މާލެ-ހުޅުލެ އާއި ދެމެދު އަޅަމުންދާ ބްރިޖު މައްޗަށް ރާޅު އަރާކަމަށް ބުނެ ސޯޝަލް މީޑިއާގައި ފަތުރަމުންދާ ވީޑިއޯއަކީ ދޮގު ވީޑިއޯއެއް ކަމަށް ހައުސިން މިނިސްޓަރު ޑރ މުހައްމަދު މުއިޒު ވިދާޅުވެއްޖެ އެވެ.
އާންމުވެފައިވާ ވީޑިއޯގައި ފެންނަނީ ބޮޑެތި ރާޅުތަކެއް ބްރިޖެއްގެ މައްޗަށް ޖަހާތަނެވެ. އަދި ދެމީހަކު ރާޅުން ސަލާމަތްވާން ދުއްވައިގެންނަތަންވެސް ފެނެ އެވެ.
މިނިސްޓަރު މުއިޒު ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ ބްރިޖުގެ މަސައްކަތް ކުރުމަށް މިހާރު އަޅާފައިވާ ފާލަމަށްވުރެ ބްރިޖް މާ އުސްވާނެ ކަމަށެވެ. އަދި ބޮޑެތި ބިޔަ ރާޅުތައް ބްރިޖަށް ނުޖަހާނެ ގޮތައް ފަރުމާ ކުރުމަށް މަސައްކަތް ކޮށްފައިވާ ކަމަށެވެ.
މުއިޒު ވިދާޅުވީ އެހެން ގައުމެއްގެ ބްރިޖެއްގެ ވީޑިއޯ ބޭނުންކޮށްގެން ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖާއި އަޅާ ކިއުމަކީ ޒިންމާދާރުކަން ކުޑަ އަމަލެއް ކަމަށެވެ. އާންމުވެފައިވާ ވީޑިއޯއިން ފެންނަނީ އަވައްޓެރި އިންޑިއާގެ މަލިކުގެ އިރުމަތީ ފަރާތުގައި އޮންނަ ފާލަން މައްޗަށް ރާޅު ބިންދާ ވީޑިއޯ އެވެ.
މި ބްރިޖު އެޅުމަށް 200 މިލިއަން ޑޮލަރު ހަރަދު ވާއިރު އޭގެ ތެރެއިން 116 މިލިއަން ޑޮލަރަކީ ޗައިނާ ސަރުކާރުގެ ހިލޭ އެހީ އެވެ. އަދި 72 މިލިއަން ޑޮލަރަކީ ޗައިނާގެ ލޯނު އެހީ އެވެ. މި މަޝްރޫއަށް ދިވެހި ސަރުކާރުން 12 މިލިއަން ޑޮލަރު ހޭދަކުރެ އެވެ.
ސަރުލާރުން ބުނެފައިވަނީ މާލެ-ހުޅުލޭ ބްރިޖުގެ މަސައްކަތް ނިންމާ އަންނަ އަހަރުގެ ޖުލައި 26 ގައި ހުޅުވޭނެ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް