ޖަލަށް ލާފައިވާ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ބައިނަލްއަގްވާމީ ގާނޫނީ ވަކީލުންނާއި ނަޝީދުއާއި ދެމެދު ދެކެވުނު ވާހަކަތައް އަޑުއަހާކަމުގައި ބެލެވޭކަމަށް ނަޝީދުގެ ގާނޫނީ ވަކީލުންގެ ޓީމުން މިއަދު ބުނެފައިވާއިރު މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން މިކަން ދޮގުކޮށްފި އެވެ.
އެކަން ދޮގުކޮށް އެ ސާވިސް އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ބިދޭސީ ގާނޫނީ ޓީމާއި ރައީސް ނަޝީދާ ދެމެދު މާފުށީ ޖަލުގައި ކުރިއަށް ގެންދެވި ބައްދަލުވުމަށް ރިއާޔަތްކޯށް ކަރެކްޝަންސްއާ ދެކޮޅަށް ތުހުމަތުތަކެއް އުފުލާފައި ވާކަމުގެ މައުލޫމާތު ލިބިފައި ވާކަމަށެވެ.
"މި ތުހުމަތު ތަކަކީ ރައީސް ނަޝީދުގެ ބިދޭސީ ގާނޫނީ ޓީމާއި ރައީސް ނަޝީދާ ދެމެދު މާފުށީ ޖަލުގައި ހިނގި ބައްދަލުވުމުގައި ދެކެވުނު ވާހަކަތަކާއި ބަދަލުކުރެވުނު އިމްތިޔާޒު ލިބިގެންވާ މައުލޫމާތު ކޮންމެވެސް މޭރުމަކުން އަޑުއަހާ ހޯދާފައިވާ ކަމާއި މިކަމުގެ ސަބަބުން އެ މައުލޫމާތު ބޭރުވެފައިވާ ކަމުގެ ތުހުމަތު – މި ކަމުގައި މި ސާވިސް އާއި ސަރުކާރުގެ އެއްވެސް އަތެއްވާކަމުގައި ބުނާ ތުހުމަތުތައް މި ސާވިސްގެ ފަރާތުން ކަނޑައެޅިގެން ދޮގުކުރަން" ކަރެކްޝަންސްގެ ބަޔާނުގައި ވެ އެވެ.
އެ ބަޔާނުގައި ބުނެފައިވަނީ ގައިދީންނާއި އެ ފަރާތަތްތަކުގެ ވަކީލާ ދެމމެދު ބަދަލުކުރެވޭ މައުލޫމާތަކީ ވަކީލު – މުވައްކިލު ގުޅުމުގެ އިމްތިޔާޒުން ހިމާޔަތްކޮށް ރައްކާތެރިކުރެވިފައިވާ މައުލޫމާތު ކަމުގައި މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ދެކޭ ކަމަށެވެ. އަދި މިކަން ކަށަވަރު ކުރުމަކީ އެ ސާވިސްގެ ޒިންމާއަކާއި މަސްއޫލިއްޔަތެއް ކަމުގައި ދެކޭ ކަމަށްވެސް ކަރެކްޝަންސްގެ ބަޔާނުގައި ވެ އެވެ.
"ރައީސް ނަޝީދާއި އެ މަނިކުފާނުގެ ގާނޫނީ ޓީޟާއެކު ބައްދަލުކުރެއްވުމަށް އެކަށީގެންވާ މާހައުލު ރައީސް ނަޝީދަށް ވާނީ ފޯރުކޮށްދީފައި، އެ މާހައުލަކީ މި ދެ ފަރާތް ދެމެދު ފަސޭހަކަމާއެކު، އިތުރު އެއްވެސް ފަރާތަކަށް ހާމަކުރުމެއްނެތި، ވާހަކަ ދެކެވޭނެ މާހައުލެއް ކަމުގައިވެސް ކަށަވަރު ކުރަމު" އެ ބަޔާނުގައި ވެ އެވެ.
ރައީސް ނަޝީދުގެ ގާނޫނީ ޓީމުން ކޮށްފައިވާ ތުހުމަތުތައް އެންމެ ފުރިހަމަޔަށް ތަހުގީގު ކުރެވެން ޖެހޭނެ ކަމަށްވެސް ކަރެކްޝަންސްގެ ބަޔާނުގައި ވެ އެވެ. ކަރެކްޝަންސް އިން ބުނަނީ އެކަން ތަހުގީގު ކުރާނެ ކަމަށާއި އެ ތަހުގީގުން ފާޅުވާ ކަންތައްތައް ރިޕޯޓްވެސް ކުރާނެ ކަމަށެވެ.
"ތުހުމަތުތަކުގައި ފާހަގަކޮށްފައިވާ ފަދައިން، ރައީސް ނަޝީދުގެ އަސާސީ އެއްވެސް ހައްގަކަށް އެއްވެސް ފަރާތަކުން އަރައިގަނެފައިވާ ކަމުގައި މި ސާވިސް އަށް ފެނިއްޖެނަމަ، އެފަދަ ފަރާތްތަކާ ދެކޮޅަށް އެކަށީގެންވާ ގާނޫނީ ފިޔަވަޅު އެޅިގެން ދާނެ" އެ ބަޔާނުގައި ވެ އެވެ.
ބަޔާނުގައި އިތުރަށް ބުނެފައިވަނީ ރައީސް މުހައްމަދު ނަޝީދުގެ ބަންދުގެ އެންމެހާ ކަންކަމަކީ އެކަށީގެންވާ އެންމެ ފުރިހަމަ މިންގަޑުތަކަށް ރިއާޔަތްކޮށްގެން ތަރުތީބު ކުރެވޭ ކަންކަން ކަމުގެ ޔަގީންކަން އަރުވާ ކަމަށެވެ. އަދި މީގެ ތެރޭގައި ޖަލުތަކުގައި ހުންނވާ ތަނުގެ ހާލަތެކޭ އެއްފަދައިން ޖަލުގައި އެމަނިކުފާނު ހުންނަވާ މުއްދަތުގައި އެމަނިކުފާނުގެ ގާނޫނީ ޓީމާ މިނިވަންކަމާއެކު ބައްދަލު ކުރުމުގެ ފުރުސަތު ލިބިދިނުމާއި މެދު ހާއްސަ ސަމާލުކަމެއް ދެމުން ގެންދާނެކަމަށްވެސް ކަރެކްޝަންސްގެ ބަޔާނުގައި ވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް