އިރާގާއި ސީރިޔާ އަދި މެދުއިރުމަތީގެ ބައެއް ގައުމުތަކުގައި އިސްލާމީ ވަކި ހިލާފަތެއް އިއުލާނުކޮށް އެ ހިލާފަތު ދެމެހެއްޓުމަށް ހަނގުރާމަކުރަމުން އަންނަ އައިއެސް ޖަމާއަތަކީ އިސްލާމީ ހިލާފަތެއް ކަމަށް ގަބޫލު ނުކުރެވޭ ކަމަށާއި އެމީހުންގެ އަމަލުތައް ހުރީ އިސްލާމުންގެ އަމަލުތަކާ ހިލާފަށް ކަމަށް އިންޑިއާގެ މުސްލިމުން ބުނެފި އެވެ.
އިންޑިއާގެ މުސްލިމުން މިހެން ބުނެފައިވަނީ އިންޑިއާގެ އެކު ސަރަހައްދުތަކުން ހާހަކަށްވުރެ ގިނަ މިސްކިތުގެ އިމާމުންނާއި ދީނީ އިލްމުވެރިން ސޮއިކޮށް ނެރުނު ފަތުވާއެއްގަ އެވެ.
އިއްޔެ އާންމުކުރި މި ފަތުވާ އާންމުކޮށްފައިވަނީ މުމްބާއީއަށް ނިސްބަތްވާ ދީނީ އިލްމުވެރިއެއް ކަމަށްވާ މުހައްމަދު މަންޒަރު ހަސަން އަސްރަފީ މިސްބާހީ އެވެ.
"އައިއެސްއިން ހިންގަނީ އިންސީނިއްޔަތާ ހިލާފު، އިސްލާމް ދީނާ ހިލާފު އަމަލުތަކެއް، ދީނުގައި ވާގޮތުންނަމަ ހައްގަކާ ނުލާ ޖަނަވާރެއްވެސް މަރައިގެން ނުވާނެ" ބައިނަލްއަގްވާމީ މީޑިއާތަކަށް މައުލޫމާތު ދެމުން މިސްބާހީ ބުނެފައި ވެ އެވެ.
1100 ސަފްހާގެ މައްޗަށް އެކުލެވޭ އެ ފަތުވާ ދުނިޔޭގެ 50 ގައުމެއްގެ ލީޑަރުންނަށް ފޮނުވަން އިންޑިއާގެ މުސްލިމުން ވަނީ ނިންމާފަ އެވެ. އެއީ އެކަމާމެދު ގައުމުތަކުގެ ވެރިން ފުންކޮށް ވިސްނުމަށްކަމަށްވެސް އިންޑިއާގެ މުސްލިމުން ބުނެ އެވެ.
އިންޑިއާއަކީ ދުނިޔޭގައި ތިންވަނައަށް މުސްލިމުން އެންމެ ގިނަ ގައުމެވެ. އެ ގައުމުގެ އާބާދީގެ 14 އިންސައްތަ ކަމަށްވާ 172 މިލިޔަން މީހުންނަކީ މުސްލިމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް