ތޯލިބާނުންގެ ވެރިކަން ބަލައިގަނެ ޗައިނާއިން 31 މިލިއަން ޑޮލަރުގެ އެހީ ދެނީ

އަފްގާނިސްތާނުގައި ތޯލިބާނުން އިއުލާނު ކުރި ވަގުތީ އާ ސަރުކާރު ބަލައިގަނެ އެ ގައުމު އަލުން އާރާސްތު ކުރަން ޗައިނާއިން ބޮޑު އެހީއެއް ދޭން ނިންމައިފި އެވެ. ރިޕޯޓުތައް ބުނާގޮތުގައި ޗައިނާއިން ނިންމާފައިވ...

10 Sep 2021 | 10:04

އަފްގާނިސްތާނުގައި ތޯލިބާނުން އިއުލާނު ކުރި ވަގުތީ އާ ސަރުކާރު ބަލައިގަނެ އެ ގައުމު އަލުން އާރާސްތު ކުރަން ޗައިނާއިން ބޮޑު އެހީއެއް ދޭން ނިންމައިފި އެވެ.

ރިޕޯޓުތައް ބުނާގޮތުގައި ޗައިނާއިން ނިންމާފައިވަނީ 31 މިލިއަން އެމެރިކާ ޑޮލަރުގެ ތަކެތި އަފްގާނަށް ދޭށެވެ. އޭތެ ތެރޭގައި ކޯވިޑް ވެކްސިންވެސް ދޭން ހަމަޖެހިފަވެ އެވެ.

ޗައިނާއިން މިކަން އިއުލާނުކޮށްފައިވަނީ އަފްގާނިސްތާނުގެ އަވައްޓެރި ގައުމުތައް ކަމަށްވާ ޕާކިސްތާން، އުޒްބަކިސްތާން، ތުރުކުމެނިސްތާން އަދި އިރާން އާއި ތަޖިކިސްތާނުގެ ފޮރިން މިނިސްޓަރުންނާއި އެކު ބޭއްވި ބައްދަލުވުމެއްގައި އެވެ.

ޗައިނާއިން ބުނީ އެހީގެ ގޮތުގައި ދޭ ތަކެތީގެ ތެރޭގައި ކާބޯތަކެއްޗާއި ކާޑުގެ ބާވަތްތަކާއި ފިނިމޫސުމަށް ބޭނުންވާނެ އާލާތްތަކުގެ އިތުރުން ސިއްހީ ސާމާނާއި، ބޭސް ހިމެނޭނެ ކަމަށެވެ. މި އެހީގެ ތެރޭގައި ދިނުމަށް ހަމަޖެހިފައިވަނީ ކޯވިޑް ވެކްސިންގެ ތިން މިލިއަން ޑޯޒެވެ. އެކަމަކު އެއީ ކޮން ވެކްސިނެއް ކަމެއް އަދި ހާމައެއް ނުކުރެ އެވެ.

ޗައިނާއަކީ އަފްގާނިސްތާނުގައި ތޯލިބާނުން އިއުލާނު ކުރި ވަގުތީ ސަރުކާރު އެންމެ ފުރަތަމަ ބަލައިގަތް ގައުމެވެ. ޗައިނާއިން ވަނީ އަފްގާނުން ބޭނުންވާ ހުރިހާ ދާއިރާތަކުން އެހީތެރިކަން ފޯރުކޮށް ގައުމު އަލުން އާރާސް ކުރުމަށް އެހީތެރިވެދޭން ތައްޔާރަށް އޮތް ކަމަށް ބުނެފަ އެވެ.

އެގޮތުން އިންސާނީ ވަސީލަތްތައް އިތުރުކޮށް ސިއްހީ ދާއިރާ ކުރިއަރުވަން އެހީތެރިވެދޭނެ ކަމަށް ބުނެފައިވެ އެވެ. ތޯލިބާނުން ބޭނުން ނަމަ ޓެރަރިޒަމާއި މަސްތުވާތަކެއްޗާއި ދެކޮޅަށް މަސައްކަތް ކުރުމަށް އެހީވެ ބޯޑަރު ބެލެހެއްޓުމާއި ރެފިއުޖީންގެ ކަންކަން ހަރުދަނާ ކުރުމަށްވެސް އެހީތެރިކަން ފޯރުކޮށްދޭން ތައްޔާރަށް އޮތް ކަމަށް ޗައިނާއިން ވަނީ ހާމަކޮށްފަ އެވެ.

ވަގުތީ ސަރުކާރު އިއުލާނު ކުރުމަށް ފަހު ތޯލިބާނުން ވަނީ އަފްގާނިސްތާން އަލުން އާރާސްތު ކުރުމަށް އެޖަމާއަތުގެ އެންމެ ގާތް އަދި މުހިންމު ބައިވެރިއަކީ ޗައިނާ ކަމަށް ބުނެފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް