މޭބިސްކަދުރަކީ ވަރަށް އާންމު އަދި އެހާ ފަސޭހައިން ލިބެން ހުންނަ މޭވާގެ ބާވަތެކެވެ. މޭބިސްކަދުރަކީ އަނގަޔަށް މީރު މޭވާއެއްވެސް މެއެވެ.
އޭގެ ޒާތުގައި ހުތްފޮނި ރަހައެއް ހުންނަ މި މޭވާ އަކީ އޭގެން ސިއްޚަތައް އެތައް ގޮތަކުން ފައިދާ ލިއްބައިދޭ މޭވާއެކެވެ. ފުރަތަމަ ބޭނުންކުރަންފަށާފައިވާކަމަށް ބެލެވެނީ މީގެ އަށްހާސް އެތައް އަހަރެއްކުރިންނެވެ. މި ލިޔުމުގައި މި ބަލާލަނީ ބޭބިސްކަދުރުން ލިބޭ ސިއްހީ ފައިދާތަކުގެތެރެއިން ބައެއް ކަންކަމަށެވެ.
މޭބިސްކަދުރުގައި ހިމެނޭ ބާރުގަދަ އެންޓިއޮކްސިޑެންޓުގެ ސަބަބުން ގިނަވައްތަރުތަކެއްގެ ކެންސަރުތަކަކުން ދިފާއުވުމަށް އެހީތެރިވެދެއެވެ. އޭގެތެރޭގައި އީސޯފެގަސްގެ ކެންސަރު، ފުއްޕާމޭގެ ކެންސަރު، އަނގައިގެ ކެންސަރާއި ދަށްގޮހޮރަށް ޖެހޭ ކެންސަރު ހިމެނެއެވެ. ކެންސަރުން ސަލާމަތްވުމަށް އެހީތެރިވެދޭ މި މައްދާ އެންމެ ގިނަ އަދަދަކަށް އެކުލެވެނީ، ރަތްކުލައިގެ މޭބިސްކަދުރުގެ ތޮށީގައެވެ.
މޭބިސްކަދުރުގައި އެކުލެވޭ ގުދުރަތީ އެންޓި އިންފުލެމޭޓަރީ މާއްދާއެއްކަމަށްވާ ފުލޭވެނޮއިނޑް ކުއާސެޓިން ގެ ސަބަބުން އެތެރޯސްކްލެރޯސިސްއިން ރައްކާތެރިވުމަށް އެހީތެރިވެދީ ލޯޑެންސިޓީ ލިޕޯޕްރޮޓީންގެ ސަބަބުން ލިބޭގެއްލުމުން ސަލާމަތްކޮށްދެއެވެ. އަދި އޭގައި ގިނައަދަދަކަށް ހިމެނޭ ޕޮލީފެނޯލްއިން ކާޑިއޯވެސްކިއުލާ ބަލިތަކުން ރައްކާތެރިކުރުވައެވެ.
މޭބިސްކަދުރަކީ އޭގައި ގިނައަދަދަކަށް ޕޮޓޭޝިއަމް އެކުލެވޭ މޭވާއެކެވެ. ޕޮޓޭޝިއަމް މަދުވުމަކީ ހަށިގަނޑުގައި ސޯޑިއަމްގެ މިންވަރުގިނަވެގެން ލޭމައްޗަށް ދިއުމުގެ ނުރައްކަލާ ކުރިމަތިލާންޖެހޭ އެންމެ ބޮޑު އެއްސަބަބެވެ. މޭބިސްކަދުރަކީ ޕޮޓޭޝިއަމް ގިނަ މޭވާއެއްކަމުން، ކެއުމުގައި ބޭނުންކުރުމުން، ސޯޑިއަމުން އެކުރާ އަސަރު ކުޑަކޮށްދޭނެއެވެ.
މޭބިސްކަދުރަކީ، ކަރަލާއި ބޮޑުކެކުރިއެކޭ އެއްގޮތަށް، ފެން ގިނަ މޭވާއެއްކަމުން، ކެމުގައި ބޭނުންކުރުމުން، ގިނަވަގުތު ހަށިގަނޑުން ފެންމަދުނުވެ ހިފަހައްޓާއިދީ، ގަވައިދުން ބޮޑުކަމުދިއުމަށް އެހީއަކަށްވެދެއެވެ. އަދި އޭގައި ހިމެނޭ ފައިބަރުގެ ސަބަބުން، ބަނޑުހިކުމުގެ އުނދަގުލުން ރައްކާތެރިކޮށްދެއެވެ.
މޭބިސްކަދުރުގައި ހިމެނޭކަމަށް ކުރިން ބަޔާންކުރެވުނު އެންޓިއިންފްލެމޭޓަރީ މާއްދާއެއްކަމަށްވާ ކުއާސެޓިންގެ ސަބަބުން، އެލާޖިކުވުމުގެ ބައެއް އަލާމަތްތަށްކަމަށްވާ ނޭފަތުން ފެންއައުން، ލޮލުން ފެންއައުމާއި ފިތްގަނޑުނެގުން ފަސޭހަކުރެވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް