެއް ކަމަށެވެ.
މިކަމާއިގުޅިގެން ހަމަދު ސްކޫލުގެ ޕްރިންސިޕަލް ޝައުކަތު ލަތީފް ވިދާޅުވީ ޓީޗަރަކު ދަރިވަރުންނަށް އަނިޔާކުރާ ކަމުގެ ޝަކުވާއެއް ނެތް ކަމަށެވެ. ނަމަވެސް ޓީޗަރަކު ދަރިވަރުންނާ މުއާމަލާތް ކުރާގޮތުގެ ޝަކުވާ ހުށަހަޅާފައިވާ ކަމަށެވެ.
"އަޅުގަނޑުމެންނަށް ހުށަހެޅިފައިވަނީ ޓީޗަރަކު މުއާމަލާތް ކުރާ ގޮތުގެ ޝަކުވާ. އަނިޔާކުރާ ކަމުގެ ޝަކުވާއެއް ނުލިބޭ. ކްލާސް ރޫމުގެ އެ ޓީޗަރުގެ މުއާމަލާތުގެ ޝަކުވާ ލިބުނީ." ޝައުކަތު ވިދާޅުވި އެވެ.
ޝައުކަތު އިތުރަށް ވިދާޅުވީ އެ މައްސަލަ ބަލަމުން އަންނަކަމަށެވެ.
މި މައްސަލަ ފެންމަތިވެފައިވާ އިރު، ބެލެނިވެރިން މިހާރުއަންނަނީ މި މަހުގެ 12 ވާ އާދިއްތަ ދުވަހު، މި ޝަކުވާ ޕްރިންސިޕަލަށް ހުށަހެޅުމަށް ތައްޔާރުވަމުން ނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް