ވޯލްޑްކަޕް ކޮލިފައިން: މެސީގެ ހެޓްރިކާއި އެކު އާޖެންޓީނާ މޮޅުވެ، ގުރޫޕުގެ ދެވަނާގައި ހަމަޖެހިލައިފި

އަންނަ އަހަރު ގަތަރުގައި ބޭއްވޭ ފީފާ ވޯލްޑްކަޕަށް ކޮލިފައި ވުމަށް ކުޅެވޭ ދެކުނު އެމެރިކާ ސަރަހައްދުގެ ވޯލްޑްކަޕް ކޮލިފައިން ގައި ބޮލީވިއާއާއި ދެކޮޅަށް ކުޅުނު މެޗުން ފަސޭހަކަމާއި އެކު އާޖެންޓީނާ މޮޅުވެ...

10 Sep 2021 | 02:00

އަންނަ އަހަރު ގަތަރުގައި ބޭއްވޭ ފީފާ ވޯލްޑްކަޕަށް ކޮލިފައި ވުމަށް ކުޅެވޭ ދެކުނު އެމެރިކާ ސަރަހައްދުގެ ވޯލްޑްކަޕް ކޮލިފައިން ގައި ބޮލީވިއާއާއި ދެކޮޅަށް ކުޅުނު މެޗުން ފަސޭހަކަމާއި އެކު އާޖެންޓީނާ މޮޅުވެއްޖެއެވެ.

އަމިއްލަ ގައުމުގައި ބޮލީވިއާއާއި ދެކޮޅަށް ކުޅުނު މެޗުން އާޖެންޓީނާ މޮޅުވީ0-3 ގެ ނަތީޖާއިންނެވެ.

މި މެޗުގައި އާޖެންޓީނާއިން ކާމިޔާބު ކުރި ތިން ލަނޑުވެސް ޖަހާދީފައިވަނީ ކެޕްޓަން ލިއޮނެލް މެސީއެވެ. މެސީގެ މި ހެޓްރިކާއި އެކު އޭނާ ވޯލްޑްކަޕް ކޮލިފައިން ގައި ކާމިޔާބު ކުރި ލަނޑުގެ އަދަދު ވަނީ 23 އަށް އަރާފައެވެ.

މި މެޗު ފެށިގެން މޮޅަށް ކުޅެމުން ދިޔައީ ވެސް އާޖެންޓީނާއިންނެވެ. އެގޮތުން މެޗުގެ 14 ވަނަ މިނެޓުގައި ލަނޑު ޖަހާ އާޖެންޓީނާއިން ލީޑު ނެގިއިރު، މި ލަނޑު ޕަރޭޑޭސްގެ އެހީތެރިކަމާއި އެކު މި ލަނޑު މެސީ ކާމިޔާބު ކޮށްދިންއިރު، މެޗުގެ ފުރަތަމަ ހާފު އާޖެންޓީނާއިން ނިންމާލީ މެސީގެ މި ލަނޑާއި އެކު ލީޑުގައި އޮވެގެންނެވެ.

މެޗުގެ ދެވަނަ ހާފަށް ކުޅެން ނިކުމެ 64 ވަނަ މިނެޓުގައި އާޖެންޓީނާގެ ދެވަނަ ލަނޑު މެސީ ކާމިޔާބު ކޮށްދިންއިރު، އާޖެންޓީނާގެ ތިންވަނަ ލަނޑު ޖަހާ މި މެޗުގައި މެސީހެ ހެޓްރިކް ފުރިހަމަ ކުރީ މެޗުގެ ފުރިހަމަ ވަގުތު ހަމަވަން ދެ މިނެޓަށް ވެފައި ވަނިކޮށް 88 ވަނަ މިނެޓުގައެވެ.

މި މޮޅާއި އެކު އާޖެންޓީނާ މިވަގުތު އޮތީ ކުޅުނު އަށް މެޗުން ލިބުނު 18 ޕޮއިންޓާއި އެކު ކޮލިފައިން ގުރޫޕުގެ ދެވަނާގައެވެ. އެއްވަނާގައި އަށް މެޗުން 24 ޕޮއިންޓު ލިބިގެން އޮތީ ބްރެޒިލްއެވެ. ތިން ވަނާގައި 15 ޕޮއިންޓާއި އެކު އޮތީ އުރުގުއޭއެވެ.

ރޭ ކުޅުނު ކޮލިފައިންގެ އިތުރު މެޗުތަކަށް ބަލާއިރު، އުރުގުއޭ ވަނީ އެކުއެޑޯ އާއި ވާދަކޮށް 0-1 އިން މޮޅުވެފައެވެ. އަދި އަދި ޕެރަގުއޭ ވަނީ ވެނެޒުއެލާއާއި ވާދަކޮށް 1-2 އިން މޮޅުވެފައެވެ. ކޮލަމްބިއާ ވަނީ ޗިލީއާއި ވާދަކޮށް 1-3 އިން މޮޅުވެފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް