ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ޓެރަރިޒަމްގެ ކުށް ސާބިތުވާ ކަމަށް ކަނޑައަޅައި ކުރި ހުކުމް ތަންފީޒު ކުރަން ހޯމް މިނިސްޓަރި ޝެއިހް އިމްރާން އަބްދުﷲ ގޭބަންދުގައި ހުންނަވައި ފިތުރު އީދު ފާހަގަ ކުރި މައްސަލަވެސް ބަލަން އިދިކޮޅު ޕީޕީއެމްގެ ތަރުޖަމާނު ހީނާ ވަލީދު ގޮވާލައްވައިފި އެވެ.
އޭނާ މިކަމަށް ގޮވާލެއްވީ މިއަދު އިދިކޮޅުން ބޭއްވި ބޮޑު އެއްވުމުގައި ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ރައީސް ޔާމީން ގޭބަންދުގައި ހުންނަވައި ބައިވެރިވެވަޑައިގެންނެވުމުން ފިޔަވަޅު އަޅާނެ ކަމަށް ކަރެކްޝަންސް އިން ބުނުމުންނެވެ. ޔާމިން ވަނީ ގޭ ކުޑަދޮރުން ބޯދިއްކުރައްވައި ހަތް ހޫރުވުމުގެ އިތުރުން ޕީޕީއެމް އާއި ދިވެހި ދިދަވެސް ހޫރުވާފަ އެވެ.
ކޮމިޝަނާ އޮފް ޕްރިޒަންސް އަހުމަދު މުހައްމަދު ފުޅު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ޔާމީން އަމަލުކުރެއްވީ ގޭ ބަންދަށް ބަދަލުކުރި އިގުރާރާ ހިލާފަށް ކަމަށެވެ. އެހެންވެ، އެ މައްސަލަ ބަލައި ފިޔަވަޅު އަޅުއްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އަހުމަދު ޓުވީޓަށް ރައްދުދެއްވައި ހީނާ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ފުރަތަމަ ފިޔަވަޅު އަޅަންވީ ގޭބަންދުގައި ހުންނަވައި ބެލްކަންޏަށް ނިކުމެ އީދު ފާހަގަ ކުރަން އިމްރާން ފެންކުޅި ކުޅުއްވި މައްސަލަ ކަމަށެވެ. އޭގެ ފަހުން ގޭ ބަންދުގައި ތިބެގެން ސިޔާސީ ޕާޓީ ހެދި ފަރާތްތަކުގެ މައްސަލަ ބެލުމަށް ހީނާ ގޮވާލެއްވި އެވެ.
https://twitter.com/HeenaWaleed/status/1436347480535298051
ޔާމީން ގޭ ބަންދަށް ބަދަލު ކުރީ ޖަލުތަކުގައި ކޯވިޑް ފެތުރެން ފެށުމުން ކަމަށް ބުނެ އެވެ. އެކަމަކު މިހާރު އެއްވެސް ޖަލެއްގެ ކޮންޓްރޯލެއް ނެތި ކޯވިޑް ފެތުރެމުން ނުދާއިރު އެމަނިކުފާނު އަނބުރާ ޖަލަށް ގެންދިއުމާއި މެދު ކަރެކްޝަންސްއިން އެއްޗެއް ނުބުނެ އެވެ.
ފަސް އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ޔާމީން އެއްވުމުގައި ބައިވެރިވެވަޑައިގެންނެވި އިރު، މިއީ ހުކުމްތަކުުގައި ތިއްބަވާ ފަރާތްތަކަށް މަނާ ކަމެކެވެ.
އިމްރާން އޭރު ގޭ ބަންދުގައި ހުންނަވައި އީދު ފާހަގަ ކުރެއްވި މައްސަލައިގަ އޭރު އެއްވެސް ފިޔަވަޅެއް އަޅާފައެއް ނުވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް