ޞިއްޙަތު ސަލާމަތްކުރުމަށް ވެކްސިން ޖެހުމަކީ މުހިންމުކަމެއް ކަމަށް ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.
އޭނާ މިހެން ވިދާޅުވީ ދީނީ ހޭލުންތެރިކަން އިތުރު ކުރުމުގެ ޕްރޮގްރާމްތަކެއް އަތޮޅުތެރޭގައި ހިންގެވުމުގެ ގޮތުން މިހާރުކުރިއަށް ގެންދަވާ ދަތުރުފުޅުގައި ތ. ގުރައިދޫ ގައި ދެއްވި ދަރުހުގަ އެވެ.
ޑރ. ޝަހީމް ވިދާޅުވީ އިސްލާމްދީނަކީ އިންސާނާގެ ދުޅަ ހެޔޮ ޞިއްހަތެއްގައި ހުރުމަށް ބާރުއަޅާ ދީނެއް ކަމަށެވެ. އަދި ބަލިވުމުގެ ކުރިން ޞިއްޙަތާމެދު ރައްކާތެރިވުމަށް ކީރިތި ރަސޫލާ އިރުޝާދު ދެއްވާފައިވާ ކަމަށެވެ.
"ހެޔޮ ޞިއްޙަތެއްގައި ދެމި ތިބުމުގެ މުހިންމުކަމުގެ މައްޗަށް" ކުރިއަށް ގެންދެވި މި ދަރުހުގައި ޑރ. ޝަހީމް ވިދާޅުވީ ދިރިއުޅޭ މާޙައުލުގެ ސާފުތާހިރުކަމަށް އިސްކަންދިނުމާއި ދުޅަހެޔޮ ޞިއްޙަތެއްގައި ހުރުމަށް ރަނގަޅު ކާނާ ކެއުމާއި ކަސްރަތުކުރުމަކީ ވެސް ބޭނުންތެރިކަމެއްކަމުގަ އެވެ.
"ޒުވާނުންނަކީ ކޮންމެ އުންމަތެއްގެ މައިބަދަ. ޤައުމު ބިނާކުރުމުގައި ޒުވާނުން ޙިއްސާ އޮންނަންޖެހޭނެ." ޑރ. ޝަހީމް ވިދާޅުވި އެވެ.
މީގެ އިތުރުން ހެޔޮ ގޮތުގައި ޒުވާން ޢުމުރު ހޭދަކުރުމަށާއި ޙަލާލު ގޮތުގައި މަސައްކަތްކޮށް ޢާއިލާ ބިނާކޮށް މައިންބަފައިންނަށް ހެޔޮކޮށްހިތާއި ބޮޑެތި މީހުންނަށް ކަމޭ ހިތާ ޚުލްޤު ހެޔޮ ބަޔަކަށް ޒުވާނުން ވާންޖެހޭނެކަމުގައި ވެސް ޑރ ޝަހީމް ވިދާޅުވި އެވެ.
ޑރ. ޝަހީމް ވިދާޅުވީ ދީނީ ނަސޭހަތް ދެއްވުމަށް ފައްޓަވާފައިވާ މި ދަތުރުތަކަކީ، އެއްގޮތަކަށް ވެސް ސިޔާސީ ކަންކަމާ ގުޅުންހުރި ދަތުރުތަކެއް ނޫން ކަމަށެވެ.
ރާއްޖޭގެ އިސްލާމިކް މިނިސްޓަރުކަން ވެސް ކރައްވާފަިވާ ުޑރ. ޝަހީމްއަކީ، ރާއްޖޭގެ އެކި ކަންކުޅުތަކުގައި ދީނީ ހޭލުންތެރިކަން އިތުރުކުމަށްޓަކާ ފާއިތުވެދިޔަ ތަނުގައި ވެސް ގިނަގުނަ މަސައްކަތްތަކެއް ކުރައްވާފައިވާ އަދި ކުރައްވަމުން ގެންދަވާ ބޭފުޅެއްކަން ފާހަގަ ކޮށްލެވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް