ކާނާއަކީ އިންސާނުން ދިރިހުރުމުގެ ވަސީލަތެއް، އެއީ އެއްވެސް ހާލެއްގައި ލަނޑުދަނޑިއެއް ނޫން: ޚުތުބާ

އިންސާނުން ކާނާ އާ މެދު ދެކެން ޖެހޭނީ ދިރިހުރުމުގެ ވަސީލަތެއް ކަމުގައި ކަމަށް މިއަދުގެ ހުކުރު ޚުތުބާ  ގައި ބުނެފި އެވެ. ޚުތުބާގައި ބުނީ ކާނާއަކީ އިންސާނާއަށް ޟަރޫރީ އެއްޗަކަށް ވާތީ، އިންސާނާއަށް ކާބޯތ...

10 Sep 2021 | 08:00

އިންސާނުން ކާނާ އާ މެދު ދެކެން ޖެހޭނީ ދިރިހުރުމުގެ ވަސީލަތެއް ކަމުގައި ކަމަށް މިއަދުގެ ހުކުރު ޚުތުބާ  ގައި ބުނެފި އެވެ.

ޚުތުބާގައި ބުނީ ކާނާއަކީ އިންސާނާއަށް ޟަރޫރީ އެއްޗަކަށް ވާތީ، އިންސާނާއަށް ކާބޯތަކެއްޗާއިނުލާ މިދުނިޔޭގައި ނޫޅެވޭނެ ކަަމަށާއި އިންސާނުން ކާނާ އާ މެދު ދެކެން ޖެހޭނީ ދިރިހުރުމުގެ ވަސީލަތެއް ކަމަށެވެ. އެއީ އެއްވެސް ހާލެއްގައި އޭނާގެ ލަނޑުދަނޑިއެއް ނޫން ކަމަށް ވެސް ޚުތުބާގައި ބުނެފައި ވެއެވެ.

މީގެ އިތުރުން ކާނާއިން މުސްލިމަކަށް ހާސިލުވާން ޖެހޭ މަގުސަދަކީ މާތްﷲ އަންގަވާފައިވާ ގޮތަށް މި ދުނިޔޭގައި އުޅެ، އެކަލާނގެ ރުހިވޮޑިގަތުން ހާސިލުކުރުން ކަމަށް ވެސް ބުނެފައި ވެއެވެ.

"މި ރުހިވޮޑިގަތުން އޭނާއަށް ލިބޭނީ މާތްﷲ އަންގަވާފައިވާ ގޮތަށް ކާބޯތަކެތި ހޯދައިގެން. އަދި އޭނާ ކައި އުޅޭ ތަކެތި ޙަލާލު އެއްޗެހި ކަމުގައި ހަދައިގެން" ޚުތުބާގައި ބުންޏެވެ.

"ކެއުން ބުއިމުގެ އިސްލާމީ އަދަބުތައް" މި މަޢުޟޫއަށް ރާއްޖޭގެ ހުރިހާ ކަންކޮޅުތަކުގައި ކުރިއަށް ގެންދިޔަ ހުކުރު ޚުތުބާގައި ބުނީ ކެއުން ބުއިމުގެ އަދަބުތަކުގެ ތެރޭގައި ﷲގެ އިސްމުފުޅުން ފެށުމާއި ކަނާތުން ކެއުމާއި ބުއިން ހިމެނޭ ކަމަށެވެ.

ކައިނިމިގެން މާތްﷲ އަށް ހަމްދު ކުރުމަކީ ވެސް ކެއުން ބުއިމުގެ ރިވެތި އަދަބުތަކުގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށާއި އެއީ އަހަރުމެންގެ އެއްވެސް އާރެއް ބާރެއް ނެތި، ﷲ ތަޢާލާގެ ދީލަތިވަންތަކަމުން އަހަރުމެންނަށް ރިޒުގު ދެއްވިކަމަށްޓަކައި އެކަލާނގެއަށް ޝުކުރުވެރިވުމުގެ ގޮތުން ކުރެވޭ މާތް ކަމެއް ކަމަށް ވެސް ޚުތުބާގައި ބުނެފައި ވެއެވެ.

ކީރިތި ރަސޫލާގެ ހަދީޘްފުޅުން ދަލީލު ދައްކަމުން ޚުތުބާގައި ބުނީ "މީހަކު ކާއެއްޗެއް ކެއުމަށް ފަހު، މި ކޭ އެއްޗެވި މި އަޅާގެ އެއްވެސް ބާރެއް އާރެއް ނެތި މިއަޅާއަށް ކާންދެއްވި މާތްﷲއަށް ހަމްދު ހުއްޓެވެ. މިހެން ކިޔައިފި ނަމަ، އޭނާގެ އިސްވެދިޔަހާ ފާފަތައް ފުއްސަވާދެއްވާނެތެވެ."

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް