ދަރިވަރުންގެ އިސްލާމާއި ޤުރުއާން ފޮތުގައި އިސްލާހުކުރަންޖެހޭ ކަމެއް އޮތް ނަމަ އެކަން އަންގަން އެޑިއުކޭޝަން މިނިސްޓްރީން މިއަދު އެދިއްޖެ އެވެ.
އެ މިނިސްޓްރީން ކުރި އިއުލާނުގައި ބުނީ ސްކޫލުތަކުގައި މިހާރު ބޭނުންކުރާ ހުރިހާ ގްރޭޑްތަކެއްގެ އިސްލާމާއި ޤުރުއާން ފޮތްތައް އިސްލާހުކުރަމުން އަންނަ ކަމަށެވެ. އެހެންވެ އެ ފޮތްތަކުގައި ރަނގަޅުކުރަންޖެހޭ އެއްވެސް ކުށެއް ފާހަގަކުރެވިފައިވާ ނަމަ، އެ ފޮތަކާއި ސޮފްހާ އެނގޭގޮތަށް އީމެއިލްކުރަން އެދޭ ކަމަށެވެ.
އީމެއިލް ކުރަން ޖެހެނީ [email protected] އަށެވެ.
އެ ދެ މާއްދާގެ ހުރިހާ ގްރޭޑެއްގެ ފޮތްތައް އަލުން ރިވިއުކޮށް އިސްލާހު ކުރުމުގެ މަސައްކަތް ފަށާފައި މިވަނީ ގްރޭޑް އެކެއްގެ ޤުރުއާން ފޮތް ޗާޕްކުރިއިރު ދެ ސޫރަތެއްގެ އާޔަތްތައް އެކުވި މައްސަލައެއް ފާހަގަވެގެން އެ މައްސަލަ ބޮޑުވުމާއި ގުޅިގެން ނެވެ. އޭގެ ފަހުން ގްރޭޑު 2، 10 އަދި 12ގެ އިސްލާމް ފޮތްތަކުގައި ވެސް އެފަދަ މައްސަލަތަކެއް ހުރި ކަމަށް ވިދާޅުވެ، ބައެއް އިލްމުވެރިން ކަންބޮޑުވުން ފާޅުކޮށްފައިވެ އެވެ.
އެހެންވެ، އެ ފޮތްތަކުގައި މައްސަލަ ދިމާވުމަށް މެދުވެރިވި ސަބަބު ބަލައި އިސްލާމާއި ދިވެހި ފޮތްތައް ރިވިއުކުރުމަށް މިނިވަން ކޮމިޓީއެއް ވަނީ އުފައްދައިފަ އެވެ.
އެޑިއުކޭޝަން މިނިސްޓްރީން ބުނީ ފޮތްތަކުގައި ކުށް ހުރުމަކީ އާންމުކޮށް ދިމާވާ ކަމެއް ކަމަށެވެ. އެކަމަކު ޤުރުއާނުގެ އާޔަތްތައް ނުބައިކޮށް ހުރެގެން ނުވާނެ ކަމަށް ގަބޫލު ކުރާ ކަމަށެވެ.
އެހެންވެ އެ ފޮތްތަކުގައި ކުށް ހުންނަން ޖެހުނު މައްސަލަ ބަލައި އިހުމާލު ވާ ފަރާތްތަކަށް ފިޔަވަޅު އަޅާނެ ކަމަށް މިނިސްޓްރީން ބުންޏެވެ. އެކަން ހަތް ދުވަސްތެރޭގައި ބަލާ ނިމޭނެ ކަމަށްވެސް ބުނެފައިވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް