ބަރުމާގެ ރަކީން ސްޓޭޓްގައި ދިރިއުޅޭ ރޮހިންޖާ ދަރިކޮޅުގެ މުސްލިމުންނަށް، އެގައުމުގެ ބުދުދީނުގެ އަހުލުވެރިންނާއި ސަރުކާރުގެ ސަލާމަތީ ބާރުތަކުން ދޭން ފެށި ލާއިންސާނީ އަނިޔާތަކަށް ކެތް ނުކުރެވިގެން އެގައުމުގެ އެތަން މިތަނަށް ވިއްސިވިހާލިވެފައިވާ މުސްލިމުންނަށް އެހީވާނެ ކަމަށް ބަރުމާގެ ސަރުކާރުން ބުނެފި އެވެ.
ބަރުމާގެ މުސްލިމުންނަށް ކުރާ އަނިޔާ އިންތިހާއަށް ގޮސްފައިވާތާ 16 ދުވަސް ވެފައިވާއިރު މިފަދަ މޭރުމަކުން އެގައުގެ ސަރުކާރުން ވާހަކަ ދެއްކި މިއީ ފުރަތަމަ ފަހަރެވެ. ބަރުމާގެ ސަރުކާރުން ބުނެފައިވަނީ އެ ފަރާތްތަކަށް އެހީތެރިވުމަށް ކޭމްޕްތަކެއް ގާއިމް ކުރާނެ ކަމަށެވެ.
އޮގަސްޓް 25 އިން ފެށިގެން މިހާތަނަށް ދެ ލައްކަ ހަތްދިހަ ހާހަށްވުރެ ގިނަ މުސްލިމުން އެ ގައުމު ދޫކޮށް ހިޖުރަކޮށްފައި ވެ އެވެ. ގިނަ މީހުން ހިޖުރަކޮށްފައިވަނީ ބަންގްލަދޭޝަށެވެ.
މުސްލިމުންނަށް އެހީވުމަށް ކޭމްޕްތަކެއް ގާއިމްކުރާނެ ކަން ބަރުމާގެ ސަރުކާރުން ހާމަކުރި ނަމަވެސް އެކަން ކުރިއަށް ގެންދާނެ ގޮތުގެ މާބޮޑު ތަފްސީލެއް އަދި ހާމަކޮށްފައެއް ނުވެ އެވެ. އެގައުމުން މިކަން ހާމަކޮށްފައިވާއިރު ބަރުމާގައި ރޮހިންޖާ މުސްލިމުންނަށް ދެމުންދާ އަނިޔާތަކާއި ގުޅިގެން ބަރުމާގެ ސަރުކާރަށް ފިއްތުންތަކެއް ވަނީ ކުރިމަތި ވެފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް