މިފަހަރުގެ ހޫނުމޫސުމުގައި އިޓަލީގެ ޔުވެންޓަސް ދޫކޮށް މެންޗެސްޓާ ޔުނައިޓެޑަށް ބަދަލުވި ޕޯޗުގަލް ފޯވާޑް ކްރިސްޓިއާނޯ ރޮނާލްޑޯ ހޮނިހިރު ދުވަހުގެ ރޭ ނިއުކާސަލް ޔުނައިޓެޑާއި ދެކޮޅަށް ކުޅޭނެ ކަމަށް ޔުނައިޓެޑްގެ ކޯޗު އޮލިގަނަ ސޮލްޝެއާ ބުނެފިއެވެ.
ހޮނިހިރު ދުވަހުގެ ރޭ ނިކުކާސަލް ޔުނައިޓޭޑާއި ދެކޮޅަށް މެންޗެސްޓާ ޔުނައިޓެޑު ކުޅޭ މެޗުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުން ސޮލްޝެއާ ބުނީ ހޮނިހިރު ދުވަހުގެ ރޭ ނިއުކާސަލްއާއި ދެކޮޅަށް ރޮނާލްޑޯ ކުޅޭނެ ކަމަށާއި ނަމަވެސް ފުރަތަމަ އެގާރައިގައި ނުހިމެނޭނެ ކަމަށެވެ. އޭނާ ބުނީ ރޮނާލްޑޯ ފުރަތަމަ އެގާރައިގައި ނުހިމަނަނީ ޓީމުގެ ޕްރެކްޓިސްތައް ހަމައަށް ލިބިފައިނުވާތީ ކަމަށާއި ނަމަވެސް އަންނަ ހަފްތާގައި ޗެމްޕިއަންސް ލީގު ގްރޫޕު ސްޓޭޖުގައި ޔަންގް ބޯއީސްއާއި ދެކޮޅަށް ޔުނައިޓެޑް ކުޅޭ މެޗުގެ ފުރަތަމަ އެގާރައިގައި ރޮނާލްޑޯ ހިމެނިގެން ކުޅޭނެ ކަމަށެވެ.
" ހޮނިހިރު ދުވަހުގެ ރޭ ނިއުކާސަލް ޔުނައިޓޭޑާއި ދެކޮޅަށް ރޮނާލްޑޯ ކުޅޭނެ. އެހެން ނަމަވެސް ފުރަތަމަ އެގާރައިގައި ހިމެނިގެން ނުކުޅޭނެ." ސޮލްޝެއާ ބުންޏެވެ.
ރޮނާލްޑޯގެ ސޮއި ހޯދުމަށް ފަހު ކުރިން ސޮލްޝެއާ ބުނެފައިވަނީ ރޮނާލްޑޯ ޔުނައިޓެޑަށް ގެނައީ ބެންޗުގައި ބަހައްޓައިގެން ގޮނޑިހޫނު ކުރަން ނޫން ކަމަށާއި ރޮނާލްޑޯ އަކީ ޔުނައިޓެޑުގެ ފުރަތަމަ އެގާރައިގައި ހިމެނިގެން ކުޅޭނެ ކުޅުންތެރިއެއް ކަމަށެވެ.
އިޓަލީގެ ޔުވެންޓަސްގައި ތިން ސީޒަނެއް ހޭދަކުރުމަށް ފަހު މިފަހަރުގެ ޓްރާންސްފާގައި ޔުނައިޓެޑާއި ގުޅުނު އުމުރުން 36 އަހަރުގެ ރޮނާލްޑޯ ވަނީ މީގެ ކުރިންވެސް ޔުނައިޓެޑަށް ކުޅެފައެވެ. އެގޮތުން 2003 ވަނަ އަހަރުން ފެށިގެން 2009 ވަނަ އަހަރާއި ހަމައަށް ރޮނާލްޑޯ ޔުނައިޓެޑަށް ކުޅެފައިވާއިރު، އޭނާ ވަނީ ޔުނައިޓެޑާއި އެކު ގިނަ ކާމިޔާބީތަކެއް ވެސް ހޯދާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް