ސޯޝަލް މީޑިއާ އެކްޓީވިސްޓު ޔާމީން ރަޝީދުގެ މަރުގެ މައްސަލައިގެ ޝަރީއަތް ސިއްރުކޮށްފި އެވެ.
ޔާމީން ދިރިއުޅޭ މ.ސްޕެޓިއުލާގޭގެ ތިރީ ސިޑި ކައިރީގައި އަނިޔާވެރި ގޮތަކަށް އޭނާ މަރާލާފައި އޮއްވައި ފެނުނީ، މިދިޔަ އޭޕްރީލް 23 ވަނަ ދުވަހުގެ ރޭގަ އެވެ. ޔާމީންގެ މަރާގުޅިގެން ދައުލަތުން ދައުވާ އުފުލާފައިވަނީ ހަތް މީހެއްގެ މައްޗަށެވެ.
ޔާމީންގެ މަރުގެ މައްސަލައިގަ މިއަދު މެނދުރު ފަހު 2:30 ށް ތާވަލްކޮށްފައި އޮތީ އިބްތިދާއީ އަޑުއެހުމެވެ. މި މައްސަލައިގެ ޝަރީއަތް ސިއްރު ކުރީ ދައުލަތުން އެދިގެންނެވެ.
މި މައްސަލަ ތަހުގީގު ކުރުމަށް ފަހު ފުލުހުން ބުނެފައިވަނީ ޔާމީން މަރާލީ އޭނާ އަކީ އިސްލާމްދީނަށް ފުރައްސާރަ ކުރާ މީހެއް ކަމަށް މަރާލި މީހުންނަށް ގަބޫލު ކުރެވިގެން ކަމަށެވެ. ފުލުހުން ބުނެފައިވަނީ ޔާމީން މަރާލުމުގައި ބައިވެރިވީ، އެކަށީގެންވާ ފެންވަރަށް ކިޔަވައިގެން ތިބި މީހުން ކަމަށް ވިޔަސް އެއީ ދީނީ ގޮތުން ބަސް ބުނުމުގެ އެއްވެސް ލިޔުމެއް ލިބިފައިވާ ބައެއް ނޫން ކަމަށެވެ.
ފުލުހުން ބުނީ ޔާމީން ރަޝީދު މަރާލުމުގައި އަމަލީ ގޮތުން ބައިވެރިވީ ހ. އަންނާރުމާގޭ އިސްމާއިލް ހައިޝަމް ރަޝީދާއި މ. އިރާސްމިކުގޭ އަހުމަދު ޒިހާން އިސްމާއިލްކަން ތަހުގީގަށް އެނގިފައިވާ ކަމަށެވެ. އަދި އެ ވަގުތު ގޭގެ ބޭރުގައި ފާރައަށް ހުރީ ގ. ތާއިފް އިސްމާއިލް ރަޝީދު ކަމަށް ފުލުހުން ބުންޏެވެ.
އެ ތިން މީހުންގެ އިތުރުން ދެން މި މައްސަލާގައި ހައްޔަރުކޮށްފައި ވަނީ ގދ. ގައްދޫ ސިންދުބާންގޭ މުހައްމަދު އިފްރާން އާއި މ. ކުދެހި ހަސަން ޝިފާޒާއި ގދ. ތިނަދޫ ހިކިފިނިފެންމާގޭ އަހުމަދު ނަސޫހް އަބްދުﷲ އާއި މ. ޕާލްމާވިލާ މުހައްމަދު ޔަޝްފައު ރަޝީދު އަދި މ. ކޮޅުފުށި އީސްޓް ހުސެއިން ޒިޔާދު ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް