އައިއެސް ޖަމާއަތަކީ ތާކުންތާކުޖެހޭ ބައެއް ނޫން ކަމަށާއި ހުޅަނގުގެ ކޯލީޝަނާ ހަނގުރާމަކޮށް ބަލިކުރަން ބޭނުންނަމަ ހުރިހާ ހަނގުރާމަވެރިންވެސް އަލްގައިދާއާ ގުޅުމަށް އެ ޖަމާއަތުގެ ލީޑަރު އައިމަން އަލް ޒަވާހިރީ ގޮވާލައިފި އެވެ.
ޒަވާހިރީ މިކަމަށް ގޮވާލާފައިވަނީ އިންޓަނެޓްގައި ދައުރުވަމުން އަންނަ އޯޑިއޯއެއްގަ އެވެ.
އެ އޯޑިއޯގައި ޒަވާހިރޫ ވިދާޅުވެފައިވަނީ އައިއެސްއަކީ ހިލާފަތެއް ކަމަށް އެމީހުން ގަބޫލު ނުކުރާ ކަމަށާއި އައިއެސްގެ ވެރިޔާ އަބޫ ބަކުރު އަލް ބަގްދާދީގެ ތެދުވެރިކަމާއި ހިތްނިޔަތާއިމެދު ޝައްކު ކުރާ ކަމަށެވެ. ޒަވާހިރީގެ އޯޑިއޯއަކީ ކޮން އިރެއްގެ އޯޑިއެއްކަން ސާފުވެފައެއް ނުވެ އެވެ.
އިރާގާއި ސީރިޔާ އަދި މެދުއިރުމަތީގެ ބައެއް އެހެން ގައުމުތަކުގައި އައިއެސްއިން އަންނަނީ އިސްލާމީ ވަކި ހިލާފަތެއް އިއުލާނުކޮށް އެ ހިލާފަތު ފުޅާކޮށް ދެމެހެއްޓުމަށް މަސައްކަތް ކުރަމުންނެވެ. އައިއެސް އުފެދުމާއެކު އަލްގައިދާގެ ނަން ވަނީ ފަނޑުވެގެން ގޮސްފަ އެވެ.
އައިއެސް ދޫކޮށް އެ ޖަމާއަތާ ބައިވެރިވުމަށް ހަނގުރާމަވެރިންނަށް ޒަވާހިރީ ގޮވާލިނަމަވެސް އެ އޯޑިއޯގައި ޒަވާހިރީ ބުނެފައިވަނީ އައިއެސްގެ ނިޔަތާއި މަގްސަދާމެދު ސުވާލު އުފެއްދި ނަމަވެސް ދެ ޖަމާއަތް އެކުގައި މަސައްކަތް ކުރުމުގެ ފުރުސަތުވެސް އެބަ އޮތް ކަމަށެވެ. ސަބަބެއްގެ ގޮތުގައި ޒަވާހިރީ ބުނެފައިވަނީ ޝިއައިއީންނާ ދެކޮޅަށާއި ހުޅަނގުގެ ގައުމުތަކާއި ދެކޮޅަށް ހަނގުރާމަ ކުރުމެވެ.
ހަނގުރާމަވެރި ދެ ޖަމާއަތް ކަމުގައިވާ އައިއެސް އަދި އަލްގައިދާއާ ދެމެދުގެ މަސްރަހު މިހެން އޮތް އިރު އައިއެސް ނައްތާލުމަށް އެމެރިކާއިން އިސްވެ އޮވެ އެކި ގައުމުތަކާއެކު ކޯލީޝަނެއް އެކުލަވާލައި އިރާގާއި ސީރިޔާގައި އައިއެސްއާއި ދެކޮޅަށް ވައިގެމަގުން ހަމަލާ ދެމުން އަންނަތާ އަހަރަކަށްވުރެ ގިނަ ދުވަސް ވަނީ ވެފަ އެވެ.
ނަމަވެސް މެދުއިރުމަތީގެ މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނާގޮތުގައި މިހާތަނަށް އެމެރިކާއަށް އެއްވެސް ވަރެއްގެ ކާމިޔާބީއެއް ނުލިބެ އެވެ. އަދި ދުވަހެއް ދުވަހަކަށް މެދުއިރުމަތީގައި އައިއެސްގެ ބާރު އަންނަނީ ގަދަވަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް