ފަނި މަރަން ބޭނުންކުރާ ބޭހެއްކަމަށްވާ ފިޕްރޯނިލް ޕެސްޓިސައިޑުން ތަގައްޔަރުވެފައިވާ ބިހާއި ބިހުގެ ބާވަތްތަކެއް ރާއްޖެ އެތެރެވެފައިވާތީ އެ ތަކެތި ނައްތާލަމުންދާ ކަމަށް ފުޑް އެންޑް ޑްރަގް އޮތޯރިޓީން ބުނެފި އެވެ.
އެ އޮތޯރިޓީން މިރޭ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެ ބޭހުން ތަގައްޔަރު ވެފައިވާ ބިހާއި ބިހުގެ ބާވަތްތައް އެކުލެވޭ ވަކި ބެޗެއް ފާގަވެފައި ނުވާތީ ފަސް ގައުމަކުން އެތެރެކޮށްފައިވާ ހުރިހާ ބިހެއް ނައްތާލުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ. މިފަދަ ބިސްތައް އެތެރެވި ކަން އެނގުނީ އިއްތިހާދުގެ ކާބޯތަކެއްޗާ ގުޅޭ މައުލޫމާތުތައް އަވަހަށް ފޯރުކޮށްދިނުމަށް އެކުލަފާއިވާ ނިޒާމް "ރަސަފް" މެދުވެރިކޮށް ކަމަށް އެމްއެފްޑީއޭއިން ބުނެ އެވެ.
ރާއްޖެއަށް މި ބިސްތައް އެތެރެވެފައިވަނީ ބެލްޖިއަމް، ނެދަލޭންޑްސް، ޖަރުމަނު، ފްރާންސް އަދި ޕޮލެންޑުންނެވެ. އެހެންވެ ފުޑް އެންޑް ޑްރަގް އޮތޯރިޓީން ވަނީ އެ ފަސް ގައުމުގައި އުފައްދާ ބިހުގެ ބާވަތްތަކާއި ބިސް ރާއްޖެ އެތެރެ ނުކުރުމަށް އަންގާފަ އެވެ.
ފަސް ގައުމުން ބިހާއި ބިހުގެ ބާވަތްތައް އެތެރެކޮށްފިނަމަ، އެ ތަކެއްޗަށް ހެލްތު ކްލިއަރެންސް ދޫކުރާނީ އެ ގައުމެއްގެ ކާބޯތަކެތީގެ ރައްކާތެރިކަމާ ގުޅޭ "ކޮންފިޑެންޓް އޮތޯރިޓީ" އިން ބިސް ނުވަތަ އުފެއްދުމަކީ ފިޕްރޯނިލް އިން ތަޣައްޔަރު ނުވާ އެއްޗެއް ކަމަށް ބަޔާންކޮށް ލިޔުމެއް ހުށަހެޅުމުން ކަމަށް އެމްއެފްޑީއޭގެ ބަޔާނުގައިވެ އެވެ.
ތަޣައްޔަރުވެފައިވާ ކުކުޅު ބިހާއި ބިހުގެ ބާވަތްތައް ބެލުމަށް އެ އޮތޯރިޓީން ކުރަމުންދާ މަސައްކަތްތައް އިތުރަށް ހަރުދަނާކޮށް ކަމާގުޅޭ ފިޔަވަޅުތައް އަޅަމުންދާ ކަމަށް ވެސް ބަޔާނުގައިވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް