ތަމްރީނު ދަތުރެއްގައި ގައުމީ ފުޓްބޯޅަ ޓީމު ގަތަރުގައި ކޭމްޕު ކޮށްފި

ތަމްރީނު ދަތުރެއްގައި ގައުމީ ފުޓްބޯޅަ ޓީމު ގަތަރުގައި ކޭމްޕު ކޮށްފި އެވެ. ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތަށް ތައްޔާރުވުމަށް 30 ކުޅުންތެރިންގެ ސްކޮޑަކާއެކު ގައުމީ ޓީމު ގަތަރަށް ފުރާފައިވަނީ މިއަދި...

10 Sep 2021 | 16:31

ތަމްރީނު ދަތުރެއްގައި ގައުމީ ފުޓްބޯޅަ ޓީމު ގަތަރުގައި ކޭމްޕު ކޮށްފި އެވެ.

ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތަށް ތައްޔާރުވުމަށް 30 ކުޅުންތެރިންގެ ސްކޮޑަކާއެކު ގައުމީ ޓީމު ގަތަރަށް ފުރާފައިވަނީ މިއަދި ހެނދުނު އެވެ.

މި ޓްރެއިނިންގ ކޭމްޕަށް ފަހު މި މަހުގެ 28 ވަނަ ދުވަހު ގައުމީ ޓީމު އެނބުރި ރާއްޖެ އަންނާނީ ސީދާ ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތަށެވެ.

މި ޓީމު ގަތަރަށް ފުރާފައިވާ އިރު، ހެޑް ކޯޗު ޢަލީ ސުޒެއިން ޓީމާއެކު ނުދެއެވެ. އެއީ ކޭމްޕަށް ފުރުމުގެ ކުރިން ހުރިހާ ކުޅުންތެރިންނާއި އޮފިޝަލުން ހެދި ޕީސީއާރު ޓެސްޓުން އޭނާ ކޮވިޑަށް ޕޮޒިޓިވްވުމުން ނެވެ.

އެހެންކަމުން ކޯޗު ކޭމްޕްގައި ބައިވެރިވާނީ 14 ދުވަހުގެ ކަރަންޓީން މުއްދަތު ހަމަކޮށްފަ އެވެ.

މިފަހަރުގެ ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތް ލީގު އުސޫލުން ކުރިއަށްދާ އިރު، 5 ގައުމު ވަނީ ބައިވެރިވެފަ އެވެ.

އެހެންކަމުން ފައިނަލަށް ދަތުރުކުރާނީ ކޮންމެ ޓީމެއް ކޮންމެ ޓީމަކާއި ކުޅުމަށްފަހު އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމެވެ. މިއަހަރުގެ ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތް އޮންނާނީ އަންނަ މަހުގެ 1 އިން 16 އަށް ރާއްޖޭގަ އެވެ.

މުބާރާތުގައި ރާއްޖޭ ކުޅޭ ފުރަތަމަ މެޗުގައި އޮކްޓޯބަރ މަހުގެ ފުރަތަމަ ދުވަހުގެ ރޭ ނޭޕާލް އާއި ދެކޮޅަށް ނުކުންނަ އިރު، އޮކްޓޯބަރ މަހުގެ 7 ވަނަ ދުވަހުގެ ރޭ ބަންގްލަދޭޝް އާއި ދެކޮޅަށް ނުކުންނާނެ އެވެ.

ތިންވަނަ މެޗުގައި ލަންކާ އާއި ދެކޮޅަށް 10 އޮކްޓޯބަރ ގައި ނުކުންނަ އިރު، އިންޑިއާ އާއި ދެކޮޅަށް ކުޅޭ މެޗު އޮންނާނީ 13 އޮކްޓޯބަރ ގަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް